އިމާދު ލަތީފު
އީރާނުގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިޔަށް ދާނެއެވެ. މިއީ ހުސްވި މެއި މަހުގެ ނަވާރަވަނަ ދުވަހު ހެލިކޮޕްޓަރު ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއްގައި ރައީސް އިބްރާހިމް ރައީސީ އަވަހާރަވެފައިވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ޖުމްލަ ހަ ކެންޑިޑޭޓުންނެވެ. އޭގެތެރެއިން އެންމެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަކީ ހަރުކަށި ވިސްނުމުގެ ބޭފުޅުންނެވެ. އިސްލާހީ ފިކުރުގެ ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ ހިތުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މަސްއޫދު ޕަޒިޝްކިޔާންއެވެ. އޭނާ ވާދަކުރައްވަނީ ވަކި ޕާޓީއަކާ ނުވަތަ ޖަމާއަތަކާ ގުޅިވަޑައިނުގެން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެންވިޔަސް ބޮޑަށް ބެލެވޭގޮތުން މި އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވުން ގާތެވެ. އާއްމުންގެ ތެރޭގައި އޭނާގެ މަގްބޫލުކަން ވަރަށް ބޮޑެވެ. ކެމްޕޭނުގައި އޭނާ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ވަރަށް ގިނަ ބަޔަކަށް ކަމުދެއެވެ.
ޑރ. ޕަޒިޝްކިޔާން ދައްކަވަނީ ކޮންކޮން ވާހަކަފުޅެއް ބާވައެވެ. އޭނާ ދައްކަވަމުން ގެންދަވަނީ އީރާނުގެ ޚާރިޖީ ސިޔާސަތު މުޅިން އަނެއްއަތަށް އަނބުރައިލައްވާނެ ވާހަކައެވެ. އެމެރިކާޔާއި ހުޅަނގުގެ ގައުމުތަކާއެކު ގުޅުންތައް އުފައްދަވައި ބަދަހިކުރައްވާނެ ކަމުގެ ވާހަކައެވެ. އީރާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ އަސްލަކީ މާބޮޑަށް މުރަނަވުން ކަމަށާއި ހަރުކަށިކަން އިސްކޮށްގެން އީރާނަށް ލިބޭނެ އެއްވެސް މޮޅެއް ނެތްކަމަށްވެސް އެބަ ވިދާޅުވެއެވެ. އީރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން ގެނެވޭނީ އީރާނުންވެސް ދޫތަކެއްދީގެން ކަމަށާއި އީރާނުގެ މަސްލަހަތުއޮތީ އެގޮތަށް އަމަލުކޮށްގެން ކަމަށްވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. މިހެންގޮސް އަދިވެސް ކިތަންމެ ވާހަކަފުޅެކެވެ. އޭނާ ވިދާޅުވަމުން ގެންދަވާ ކަންކަމަކީ މިހާރު އީރާނުގެ ޚާރިޖީ ސިޔާސަތު ތަންދޭ ކަންކަމެއް ނޫނެވެ. އެކަން ކުރެވޭނީ ސިޔާސަތު އަނެއްއަތަށް އަނބުރާލައިގެންނެވެ. ޕަޒިޝްކިޔާން ވިދާޅުވަނީ ސިޔާސަތު ބަދަލުކުރައްވާނެ ވާހަކައެވެ.
ޑރ. ޕަޒިޝްކިޔާނަށް ޚާރިޖީ ކަންކަމާމެދު ލަފާދެއްވާ މުޝީރަކީ އީރާނުގެ ޚާރިޖީވަޒީރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު ޖަވާދު ޒާރިފެވެ. އޭނާ ޚާރިޖީވަޒީރުކަން ކުރެެއްވީ ރައީސް ހަސަން ރޫހާނީގެ ދައުރުގައި 2013 އިން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެކުރިން ނިއުކުލިއަރ ޕްރޮގްރާމާމެދު އީރާނުގެ ފަރާތުން ހުޅަނގާ މަޝްވަރާ ކުރައްވާ އިސް މަންދޫބުގެ މަގާމުވެސް އަދާކުރެެއްވިއެވެ. ކޮންމެއަކަސް ޑރ. ޕަޒިޝްކިޔާނުގެ ޓީމުގައި އެތިއްބެވީ ތަޖުރިބާކާރުންނެވެ. ކަންކަމުގެ އެކޮޅުމިކޮޅު މޭރުންވާ ބޭފުޅުންނެވެ. އެބޭފުޅުންގެ ލަފަޔާއެކު އޭނާ އެބަވިދާޅުވެއެވެ. އީރާނާއި ރަޝިޔާގެ ގުޅުންވެސް ބަދަލުކުރާނަމެވެ. ޗައިނާއާ ދޭތެރޭ ވިސްނާގޮތްވެސް ބަދަލުކުރާނަމެވެ. އީރާނުގެ ކުރިމަތީގައި މާގިނަގޮތްތަކެއް ނެތްކަމަށް ރަޝިޔާއިންވެސް އަދި ޗައިނާއިންވެސް ވިސްނައިގެން ނުވާނެ ކަމަށް އެބަވިދާޅުވެއެވެ. މިވެސް ހަގީގަތުގައި ވަރަށް ސީރިއަސް ވާހަކަފުޅެކެވެ. ޗައިނާއާއި ރަޝިޔާ ނޫން ގޮތެއް އީރާނުގެ ކުރިމަތީގައި ނެތްކަމަށް އެ ދެގައުމުންވެސް އެތިބެނީ ނިންމައިގެންނެވެ. ގަބޫލުކޮށްގެންނެވެ.
ޑރ. ޕަޒިޝްކިޔާނަކީ ރައީސް ހަސަން ރޫހާނީގެ ދައުރުގައި އީރާނުގެ ހެލްތު މިނިސްޓަރެވެ. ރޫހާނީގެ ކެބިނެޓުގައި މުހައްމަދު ޖަވާދު ޒާރިފަކީ ޑރ. ޕަޒިޝްކިޔާނުގެ ކޮލީގެކެވެ. މިތުރެކެވެ. މިދެބޭފުޅުން ގުޅިވަޑައިގެން އިންގިލާބީ އައު ސިޔާސަތެއް ރޭއްވެވިޔަސް އަދި ރައްޔިތުން އޭނާ އިންތިޚާބު ކުރިއަސް މި ސިޔާސަތު ތަންފީޒު ކުރެވިދާނެ ކަމަށް މުޅިއަކުން ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އީރާނުގެ އެންމެ އިސް ލީޑަރަކީ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ކަމަށްވެފައި މިކަމަށް ރޫހީ ލީޑަރުގެ ތާއީދު ލިބޭނޭކަމަށް ނުފެންނާތީއެވެ. އެކަމަކު ޑރ. ޕަޒިޝްކިޔާނުގެ ޓީމުގައި ޒާރިފު ހިމެނުމަކީ އޭނާގެ މެސެޖު ބަލައިގަތުމަށް ފަސޭހަވާނެ ކަމެކެވެ. އެ ވިދާޅުވާ ހުރިހާ ކަމެއް އެގޮތަށް ނުކުރެއްވުނު ކަމަށްވިޔަސް ނިއުކުލިއަރ ޕްރޮގްރާމުގެ މައްސަލައިގައި މަޝްވަރާކޮށް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމަށް އިސްކަމެއް ދޭނެކަން އެނގުމަކީ ވޯޓުދޭން ރައްޔިތުންނަށް ފަސޭހަވާނެ ކަމެކެވެ. ގަބޫލުކުރެވޭ ގޮތުން އޭނާގެ ޓީމަށް ޒާރިފު ގެންނެވީ މި ޔަގީންކަން ދެއްވުމަށެވެ.
ޑރ. ޕަޒިޝްކިޔާނަކީ އީރާނުގެ ހަރުކަށި ވިސްނުމުގެ ވަރަށް ގިނަބަޔަކު ނުރުހޭ ބޭފުޅެކެވެ. ކެންޑިޑޭޓުންގެ ކެންޑިޑެސީ ފާސްކުރާ ގާޑިއަން ކައުންސިލުން އޭނާގެ ކެންޑިޑެސީ ބަލައިގަތުމަކީވެސް ވަރަށް ގިނަބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ. ހަރުކަށި މީހުން ގަބޫލުކުރާގޮތުގައި ޑރ. ޕަޒިޝްކިޔާނު ހޮވުމަކީ ހަސަން ރޫހާނީގެ ރިޔާސަތު އަނެއްކާވެސް ރުޖޫއަވުމެކެވެ. އެއީ ހުޅަނގުގެ ކުރިމަތީގައި ފިނޑިވެގަތުމުގެ ރިޔާސަތެކެވެ. އެޒާތުގެ ވެރިއަކު އީރާނަށް ދެން ބޭނުމެއް ނުވެއެވެ. ކޮންމެއަކަސް ފެންނާން މިއޮތީ ޖުމްލަ ހަ ކެންޑިޑޭޓުންގެ ރޭހެކެވެ. މި ރޭހުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީގެ ތާއީދުއޮތް ކަމަށް ބެލެވޭ ބޭފުޅަކީ މުހައްމަދު ބާގިރު ގާލިބާފެވެ. އޭނާއަކީ ޕާލަމަންޓުގެ މި ދައުރުގެ ސްޕީކަރެވެ. ރައީސެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑަށް ވާދަކުރައްވާނީ ޕަޒިޝްކިޔާނާއި ގާލިބާފެވެ. މި ދެބޭފުޅުންގެ މެދުގައި ދެވަނަ ބުރެެއް ބާއްވަން ޖެހުމަކީވެސް ވަރަށް ގާތްކަމެކެވެ.
ޑރ. ޕަޒިޝްކިޔާނަށް މި އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާން ގިނަބަޔަކު ނުކުމެއްޖެނަމައެވެ. ފަހަކަށްއައިސް އާއްމުންގެ ތެރޭގައި ވޯޓުލާން ނުނިކުތުމުގެ ސަގާފަތެއް އޮތީ ހަރުލައިފައެވެ. އެއީ ސަރުކާރުގެ ސިޔާސަތާމެދު ނުރުހޭކަން ދެއްކުމުގެ ގޮތުންނެވެ. ކޮންމެ ބަޔަކު އަޔަސް ވަކި ތަފާތެއް ނެތޭ ވަރިހަމައޭ ބުނުމުގެ ގޮތުންނެވެ. މިކަން އެންމެފަހުގެ ޕާލަމަންޓަރީ އިންތިޚާބުންވެސް ވަނީ ފެނިގެން ގޮސްފައެވެ. އެހެންވީމާ ޑރ. ޕަޒިޝްކިޔާނުގެ ކެމްޕޭނުގައި ބޮޑެތި ސިޓީތަކަށް ވަޑައިގެން އެންމެ ބޮޑަށް އޭނާ ކުރައްވާ މަސައްކަތަކީ ވީހާވެސް ގިނަބަޔަކު ވޯޓުލާން ނުކުތުމަށް ބާރުއެޅުއްވުމެވެ. އޭނާ ވިދާޅުވާ ގޮތުން މި އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީވެސް އީރާނުގެ ޑިމޮކްރަސީގެ ހިތުގެ ހިނގުން ހުއްޓިފައިވާތީ އެއަށް ފަރުވާއެއް ދީގެން އަލުން ދިރުމެއް ގެނައުމުގެ ގޮތުންނެވެ. އެކަމަށްޓަކައި ރައްޔިތުން ނުކުމެ ވޯޓުލުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމުގައި ވިދާޅުވެއެވެ.