މުހައްމަދު އައުޒަމް
އިންޑިއާގެ އައިފޯން ފެކްޓްރީގެ ވަޒީފާތަކަށް މީހުންނާ އިނދެގެން އުޅޭ އަންހެނުން ނުނަގާ މައްސަލަ ފެންމަތިވެއްޖެއެވެ.
އިންޑިއާގެ ޓަމިލްނާޑޫގައި ހުންނަ އައިފޯން އުފައްދާ ފެކްޓްރީ އޮޕަރޭޓު ކުރާ ފޮކްސްކޮން އިން އެތަނުގައި މަސައްކަތް ކުރުމަށް މީހުން ނެގުމަށް އިއުލާން ކޮށްފައި ވީނަމަވެސް ވަޒީފާއަށް ހޮވުމުގައި މީހަކާ އިނދެގެން އުޅޭ އަންހެނެއް ނަމަ، އެމީހާ އަށް ވަޒީފާ ނުދޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން ވަނީ އެމައްސަލައިގެ މައުލޫމާތު ލިބުމާ އެކު އެކަން ހިނގާގޮތް ބެލުމަށް މައުލޫމާތު އެއްކޮށްފައި ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ރޮއިޓާސް އިން ކުރި ތަހުގީގަކުން ވަނީ ފޮކްސްކޮން، އެމީހުންގެ އިންޓަވިއުތަކުގައި އަންހެނުންގެ ތެރެއިން މީހަކާ އިނދެގެން އުޅޭ މީހެއް ނަމަ، އެމީހާ ވަޒީފާއަށް ނުނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ.
އިންޑިއާގެ ފެޑަރަލް ލޭބާ މިނިސްޓްރީ އިން ވަނީ އެއީ އެގައުމުގެ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އެގޮތައް އަމަލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ފޮކްސްކޮން އިން ވަނީ އެކުންފުންޏާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި މިހާތަނަށް ވަޒީފާއަށް ނަގާފައިވާ މީހުންގެ ތެރެއިން 25 ޕަސެންޓަކީ މީހުންނާ އިނދެގެން އުޅޭ އަންހެނުން ކަމަށް ބުނެފައެވެ.