ކޮޕާ އެމެރިކާ

އާޖެންޓީނާ ފައިނަލަށް، މެސީގެ ހުރީ މާ ބޮޑު ހާސްކަމެއް ނެތި އުފަލުގައި!

ދެކުނު އެމެރިކާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ދަތުރު ކޮށްފިއެވެ.

އާޖެންޓީނާއިން ފައިނަލް ޔަގީން ކުރީ ރޭ މެޓްލައިފް ސްޓޭޑިއަމްގައި ކެނެޑާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗު ފެށިގެން 22 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީގެ ފޯވަޑް، ޖޫލިއަމް އަލްވަރޭޒް ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. އެތުލެޓިކޯ މެޑްރިޑް ރޮޑްރިގޯ ޑި ޕައުލް ތަނަވަސްކޮށްދިން ފުރުސަތުގައި އަލްވަރޭޒް ގޯލު ތެރެއަށް ބޯޅަ ފޮނުވާލީ އޭރިއާ ތެރޭގައި ހުރެފައެވެ.

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއަށް ދެވަނަ ގޯލެއް ޖަހައިދިނީ، ރޭގެ މެޗުގައި މޮޅަށް ކުޅުނު ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ އެ ގޯލު ޖެހީ އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅައެއް ގޯލާ ދިމާލަށް މިސްރާބު ބަދަލު ކޮށްލައިގެންނެވެ.

ކޮޕާ އެމެރިކާގެ މިދިޔަ އަށް މުބާރާތެއްގައި ހަ ފަހަރަށް އާޖެންޓީނާ ފައިނަލަށް ގޮސްފައިވެއެވެ. މިހާތަނަށް 15 ފަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ އާޖެންޓީނާއިން އެންމެފަހުން ފައިނަލުގައި ތަށި ނެގީ ބްރެޒިލް ބަލިކޮށްގެންނެވެ. މިފަހަރުގެ ފައިނަލުގައި އާޖެންޓީނާއިން ވާދަކުރަން ޖެހޭނީ އުރުގުއާއީ އާއި ކޮލަމްބިއާ ވާދަކުރާ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ރޭގެ މެޗަށްފަހު އާޖެންޓީނާގެ އެންހޭލް ޑިމަރިއާ ބުނީ އެ ފައިނަލް ވެގެންދާނީ އޭނާ އާޖެންޓީނާ ޖާޒީގައި ކުޅޭ ފަހު މެޗު ކަމަށެވެ. އޭގެ އިތުރުން މެސީވެސް ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

"އަހަރެން ބޭނުންވަނީ މިހާރު ގައުމީ ޓީމާއެކު މި ހޭދަކުރެވޭ އުފާވެރި ވަގުތުތައް އެންޖޯއީ ކޮށްލަން. މިއީ ފަސޭހަ ކަމެއް ނޫން ޖެހިޖެހިގެން ދެ ފައިނަލް ކުޅުމަކީ. އަދި އެ ވިސްނުމުގައި ވާދަކޮށް، އަނެއްކާ ޗެމްޕިއަނުންނަށް ވާން އުނދަގޫވެސް ވާނެ،" ރޭގެ މެޗަށްފަހު މެސީ ބުންޏެވެ.

މެސީ ބުނީ އާޖެންޓީނާއާ އެކު ވޯލްޑް ކަޕާއި ކޮޕާ އެމެރިކާ ހޯދުމަށްފަހު މި ފަހަކަށް އައިސް އޭނާ ހޭދަކުރަމުންދާ ވަގުތުތަކަކީ ވަރަށް އުފާވެރި ވަގުތުތަކެއް ކަމަށާއި އޭނާ ގައުމީ ޓީމުގައި މިވަގުތު ހުރީ ވަރަށް ހަމަޖެހިލާފައި އުފަލުން ކަމަށެވެ.