ޔޫރޯ 2024

ތުރުކީ ކޯޗުގެ ރައްދު މީޑިއާއަށް، މިޓީމަށް ފާޑުކިޔުން ހައްގެއް ނޫން!

ތުރުކީން ރޭ ޗެކު ރިޕަބްލިކް ބަލިކޮށް ހޯދި ތާރީހީ ކާމިޔާބީއާއެކު އެ ޓީމުން ދައްކުވައިދިނީ ފާޑު ކިޔުން ހައްގު ނުވާކަން ކަމަށް ކޯޗު ވިންސެންޒޯ މޮންޓޭލާ ބުނެފިއެވެ.

ހޭމްބާގުގައި ރޭ ތުރުކީން ޗެކު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އެފްގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެންނެވެ. މީގެ 16 އަހަރު ކުރިން ތުރުކީން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ އިރު، އެފަހަރު އެޓީމުން ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފައެވެ. މިއީ އެފަހުން ތުރުކީން ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ރޭގެ މެޗުގެ ކުރިން އެގައުމުގެ މީޑިއާއިން ވަނީ ތުރުކީ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން ޓީމު އޮތީ ބައިބައިވެފައި ކަމަށާއި، ކޯޗު މޮންޓޭލާ އަތުން ޑްރެސިން ރޫމްގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އެ ފާޑުކިޔުންތައް އަމާޒުވީ ޕޯޗުގަލް ކައިރިން ބަލިވި މެޗަށްފަހުއެވެ. އެމެޗުގެ ފުރަތަމަ 11 އަށް ޒުވާން ދެ ތަރިން ކަމަށްވާ އާދާ ގޫލާއާއި ކެނާން ޔިލްޑީޒް ނެރެފައި ނުވުމުން މީޑިއާއިން ސިފަކޮށްފައި ވަނީ މޮންޓޭލާއާއި އެ ކުޅުންތެރިންނާ މައްސަލައެއް އުޅޭ ކަމަށެވެ.

ރޭގެ މޮޅު ތުރުކީން ހޯދީ މެޗުގެ ބޮޑުބައެއްގައި ރަތް ކާޑަކާއެކު ކުޅުނު ޗެކު ކައިރިންނެވެ. ތުރުކީއަށްވެސް ރޭގެ މެޗުގައި ގިނަ ކާޑުތަކެއް ދައްކާފައިވާ އިރު، އެމެޗަށްފަހު މޮންޓޭލާ ބުނީ ތުރުކީއަށް ގަދަ 16 ހައްގު ކަމަށާއި، ހައްގު ނޫން އެތައް ފާޑުކިޔުމަކާއެކުވެސް ހޯދުނު ކާމިޔާބީއަށް އުފާކުރާ ކަމަށެވެ.

"އަހަރެމެން ޓީމަށް ވަރަށް ބޮޑަށް ބަޔަކު ފާޑު ކިޔައިފި. އެއީ އަހަރެމެންނަށް ހައްގު ފާޑުކިޔުންތަކެއްވެސް ނޫން. އެހެންވިޔަސް އެ ފާޑުކިޔުންތަކަށް ރައްދު ދެވިއްޖެ. އަހަންނަށް ހެޔޮ ކިތަންމެ ވަރަކަށް ޕްރެޝަރު ކުރިޔަސް. އަހަންނަށް އެކަމުން އަރައިގަނެވޭނެ. އެކަމަކު ބޮޑެތި މެޗުތަކުގެ ކުރިން ކުޅުންތެރިންނަށް ޕްރެޝަރު ކުރުން ބަލައެއް ނުގަނެވޭ،" ކޯޗު މޮންޓޭލާ ބުންޏެވެ.

މޮންޓޭލާ އިތުރަށް ބުނީ ރެޔަކީ އުފާފާޅުކުރުމުގެ ރެޔަކަށް ހަދާފައި އަނެއް ދުވަހު އަނެއްކާވެސް ގަދަ 16 ގެ މެޗަށް ފޯކަސް ކޮށް، ތާރީހު ލިޔެލުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ތުރުކީން ގަދަ 16 ގައި ނުކުންނަން ޖެހޭނީ އޮސްޓްރިއާއާ ދެކޮޅަށެވެ.