ޔޫރޯ 2024

ބެލްޖިއަމް ކޯޗުގެ ޝަކުވާތަކެއް: ހޮޓަލުން ދަނޑަށް ދެވުނީ މާ ލަހުން، ރަނގަޅަށް ވާމް އަޕްވެސް ނުވި!

1

ބެލްޖިއަމުން ރޭ ޔުކްރޭނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ އެޓީމަށް ގަދަ 16 ޔަގީންވެފައިވާ އިރު، އެ މެޗަށްފަހު ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ދެއްކި ވާހަކައަކަށް މީޑިއާ ސަމާލުކަން ބޮޑުވެއްޖެއެވެ.

ބެލްޖިއަމުން މިފަހަރުގެ ޔޫރޯ ގްރޫޕް ސްޓޭޖު ނިންމާލީ އެންމެ ހިތްހަމަ ޖެހިގެނެއް ނޫނެވެ. އެޓީމުން ގްރޫޕް އީގެ ދެވަނައިގައި ނިންމާލި އިރު، ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން ވީ ބައްޔެވެ. ދެވަނަ މެޗުުން މޮޅެއް ހޯދި ނަމަވެސް ރޭ އަނެއްކާވެސް ޔުކްރެއިން ކައިރީވީ އެއްވަރެވެ. ބެލްޖިއަމަށް އެންމެ ބޮޑު އެއް މައްސަލައަކަށް ގޯލު ނުޖެހުމުގެ މައްސަލަ ފާހަގަވެފައިވާ އިރު، އެޓީމަށް ސަޕޯޓަރުންގެ ފާޑު ކިޔުން ވަނީ ބޮޑުވެފައެވެ.

ރޭގެ މެޗުގައިވެސް ބެލްޖިއަމްގެ ފަރާތުން އެވަރެޖް ދަށް ކުޅުމެއް ފެނިގެންގޮސްފައިވާ އިރު، މެޗަށްފަހު ކޯޗު ޑޮމެނިކޯ ޓަޑެސްކޯ ބުނީ ރޭގެ މެޗަށް ދަނޑަށް ދެވުނީ ވަރަށް ލަސްކޮށް ކަމަށެވެ. ހާއްސަކޮށް ހޮޓަލުން ދަނޑަށް ދިޔަ ދިޔުމުގައި ޕޮލިސް އެސްކޯޓާ އެކު ދިޔައިރުވެސް ބަސް އެސްކޯޓް ކުރި ޕޮލިހުން ދުއްވީ ވަރަށް މަޑުމަޑުން ކަމަށް ޓެޑެސްކޯ ފާހަގަކުރިއެވެ.

"އަހަރެން މީގެކުރިން ކުރިމަތިލާފައި ނުވާ ހާލަތަކަށް ރޭ ދަނޑަށް އާދެވުނީ. އަހަރެމެންގެ ހޮޓަލުން ބަހުގައި، ޕޮލިސް އެސްކޯޓް ކޮށްގެން ދަނޑަށް ދެވުނީ އެއް ގަޑިއިރުން. މަގުގައި ޓްރެފިކެއްވެސް ނެތް. އެކަމަކު ޕޮލިސް އެސްކޯޓް މާ މަޑުން ދުއްވީ. ގަޑިއަކު 20-25 ކިލޯމީޓަރު ބާރު މިނުގައި ބަސް ދުއްވީ. ދެން އަދި ކޮންމެ ޓްރެފިކް ލައިޓެއްގައި ޖެހެމުން ދާން ޖެހުނީ. އަހަރެމެން ޑްރެސިން ރޫމަށް ވަދެ، ވާހަކަ ދައްކާލަން ލިބުނީ ދެމިނެޓް. ވާމް އަޕް ގަޑި މަދުކުރަންވެސް ޖެހުނު. މިއީ ގަބޫލު ކުރެވޭ ކަމެއް ނޫން،" ޓެޑެސްކޯ ބުންޏެވެ.

ޖަރުމަނުގައި ޔޫރޯ ބާއްވަމުން އަންނައިރު، މިހާތަނަށް ބައެއް މައްސަލަތައް ފެންމަތިވެފައިވެއެވެ. އެއީ ދަނޑުގެ ވިނަގަނޑުގެ މައްސަލައާއި ސެކިއުރިޓީ މައްސަލަތަކެވެ. އެހެންނަމަވެސް، ޓްރެފިކް މައްސަލައެއް ދިމާވި ކަމަށް ކޯޗަކު މި ފާހަގަކުރީ އަލަށެވެ.

ފްރާންސުން ގްރޫޕް އީގެ ދެވަނައަށް ދިޔުމުން އެޓީމުން ގަދަ 16 ގައި ނުކުންނަން ޖެހޭނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟