ކޮޕާ އެމެރިކާ

ނުނޭޒް، އުރުގުއާއީ ގައުމީ ޓީމުގެ ފަސް މެޗަށް ސަސްޕެންޑް ކޮށްފި

ލިވަޕޫލްގެ އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒް، ގައުމީ ޓީމުގެ ފަސް މެޗަށް ސަސްޕެންޑް ކުރަން ދެކުނު އެމެރިކާ ފުޓުބޯޅައިގެ މައި އިދާރާ، ކޮންމެބޯލް އިން ނިންމައިފިއެވެ.

ކޮންމެބޯލް އިން ނުނޭޒަށް ފިޔަވަޅު އަޅާފައިވަނީ ނިމިދިޔަ ކޮޕާ އެމެރިކާގެ އުރުގުއާއީއާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. އެ ދެ ގައުމުން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން ކޮލަމްބިއާގެ ސަޕޯޓަރުން އުރުގުއާއީ ކުޅުންތެރިން އާއިލާތައް ތިބި ސަރަހައްދަށް ގޮސް، ކުޅުންތެރިންގެ އާއިލާތަކަށް ހަމަލާ ދޭން އުޅުމުން، އުރުގުއާއީގެ ކުޅުންތެރިންވެސް ވަނީ އެކަން ހުއްޓުވަން ގޮނޑި ބަރިއަށް މައްޗަށް އަރައިފައެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އުރުގުއާއީގެ ނުނޭޒެވެ. އޭނާ މައްޗަށް އަރައި ދަރިފުޅު ގޮވައިގެން ފައިބާ ދަނޑުމަތީގައި ހުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ. އަދި ނުނޭޒް ވަނީ ބައެއް ކޮލަމްބިއާ ސަޕޯޓަރުންނަށް ނުރުހުން ފާޅުކޮށް، ކޮންމެވެސް ވަރަކަށް ހަމަލާވެސް ދީފައެވެ.

ނުނޭޒްގެ އެ ކަންތައްތަކުގެ ސަބަބުން ކޮންމެބޯލް އިން ވަނީ އޭނާ 15،145 ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.

ނުނޭޒް ސަސްޕެންޑް ކުރުމުގެ އިތުރުން އެ މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ޓޮޓެންހަމްގެ އުރުގުއާއީ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފައެވެ. އަދި އުރުގުއާއީގެ ނަޕޯލީ ޑިފެންޑަރު މަތިއަސް އޮލިވޭރާއާއި ބާސެލޯނާ ޑިފެންޑަރު ރޮނާލްޑް އަރައޫހޯ އަދި އެތުލެޓިކޯ މެޑްރިޑް ޑިފެންޑަރު ޖޯސޭ މާރިއާ ހިމެނޭޒް ވަނީ ތިން މެޗަށް ސަސްޕެންޑް ކޮށްފައެވެ.