މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން. ޖަރުމަން ކުއާޓާއަށް.
'90+5 - ޖަރުމަނަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ފްލޯރިއަން ވީޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'89 - ޖަރުމަންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބެންޖަމިން ހެންރިޗްސް ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'87 - ޖަރުމަނުން އިތުރު ބަދަލެއް. ސާނޭގެ ބަދަލުގައި ކުޅެން ނުކުތީ ވަލްޑެމާ އެންޓޮން.
'81 - ޑެންމާކުން ތިން ބަދަލެއް. އެރިކްސަން އާއި ހޮއިލުންޑް އަދި އެންދްރޭސް ކްރިސްޓެންސެންގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް ޑެމްސްގާޑް އާއި ޖޮނަސް ވިންޑް އަދި ޔަކޮބް ބްރޫން ލާސަން.
'80 - ޖަރުމަނުން ދެ ބަދަލެއް. މުސިއާލާ އާއި ޑޭވިޑް ރާމްގެ ބަދަލުގައި ކުޅެން ނުކުތީ ފްލޯރިއަން ވީޒް އަދި ބެންޖަމިން ހެންރިޗްސް.
'69 - ޑެންމާކުން ދެ ބަދަލެއް. ތޯމަސް ޑެލޭނީ އާއި އަންދްރޭސް ސްކޯވް އޮލްސަންގެ ބަދަލުގައި ކުޅެން ނުކުތީ ކްރިސްޓިއަން ނޯގާޑް އަދި ޔޫސުފް ޕޮލްސަން.
'68 - ޖަރުމަނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ނިކޯ ޝްލޮޓާބެކް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑެންމާކު ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލު.
'66 - ޑެންމާކުގެ ނުރައްކަލެއް. ޕިއެރޭ އެމީލް ހޮއިބިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަސްމުސް ހޮއިލުންޑް ފޮނުވާލި ހަމަލާ އަމާޒުވީ ޖަރުމަން ކީޕަރު މެނުއަލް ނޯޔާއާ ދިމާއަށް.
'65 - ޖަރުމަނުން ދެ ބަދަލެއް. ކެޕްޓަން ގުންޑޮގަން އާއި އެންޑްރިކްގެ ބަދަލުގައި ކުޅެން ނުކުތީ ނިކްލަސް ފުލްކްރުގް އަދި އެމްރީ ޗާން.
'64 - ޖަރުމަނަށް ހުސް ފުރުސަތެއް. ކައި ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލެރޯއީ ސާނޭ ފޮނުވާލި ހަމަލާ ދިޔައީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
ޖަރުމަން ކޯޗު ޖޫލިއަން ނަގެލްސްމަންއަށް ވެސް ރީނދޫ ކާޑެއް.
'60 - ލެރޯއީ ސާނޭއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކްގެ ޔޯކިމް މޭލާއަށް ރީނދޫ ކާޑެއް.
'59 - ޖަރުމަނަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ވަރަށް ހުސްކޮށް ހުރެ، ކައި ހަވާޓްޒް ފޮނުވާލި ހަމަލާ ދިޔައީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'57 - އެންޑްރިކްއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކްގެ އެލެކްސެންޑާ ބާ އަށް ރީނދޫ ކާޑެއް.
'53 - ޕެނަލްޓީ ކާމިޔާބުކޮށް، ޖަރުމަނުން ލީޑު ހޯދައިފި. ޖަރުމަނަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް. އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ ޑެންމާކް ގޯލުގެ ތިރީ ކަނަކަށް.
'51 - ޑޭވިޑް ރާމް ފޮނުވާލި ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ޑެންމާކް ޑިފެންޑަރު ޔޯކިމް އެންޑަސަންގެ އަތުގައި ބޯޅަ ޖެހުނުތޯ ބަލަން ވީއޭއާރަށް ބެލުމަށްފަހު ރެފްރީ، ޖަރުމަނަށް ޕެނަލްޓީއެއް ދީފި.
'48 - ޖަރުމަންގެ ޑިފެންސަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޑެންމާކްގެ ޔޯކިމް އެންޑަސަން، ޖަރުމަންގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ބޯޅައަށް މަސައްކަތްކުރި ޑެންމާކުގެ ތޯމަސް ޑެލޭނީ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.
ދެވަނަ ހާފުގެ ކުޅުން ފެށީ ޑެންމާކުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45 - ޑެންމާކްގެ ނުރައްކަލެއް. ތޯމަސް ޑެލޭނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރަސްމުސް ހޮއިލުންޑް ފޮނުވާލި ހަމަލާ، ކުރިއަށްނުކުމެ ޖަރުމަން ކީޕަރު މެނުއަލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'42 - ޑެންމާކަށް ހުސް ފުރުސަތެއް. ޖަރުމަން ޑިފެންޑަރު ނިކޯ ޝްލޮޓާބެކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑެންމާކް ފޯވަޑް ރަސްމުސް ހޮއިލުންޑް ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'41 - ޑެންމާކްގެ ކޯޗު ކެސްޕާ ޖުލްމަންޑްއަށް ރީނދޫ ކާޑެއް.
'37 - ޖަރުމަންގެ އިތުރު ނުރައްކަލެއް. ޓޯނީ ކްރޫސް ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނިކޯ ޝްލޮޓާބެކް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'37 - ޖަރުމަންގެ ނުރައްކަލެއް. ޑޭވިޑް ރާމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.
ވިއްސާރައާ ގުޅިގެން ކުޅުން މެދުކަނޑާލުމަށްފަހު އަލުން މެޗުގެ ކުޅުން ފަށައިފި.
ޔޫއެފާއިން ރަސްމީކޮށް ބުނެފައިވަނީ މޫސުން މާ ބޮޑަށް ގޯސްވުމުން މެޗު މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި، މެޗުގެ ބާކީބައި ކުޅުމާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް. މިވަގުތު ދަނޑަށް ބަލައިލާ އިރު، ސްޓޭޑިއަމް ފުރާޅުގެ އެކިއެކި ދިމާދިމާލުން ފެން ބޯކޮށް ފައިބަމުން ދާތަން ފެނޭ.
'35 - ވިއްސާރާއާ ގުޅިގެން ވިދައި ގުގުރާތީ ކުޅުން ވަގުތީގޮތުން މެދުކަނޑާލައިފި.
'31 - ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހިލޭ ޖެހުން، ޖަރުމަންގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'30 - ޔޯކިމް މޭލާއަށް ޖަރުމަންގެ ރޮބާޓް އެންޑްރިކް ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން ޑެންމާކަށް ހިލޭ ޖެހުމެއް.
'24 - ޑެންމާކަށް އިތުރު ފުރުސަތެއް. ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔޯކިމް މޭލާ ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'21 - ޑެންމާކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ކޮންޓްރޯލުކޮށްލުމަށްފަހު، ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ، ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައި.
'18 - މެޗު ފެށުނީއްސުރެ ޖަރުމަން ޓީމުން ކުރިއަށް ޖެހި ފުލުފުލުގައި އެޓޭކު ކުރަމުންދާ އިރު، ޑެންމާކް ބޮޑަށް ފެންނަނީ ޑިފެންސަށް އިސްކަންދެމުންދާ ތަން.
'16 - ޓޯނީ ކްރޫސް ފޮނުވާލި ހިލޭ ޖެހުން، ޑެންމާކުގެ ވޯލްގައި ހުރި ޔެނިކް ވެސްޓަގާޑް ވަނީ ބްލޮކްކޮށްފައި.
'15 - ލެރޯއީ ސާނޭއަށް އަންދްރޭސް ކްރިސްޓެންސެން ކުރި ފައުލަކާ ގުޅިގެން ޖަރުމަނަށް ނުރައްކާ ހިސާބަކުން ހިލޭ ޖެހުމެއް.
'13 - ޖަރުމަންގެ ހަމަލާއެއް. ކްރޫސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'11 - ޖަރުމަނަށް އިތުރު ފުރުސަތެއް. އެންޓޯނިއޯ ރުޑިގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ ވެސް ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.
'8 - ޖަރުމަންގެ އިތުރު ނުރައްކަލެއް. ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނިކޯ ޝްލޮޓާބެކް ބޮލުން ފޮނުވާލި ހަމަލާ ވެސް ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.
'7 - ޖަރުމަންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޯޝުއާ ކިމިކް ފޮނުވާލި ބާރު ހަމަލާ، ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'4 - ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޖަރުމަން ޑިފެންޑަރު ނިކޯ ޝްލޮޓާބެކް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަނުން ފައުލުކޮށްފައިވާ ކަމަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.
ޑެންމާކުން ފޯވަޑް ލައިން އަދި މެދުތެރެއަށް ގެނެސްފައިވާ ބަދަލެއް ފާހަގަކޮށްލެވޭ. އެގޮތުން މެދުތެރެއިން ތޯމަސް ޑެލޭނީއަށް އަދި ފޯވަޑް ލައިނުން އަންދްރޭސް ސްކޯވް އޮލްސެންއަށް ވަނީ ފުރުސަތު ދީފައި.
ޖަރުމަނުން ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައި. ގްރޫޕު ސްޓޭޖުގެ ތިން މެޗުގައި ވެސް ޖަރުމަންގެ ޑިފެންސުން ފެނުނު ޖޮނަތަން ޓާ އަށް ދެ ކާޑު ހަމަވެ، ސަސްޕެންޝަނުގައި ހުރުމުން އޭނާގެ ބަދަލުގައި ނުކުންނަނީ ނިކޯ ޝްލޮޓާބެކް. އަދި ފުލް ބެކް މެކްސިމިލިއަން މިޓެލްސްޓާޑްގެ ބަދަލުގައި ޑޭވިޑް ރާމް ހިމަނާފައިވާ އިރު، ޒުވާން މިޑްފީލްޑަރު ފްލޯރިއަން ވީޒްގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ލެރޯއީ ސާނޭއަށް.
ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގެ ދެވަނަ މެޗުގައި ޖަރުމަނާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޖަރުމަނުން މިފަހަރުގެ ގަދަ 16 އަށް ނުކުންނަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ މިފަހަރުގެ މުބާރާތް ވަރުގަދަކޮށް ފަށާފައި. އެއީ ސްކޮޓްލެންޑް 5-1 ގެ ނަތީޖާއަކުން ބަލިކޮށްގެން. ދެން ޖެހިގެން އައި މެޗުގައި އެޓީމުން ހަންގޭރީ ބަލިކުރީ 2-0 ގެ ނަތީޖާއަކުން. ޖަރުމަނުން ގްރޫޕްގެ އެއްވަނަ ހޯދީ ފަހު މެޗުގައި ސްވިޒަލޭންޑާ އެއްވަރުކޮށްގެން. ޑެންމާކުން ގްރޫޕް ސީގެ ދެވަނަ ހޯދީ، ތިން މެޗުން އެއްވަރުކޮށްގެން. ފުރަތަމަ މެޗުގައި ސަލޮވީނިއާއާ އެއްވަރުކުރި އިރު، އެޓީމުން ވަނީ ފަހުން އިންގްލެންޑް އަދި ސާބިއާއާ އެއްވަރުކޮށްފައި.