މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެން. އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ސްވިޒަލެންޑަށް.
'90+2 - ސްވިޒަލެންޑުން ބަދަލެއް. އަބިޝާގެ ބަދަލުގައި ކުޅެން ނުކުތީ ރެނާޓޯ ސްޓެފަން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
86 - އިޓަލީން ބަދަލެއް. ފަގިއޯލީގެ ބަދަލުގައި ކުޅެން ނުކުތީ ޑޭވިޑް ފްރަޓޭސީ.
'83 - ސްވިޒަލެންޑްގެ ނުރައްކަލެއް. ގްރެނިޓް ޖަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްޓީވަން ޒޫބާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސްކޮށް ބޭރަށް.
'79 - ސްވިޒަލެންޑުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ފްރޮއިލާ ފޮނުވާލި ހަމަލާ ދިޔައީ އިޓަލީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'77 - ސްވިޒަލެންޑްގެ ދެ ބަދަލެއް. އެމްބޯލޯ އާއި އެންޑޯޔޭގެ ބަދަލުގައި ކުޅެން ނުކުތީ ވިންސެންޓް ސިއެރޯ އަދި ކުވަޑްވޯ ޑުއާ.
'75 - އިޓަލީން ދެ ބަދަލެއް. މަޓެއޯ ޑާމިއަން އާއި ބްރަޔަން ކްރިސްޓަންޓޭގެ ބަދަލުގައި ކުޅެން ނުކުތީ އަންދްރޭ ކެމްބިއާސޯ އަދި ލޮރެންޒޯ ޕެލެގްރިނީ.
'74 - އިޓަލީއަށް ހުސް ފުރުސަތެއް. މަޓިއާ ޒަކާނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖިއާންލޫކާ ސްކަމޭކާ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑިއަށް.
'73 - އިޓަލީގެ ހަމަލާއެއް. ބްރަޔަން ކްރިސްޓަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މަޓެއޯ ރަޓޭގީ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާއާ ދިމާއަށް.
'71 - ސްވިޒަލެންޑުން ދެ ބަދަލެއް. ވާގަސް އާއި ރީޑާގެ ބަދަލުގައި ކުޅެން ނުކުތީ ލިއޮނިޑާސް ސްޓާގޭ އަދި ސްޓީވަން ޒޫބާ.
'64 - އިޓަލީން ބަދަލެއް. ބަރޭލާގެ ބަދަލުގައި މަޓެއޯ ރަޓޭގީ.
'59 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑޭން އެންޑޯޔޭ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'57 - ފަބިއަން ރީޑާއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީ ޑިފެންޑަރު ޖިއާންލޫކާ މަންޗިނީއަށް ރީނދޫ ކާޑެއް.
'52 - އިޓަލީގެ ނުރައްކަލެއް. އިޓަލީގެ ނިކޯލާ ފަގިއޯލީ، ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްވިޒަންޑްގެ ފަބިއަން ޝާގެ ބޮލުގައި ޖެހި ބައިކޮޅަށް ނުވަނީ ކިރިޔާ، އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.
'46 - ދެވަނަ ހާފުގެ ފުރަތަމަ ހަމަލާ އިން ސްވިޒަލެންޑުން ގޯލު ޖަހައި ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއިން އިޓަލީ ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރުބެން ވާގަސް.
ދެވަނަ ހާފުގެ ކުޅުން ފެށީ އިޓަލީން.
މެޗުގެ ދެވަނަ ހާފަށް އިޓަލީން ނުކުންނަނީ ބަދަލަކާއެކު. އެލް ޝަރާވީގެ ބަދަލުގައި ކުޅެން ނުކުންނަނީ މަޓިއާ ޒަކާނީ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ތިން މިނެޓު.
'45+1 - ސްވިޒަލެންޑްގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ފަބިއަން ރީޑާ ފޮނުވާލި ހިލޭ ޖެހުން ހަނި އޭންގަލުން ގޯލަށް ވަންނަން ދަނިކޮށް، އިޓަލީ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'45 - ފަބިއަން ޝާއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ ސްޓެފަން އެލް ޝަރާވީއަށް ރީނދޫ ކާޑެއް.
'37 - ސްވިޒަލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ރުބެން ވާގަސް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރެމޯ ފްރޮއިލާ. އޭނާ އެ ބޯޅަ އަމާޒުކޮށްލީ އިޓަލީ ގޯލުގެ ތިރީ ކަނަކަށް.
'35 - ފަބިއަން ރީޑާއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ ނިކޯލާ ބަރޭލާއަށް ރީނދޫ ކާޑެއް.
'32 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ބާރު ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
26 - އިޓަލީގެ ނުރައްކަލެއް. ފަބިއަން ޝާ ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން އިޓަލީގެ ނިކޯލާ ބަރޭލާ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ސްވިޒަލެންޑް ޑިފެންޑަރު މެނުއެލް އަކާންޖީ ވަނީ ބްލޮކޮށްފައި.
'24 - ސްވިޒަލެންޑަށް ހުސް ފުރުސަތެއް. މިޝެލް އަބިޝާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ފޮނުވާލި ހަމަލާ، އިޓަލީ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'18 - ކައުންޓާ އެޓޭކެއްގައި ބްރީލް އެމްބޯލޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޒަލެންޑްގެ ޑޭން އެންޑޯޔޭއަށް ލިބުމުގެ ކުރިން އިޓަލީ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ހޯދައިފި.
'12 - ސްވިޒަލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑޭން އެންޑޯޔޭއަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، އޭނާގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވާލައިފައެއް ނުވޭ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ސްވިޒަލެންޑުން. ނަމަވެސް ދެ ޓީމަށް ވެސް އަދި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'1 - ސްވިޒަލެންޑްގެ ހަމަލާއެއް. ރުބެން ވާގަސް ދުރުން ފޮނުވާލި ބާރު ހަމަލާ، ބްރަޔަން ކްރިސްޓަންޓޭ ވަނީ ބްލޮކްކޮށްފައި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްވިޒަލެންޑުން.
ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި މިރޭ ސްވިޒަލޭންޑާއި އިޓަލީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިފަހަރުގެ ގަދަ 16 އަށް ނުކުންނަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި. އެޓީމުން ފަހުވަގުތު އިޓަލީން ގަދަ 16 ގެ ފުރުސަތު މިފަހަރު ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން. އެއީ ކްރޮއޭޝިއާ ކަޓުވާލުމަށްފަހު. ސްވިޒަލޭންޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވޭ. ގްރޫޕް އޭގެ ދެވަނަ ސްވިޒަލޭންޑުން ހޯދީ ޖަރުމަނާ އެއްވަރުކޮށް، ހަންގޭރީ ކައިރިން މޮޅުވެސް ވެގެން. އަދި އޭގެ އިތުރުން އެޓީމުން ވަނީ ސްކޮޓްލޭންޑާ އެއްވަރު ކޮށްފައި.