ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ފްރާންސް 1-0 ބެލްޖިއަމް (ދެވަނަ ހާފް)

01 Jul 22:57

މެޗުގެ އުސްއަލިތައް

  • މެޗުގެ ފެށުން ފެނުނީ ހަމަހަމަކޮށް، ދެ ޓީމުގެ މާ ބޮޑު ފަރަގެއް ނުފެނޭ
  • ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުމަކުން ބެލްޖިއަމް ނުރައްކާ ކުރި، ކަރަސްކޯ ފޮނުވާލި ހަމަލާ ވީ ބްލޮކް
  • ފްރާންސްގެ ހަމަލާތަކެއް ފަހު ކޮޅުގައި ފެނުނު
  • އެމްބާޕޭއާއި ޗުއެމެނީގެ ނުރައްކާ ފެނުނު، ޗުއެމެނީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން
  • އެމްބާޕޭ ހުއްޓުވަން ބެލްޖިއަމްއިން ފުރަތަމަ ހާފުގައި ކުރި މަސައްކަތް ފާހަގަވި
  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ފްރާންސުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި
  • އެގޮތުން ފްރާންސްގެ ޗުއަމެނީ، ތުރާމް އަދި އެމްބާޕޭއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވޭ
  • ޗުއަމެނީގެ ހަމަލާ ބެލްޖިއަމް ކީޕަރު ކަސްޓީލްސް މަތަކުރި
  • ތުރާމް އަދި އެމްބާޕޭގެ ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
  • ފްރާންސްގެ ހަމަލާތަކަކަށްފަހު، ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް ލިބުނު
  • ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިގްނަން ވަނީ މަތަކޮށްފައި
  • އޭގެ ގިނައިރުތަކެއް ނުވެ ފްރާންސްގެ ނުރައްކަލެއް ފެނުނު
  • ސަލީބާ ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • ބެލްޖިއަމްގެ ކެޕްޓަން ޑި ބްރޭނާގެ ނުރައްކަލެއް ފެނުނު، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފްރާންސް ކީޕަރު މައިގްނަން
  • މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ފްރާންސުން ލީޑު ހޯދި
  • އެ ގޯލަކީ ބެލްޖިއަމް ޑިފެންޑަރު ވާޓޮންގެން އަތުން ބައިކޮޅަށް ވަން ގޯލެއް
01 Jul 22:51

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން، ފްރާންސް ކުއާޓާ ފައިނަލަށް.

01 Jul 22:47

'88 - ބެލްޖިއަމުން ދެ ބަދަލެއް. ކަރަސްކޯ އަދި ކަސްޓަންޔޭގެ ބަދަލުގައި ކުޅެން ނުކުތީ ޑޯޑީ ލުކެބަކިއޯ އަދި ޗާލްސް ޑި ކަޓަލެއާ.

01 Jul 22:43

'85 - ފްރާންސުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ބެލްޖިއަމް ޑިފެންޑަރު ޔާން ވާޓޮންގެން އަތުން ބައިކޮޅަށް ވަން ގޯލެއް. އޭނާ އަތުން އެ ގޯލު ބައިކޮޅަށް ވަދެފައިވަނީ އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ފޯވަޑް ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި.

01 Jul 22:42

01 Jul 22:40

'83 - ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް. ޖެރެމީ ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިގްނަން ވަނީ މަތަކޮށްފައި.

01 Jul 22:36

'78 - ފްރާންސްގެ އިތުރު ނުރައްކަލެއް. ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 22:34

ބެލްޖިއަމް ކޯޗު ޑޮމެނިކޯ ޓެޑެސްކޯއަށް ވެސް ރީނދޫ ކާޑެއް.

01 Jul 22:34

'76 - ރަންޑަލް ކޯލޯ މުއާނީއަށް ކުރިއަށް ފައުލަކާ ގުޅިގެން ބެލްޖިއަމް ޑިފެންޑަރު ޔާން ވާޓޮންގެންއަށް ރީނދޫ ކާޑެއް.

01 Jul 22:32

'74 - ފްރާންސްގެ ނުރައްކަލެއް. ޖެރެމީ ޑޯކޫ ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

01 Jul 22:29

'70 - ބެލްޖިއަމްގެ ނުރައްކަލެއް. އޮރެލް މަންގަލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފައި.

01 Jul 22:26

'69 - ފްރާންސްގެ އިތުރު ހަމަލާއެއް. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އޯރެލިއެން ޗުއަމެނީ ފޮނުވާލި ހަމަލާ ވެސް ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 22:22

'65 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 22:20

'63 - ބެލްޖިއަމުން ވެސް ބަދަލެއް. އިކޯމާ ލޮއިސް އޮޕެންޑާގެ ބަދަލުގައި ކުޅެން ނުކުތީ އޮރެލް މަންގާލާ.

01 Jul 22:20

62 - ފްރާންސުން ބަދަލެއް. މާކަސް ތުރާމްގެ ބަދަލުގައި ކުޅެން ނުކުތީ ރަންޑަލް ކޯލޯ މުއާނީ.

01 Jul 22:18

'61 - ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް. ކެޕްޓަން ކެވިން ޑި ބްރޭނާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޔަނިކް ކަރަސްކޯ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ތެއޯ ހެނާންޑޭޒް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައި.

01 Jul 22:12

'54 - އަނެއްކާވެސް ފްރާންސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ވެސް ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

01 Jul 22:10

'51 - ފްރާންސްގެ އިތުރު ނުރައްކަލެއް. ޖޫލްސް ކޫންޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ހުރެ، މާކަސް ތުރާމް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

01 Jul 22:07

'49 - ފްރާންސްގެ ނުރައްކަލެއް. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ އޯރެލިއެން ޗުއަމެނީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބެލްޖިއަމް ކީޕަރު ކޮއޭން ކަސްޓީލްސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

01 Jul 22:02

ދެވަނަ ހާފުގެ ކުޅުން ފެށީ ބެލްޖިއަމުން.

01 Jul 21:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ފެށުން ފެނުނީ ހަމަހަމަކޮށް، ދެ ޓީމުގެ މާ ބޮޑު ފަރަގެއް ނުފެނޭ
  • ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުމަކުން ބެލްޖިއަމް ނުރައްކާ ކުރި، ކަރަސްކޯ ފޮނުވާލި ހަމަލާ ވީ ބްލޮކް
  • ފްރާންސްގެ ހަމަލާތަކެއް ފަހު ކޮޅުގައި ފެނުނު
  • އެމްބާޕޭއާއި ޗުއެމެނީގެ ނުރައްކާ ފެނުނު، ޗުއެމެނީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން
  • އެމްބާޕޭ ހުއްޓުވަން ބެލްޖިއަމްއިން ފުރަތަމަ ހާފުގައި ކުރި މަސައްކަތް ފާހަގަވި
01 Jul 21:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

01 Jul 21:46

'45+1 - ފްރާންސަށް ފުރުސަތެއް. ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޯރެލިއެން ޗުއަމެނީ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 21:44

01 Jul 21:40

'39 - ފްރާންސްގެ ހަމަލާއެއް. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން، އޯރެލިއެން ޗުއަމެނީ ދުރުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 21:34

'34 - ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް. ޖޫލްސް ކޫންޑޭ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މާކަސް ތުރާމް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 21:27

01 Jul 21:27

'27 - ބެލްޖިއަމްގެ ނުރައްކަލެއް. ރީތި ކުޅުމަކަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޔަނިކް ކަރަސްކޯ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ތެއޯ ހެނާންޑޭޒް ވަނީ ބްލޮކްކޮށްފައި.

01 Jul 21:26

'25 - ޖެރެމީ ޑޯކޫއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސްގެ އެޑްރިއެން ރަބިއޯއަށް ރީނދޫ ކާޑެއް. ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކޮށްފި ނަމަ، ދެ ކާޑު ހަމަވުމުން ރަބިއޯއަށް އެ މެޗު ގެއްލޭނެ.

01 Jul 21:25

'24 - ބެލްޖިއަމްގެ ހިލޭ ޖެހުން ނުރައްކާ. ކެޕްޓަން ކެވިން ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުން، ފްރާންސްގެ ކީޕަރު މައިކް މައިގްނަންއާ ދިމާއަށް ދިޔަ ނަމަވެސް، އޭނާ އެ ބޯޅަ މަތަކުރީ އުނދަގުލަކާއެކު.

01 Jul 21:23

'23 - ޖެރެމީ ޑޯކޫއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސްގެ އެންޓޮއިން ގްރީޒްމަންއަށް ރީނދޫ ކާޑެއް.

01 Jul 21:18

'18 - ފްރާންސްގެ ހަމަލާއެއް. އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މާކަސް ތުރާމް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 21:15

'15 - ރެފްރީއަށް ޝަކުވާކުރުމާ ގުޅިގެން ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީއަށް ރީނދޫ ކާޑެއް.

01 Jul 21:15

'14 - ފްރާންސްގެ ނުރައްކަލެއް. ތެއޯ ހެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެެއް ނުވޭ.

01 Jul 21:12

'12 - ފްރާންސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ޖޫލްސް ކޫންޑޭ ހުސްކޮށް ހުރެ ވަން ނަމަވެސް، އޭނާ ދިން ބޯޅަ ފްރާންސްގެ އިތުރު ކުޅުންތެރިޔަކަށް ލިބޭ ގޮތެއް ނުވި.

01 Jul 21:11

'9 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ބެލްޖިއަމްގެ ކީޕަރު ކޮއޭން ކަސްޓީލްސް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

01 Jul 21:10

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ، ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ފްރާންސުން ބޮޑަށް އެޓޭކުގައި މަސައްކަތްކުރާ އިރު، ބެލްޖިއަމުން ކުޅެނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން.

01 Jul 21:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ފްރާންސުން.

01 Jul 20:51

ބެލްޖިއަމުން ތަޖުރިބާކާރު މިޑްފީލްޑަރު ޔެނިކް ކަރަސްކޯއަށް ފުރުސަތު ދީފައިވާ އިރު، ރޮމެލޫ ލުކާކޫއާއެކު އެންމެ ކުރިން ފެންނާނީ އިކޯމާ ލޮއިސް އޮޕެންޑާ. މި މެޗުގެ ފުރަތަމަ 11 އިން ޔޫރީ ޓިއެލެމަންސް އަދި ލިއާންޑްރޯ ޓްރޮސާޑަށް ފުރުސަތު ދީފައެއް ނުވޭ.

01 Jul 20:46

މި މެޗަށް ދެ ޓީމުން ވެސް ނުކުންނަނީ ބަދަލުތަކަކާއެކު. އެގޮތުން ފްރާންސުން ވަނީ އަލުން އެންޓޮއިން ގްރީޒްމަންއަށް ފުރުސަތު ދީފައި. ނަމަވެސް އޮސްމާން ޑެމްބެލޭ މި މެޗު ފަށަނީ ބެންޗުން.

01 Jul 20:45

ބެލްޖިއަމްގެ ފުރަތަމަ 11:

  • ކޮއޭން ކަސްޓީލްސް - ގޯލްކީޕަރު
  • ވޫޓް ފާސް
  • އާތާ ތެއާޓް
  • ޔާން ވާޓޮންގެން
  • ތިމޮތީ ކަސްޓަންޔޭ
  • ޖެރެމީ ޑޯކޫ
  • ކެވިން ޑި ބްރޭނާ - ކެޕްޓަން
  • އަމަދޫ އޮނާނާ
  • ޔެނިކް ކަރަސްކޯ
  • ރޮމެލޫ ލުކާކޫ
  • އިކޯމާ ލޮއިސް އޮޕެންޑާ
01 Jul 20:44

ފްރާންސްގެ ފުރަތަމަ 11:

  • މައިކް މައިގްނަން - ގޯލްކީޕަރު
  • ޖޫލްސް ކޫންޑޭ
  • ތެއޯ ހެނާންޑޭޒް
  • ޑަޔޯ އުޕަމެކާނޯ
  • ވިލިއަމް ސަލީބާ
  • އެންގޯލޯ ކަންޓޭ
  • އޯރެލިއަން ޗުއަމެނީ
  • އެޑްރިއެން ރަބިއޯ
  • އެންޓޮއިން ގްރީޒްމަން
  • މާކަސް ތުރާމް
  • ކިލިއަން އެމްބާޕޭ - ކެޕްޓަން

ޔޫރޯ 2024 ގެ ގަދަ 16 ގައި ފްރާންސާއި ބެލްޖިއަމް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މީގެ ދެ އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފްރާންސުން ޔޫރޯ ފެށީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫން. އެންމެ ފުރަތަމަ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އޮސްޓްރިއާ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ފްރާންސުން 1-0 އިން މޮޅުވި ނަމަވެސް، ދެން ނެދަލޭންޑްސްއާ ދެކޮޅަށް އަދި ޕޮލެންޑާ ދެކޮޅަށް ކުޅެގެންވީ އެއްވަރު. އޭގެ ތެރެއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސަށް ގޯލެއްވެސް ޖެހިފައެއް ނުވޭ. ޕޮލެންޑާ ކުޅެގެން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން.

ބެލްޖިއަމުން ގަދަ 16 ގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަނީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި. އެޓީމަށް ގްރޫޕް ސްޓޭޖް ވެފައިވަނީ ބޮޑު މާޔޫސް ކަމަކަށް. ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން 1-0 އިން ބަލިވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ 2-0 އިން ރުމޭނިއާ އަތުން އެކަނި. ފަހު މެޗުގައި އެޓީމު އެއްވަރުވީ ޔުކްރެއިން ކައިރީ 0-0 ގެ ނަތީޖާއަކުން.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ބެލްޖިއަމާއި ފްރާންސް މިހާތަނަށް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި 75 މެޗު ކުޅެފައިވޭ.
  • އޭގެ ތެރެއިން ފްރާންސް 26 މެޗަކުން މޮޅުވި. ބެލްޖިއަމް މޮޅުވީ 30 މެޗުން.
  • ދެ ޓީމުގެ ކުރިމަތިލުންތައް އެއްވަރުވެފައި ވަނީ 19 މެޗެއްގައި.
  • ދެ ގައުމުން އެންމެ ފުރަތަމަ 1904 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއް ކުޅުނު އިރު، އެންމެފަހުން ކުޅުނީ 2021 ވަނަ އަހަރު.
  • އެ ފަހަރު ވާދަކުރީ ނޭޝަންސް ލީގު މެޗެއްގައި، އެ މެޗުން ފްރާންސް މޮޅުވީ 3-2 އިން.
  • 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީގައި ދެ ގައުމުން ވާދަކުރި މެޗު، ފްރާންސުން ކާމިޔާބުކުރީ 1-0 އިން.
  • ދެ ގައުމުން އެންމެފަހުން ޔޫރޯގައި ކުޅުނީ 1984 ވަނަ އަހަރު. އެފަހަރު ފްރާންސް މޮޅުވީ 5-0 އިން.