ދެކުނު އެމެރިކާގެ އެންމެ ބޮޑު ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކުޅުނު ތިންވަނަ މެޗުގައި ރޭ ޕެރޫ ވެސް ބަލިކޮށްފިއެވެ.
އާޖެންޓީނާއިން ރޭ ފްލިރިޑާގެ މިއާމީ ގާޑެންސްގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕެރޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓައިފައެވެ. ގްރޫޕް އޭގައި އާޖެންޓީނާ ވަނީ ވަރުގަދަ ޗިލީ އާއި ކެނެޑާގެ އިތުރުން ޕެރޫ ބަލިކޮށްފައެވެ.
ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. އެއީ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. މިހާތަނަށް އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށް، މިއީ ގައުމީ ޓީމާ އެކު އެންމެ ފަހު މުބާރާތަށްވުން ވެސް ގާތެވެ. އެހެންކަމުން ފިޓްނަސްއަށް މެސީ މަސައްކަތް ކުރަމުންދާ އިރު، އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ހުކުރު ދުވަހު ކުޅެން އޮތް ކުއާޓާ ފައިނަލް މެޗަށް މެސީ ފިޓްވާނެ ކަމަށެވެ.
ރޭގެ މެޗުގައި އާޖެންޓީނާއިން ޖެހި ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް އާޖެންޓީނާއަށް ގޯލު ހުޅުވާލަދިނެވެ. މިދިޔަ ތިން މެޗުގައި ވެސް، އުމުރުން 26 އަހަރުގެ އިންޓަ މިލާން ފޯވަޑް ގޯލު ޖަހާފައިވާ އިރު، ފުރަތަމަ ގޯލަށް ތިން މިނެޓް ފަހުން އޭނާ ދެވަނަ ގޯލެއް ޖެހިއެވެ.
ރޭގެ މެޗުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ލެއާންޑްރޯ ޕަރަޑެސް ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ.
ރޭ ގްރޫޕް އޭގައި ކެނެޑާއިން ވަނީ ޗިލީއާ 0-0 އިން އެއްވަރުކޮށް، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. މިހާތަނަށް ދެ ފަހަރަށް ކޮޕާ އެމެރިކާ ހޯދާފައިވާ ޗިލީއަށް ރޭގެ މެޗުން ތިން ޕޮއިންޓް މަޖުބޫރުވެފައި އޮތް އިރު، މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުގެ ގެބްރިއެލް ސުއާޒޯއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
އެހިސާބުން ކުއާޓާއަށް ދާން ޗިލީއަށް އުނދަގޫތަކާ ކުރިމަތިވެ، ފުރުސަތު ގެއްލުނީ މެޗުން އެންމެ ޕޮއިންޓެއް ލިބުމުންނެވެ.