މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަރުހަތު ޝަހީރު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިރޭ ބުނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ.
ފަރުހަތަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވުމަށްފަހު، 2012 ވަނަ އަހަރު ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވި ބޭފުޅެކެވެ. ފަރުހަތު ވަނީ އެމްއެންޑީއެފްގައި 30 އަހަރު ދުވަހުގެ މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ.
ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ފަރުހަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވާ ތިންވަނަ ބޭފުޅާއެވެ. މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހަމަޖެއްސީ އަހުމަދު ޝަމާހު ރަޝީދެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭ ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. އެފަހުން މިފްކޯގެ ސީއީއޯގެ މަގާމު ހުސްކޮށް އޮތުމަށްފަހު ވަނީ ރާއްޖެއިން ބޭރު ސީއީއޯއެއް ހޯދަން އިއުލާންކޮށްފައެވެ.
އެންމެ ފަހުން އެ މަގާމުގައި ހުންނެވީ ޔޫކްރެއިނަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ވިޓާލީ ލިއުބިމޮވް އެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ޑޮކްޓަރޭޓް އަދި އިކޮނޮމިކްސް ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ވިޓާލީ، މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް ޕީސީބީން އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.