ބެލިޖިއަމްގެ ވެރިރަށް ބްރިސުލްސްގައި މި މަހުގެ ހަތަކުން ނުވަޔަކަށް ކުރިޔަށް ދިޔަ، "ސީފުޑް އެކްސްޕޯ 2019"ގައި މިފްކޯއިން ބައިވެރިވެއްޖެ އެވެ.
ސީފުޑް އެކްސްޕޯ އަކީ ދުނިޔޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު ފެއާއެވެ. މި ފެއާގެ މަގުސަދަކީ ސީފުޑްގެ ބާވަތްތައް ތައާރަފުކުރުމާއި އިޝްތިހާރުކުރުމާ އެކު، ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވިޔަފާރި ފުޅާކޮށް ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެހެން އަހަރު ތަކެކޭ އެއްފަދައިން މި ފަހަރުވެސް މިފްކޯއިން ވަނީ މި ފެއާގައި އެ ކުންފުނީގެ ޚާއްސަ ސްޓޯލެއް ކުންފުނީގެ ދިވެހި އުފެއްދުންތަކަން ފެންނާނެހެން ބަހައްޓައިފަ އެވެ. އަދި އެ ސްޓޯލަށް ވަނީ ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފަ އެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ އެކު މިހާރު ވިޔަފާރިކުރަމުން އަންނަ ފަރާތްތަކާ އެކު އެއް ތަނަކުން ބައްދަލުވެ ޚިޔާލުބަދަލުކުރެއްވުން ކަމަށެވެ.
މި ފަހަރުގެ ސީފުޑް ފެއާގައި މަހުގެ ބާވަތްތައް ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި މީޑިއާގެ ފަރާތްތައް އަދި މި އުފެއްދުންތައް މާކެޓްކޮށް ޕްރޮމޯޓު ކުރުމުގެ ދާއިރާގައި ހިމެނޭ ކުންފުނިތައް ހިމެނޭ ގޮތުން 29100 ފަރާތުން ބައިވެރިވި އެވެ. މި ފެއާގައި 152 ގައުމަކުން ބައިވެރިވެފައިވެ އެވެ. މި ފަހަރުގެ ފެއާގައި 78 ގައުމަކުން 1940 ކުންފުންޏެއްގެ އުފެއްދުންތައް ވަނީ ދައްކައިލައިފަ އެވެ.