މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖޯޖިއާ ކުރީގައި އޮވެގެން، ޖޯޖިއާ ގަދަ 16 އަށް.
'90+2 - ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑަލޯ ފޮނުވާލި ބާރު ހަމަލާ ވެސް ޖޯޖިއާ ކީޕަރު ވަނީ މަތަކޮށްފައި.
'90+1 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ފެލިކްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ނެލްސަން ސެމޭޑޯ ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'85 - ޖޯޖިއާއަށް އިތުރު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި މިކައުޓަޑްޒޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޒުރިކޯ ޑަވިޓަޝްވިލީ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'81 - ޖޯޖިއާ އިން ދެ ބަދަލެއް. ގިއޯގީ ޗަކްވެޓަޑްޒޭ އާއި ކުވަރަޓްސްކޭލިއާގެ ބަދަލުގައި ކުޅެން ނުކުތީ އަންޒޯ މެކްވަބިޝްވިލީ އަދި ޒުރިކޯ ޑަވިޓަޝްވިލީ.
'74 - ޕޯޗުގަލުން ދެ ބަދަލެއް. ފެލިކްސް އާއި ޕެޑްރޯ ނެޓޯގެ ބަދަލުގައި ކުޅެން ނުކުތީ ޑިއޯގޯ ޖޮޓާ އަދި މެތެއުސް ނުނޭޒް.
'71 - ޖޯޖިއާއަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އޮޓާ ކިޓެއިޝްވިލީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގިއޯގީ ޗަކްވެޓަޑްޒޭ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'65 - ޕޯޗުގަލުން ދެ ބަދަލެއް. ކެޕްޓަން ރޮނާލްޑޯ އާއި އެންޓޯނިއޯ ސިލްވާގެ ބަދަލުގައި ކުޅެން ނުކުތީ ގޮންކާލޯ ރާމޯސް އަދި ނެލްސަން ސެމޭޑޯ.
'63 - ޖޯޖިއާ އިން ބަދަލެއް. ލޫކާ ލޮޮޗޮޝްވިލީގެ ބަދަލުގައި ކުޅެން ނުކުތީ ހިއޮރީ ސިޓައިޝްވިލީ.
'57 - ޖޯޖިއާ އިން ދެ ގޯލުގެ ލީޑެއް ހޯދައިފި. ޖޯޖިއާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯގެސް މިކައުޓަޑްޒޭ. އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ ޕޯޗުގަލް ގޯލުގެ ތިރީ ކަނަކަށް.
'55 - ރެފްރީ ވީއޭއާރްއަށް ބެލުމަށްފަހު ޖޯޖިއާ ޕެނަލްޓީއެއް ދީފި. އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ލޫކާ ލޮޗޮޝްވިލީއަށް ޕޯޗުގަލް ޑިފެންޑަރު އެންޓޯނިއޯ ސިލްވާ ކުރި ފައުލަކާ ގުޅިގެން.
'53 - ޕޯޗުގަލުގެ ނުރައްކާތެރި ހަމަލާއެއް. ގޯލުގެ މަތީ ކަނަކާ އަމާޒުކޮށް، ޑިއޯގޯ ޑަލޯ ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'52 - ފައުލަކާ ގުޅިގެން ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސްއަށް ރީނދޫ ކާޑެއް.
'49 - ޖޯޖިއާއަށް ހުސް ފުރުސަތެއް. ލަޝާ ޑުވާލީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކުވިޗާ ކުވަރަޓްސްކޭލިއާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'47 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ، ޖޯޖިއާ ޑިފެންޑަރު ލަޝާ ޑުވާލީ ވަނީ ބްލޮކްކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ޖޯޖިއާ އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖޯޖިއާ ކުރީގައި އޮވެގެން.
'45+1 - ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޮއާ ފެލިކްސް ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'44 - ޑައިވްކުރުމުން ޕޯޗުގަލްގެ ޕެޑްރޯ ނެޓޯއަށް ރީނދޫ ކާޑެއް.
'43 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ޖޮއާ ފެލިކްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޕަލީނިއާ ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'35 - ޕޯޗުގަލްގެ ނުރައްކަލެއް. ޖޮއާ ޕަލްހީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ޖޯޖިއާ ޑިފެންޑަރު ގިއޯގީ ގުވެލެސިއާނީ ވަނީ ބްލޮކްކޮށްފައި.
'33 - ޖޯޖިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކުވަރަޓްސްކޭލިއާ މިފަހަރު ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'31 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފެލިކްސް ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'27 - ރެފްރީއަށް ޝަކުވާކުރުމުން ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ރީނދޫ ކާޑެއް.
'27 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ކޮންސޭސާއޯ ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'23 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕަލްހީނިއާ ފޮނުވާލި ހަމަލާ އަމާޒުވީ ޖޯޖިއާގެ ގޯލްކީޕަރު މަމާޑަޝްވިލީއާ ދިމާއަށް.
'28 - ޕޯޗުގަލްގެ ހަމަލާއެއް. ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑިއޯގޯ ޑަލޯ ބޮލުން ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'16 - ޕޯޗުގަލްގެ ނުރައްކަލެއް. ހިލޭ ޖެހުމަކުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ، ޖޯޖިއާގެ ގޯލްކީޕަރު ގިއޯގީ މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.
މެޗަށް ޕޯޗުގަލުން ނުކުތީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްގެން. އެގޮތުން އާންމުކޮށް ފުރަތަމަ 11 އިން ފެންނަ ބްރޫނޯ ފެނާންޑޭޒް، ޖޮއާ ކަންސެލޯ، ބެނާޑޯ ސިލްވާ، ވިޓީނިއާ، ޕެޕޭ އަދި ރުބެން ޑިއާޒް ވެސް ފެށީ ބެންޗުން. ނަމަވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކީޕަރު ޑިއޯގޯ ކޮސްޓާއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައި.
'2 - ޖޯޖިއާ އިން ގޯލު ޖަހައި ލީޑު ހޯދައިފި. ޖޯގެސް މިކައުޓަޑްޒޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުން ޖޯޖިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކުވިޗާ ކުވަރަޓްސްކޭލިއާ. އޭނާގެ ހަމަލާ އަމާޒުކޮށްލީ ޕޯޗުގަލް ގޯލުގެ ތިރީ ކަނަކަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޯޗުގަލުން.
ޔޫރޯ 2024 ގައި ކުޅޭ 36 ވަނަ މެޗުގައި ޖޯޖިއާއާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޕޯޗުގަލްއިން ވަނީ އެއްވަނަ ޔަގީން ކޮށްފައި. އެހެންކަމުން އެޓީމުގެ ފުރަތަމަ 11 އިން ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވޭ. އެހެން ނަމަވެސް ޕޯޗުގަލް ކޯޗު މާޓިނޭޒް ބުނީ ރޮނާލްޑޯއާއި ކީޕަރު ޑިއޯގޯ ކޮސްޓާ ރެސްޓް ނުކުރާނެ ކަމަށް. ޖޯޖިއާއަށްވެސް ގަދަ 16 ގެ ފުރުސަތު އެބައޮތް. ޖޯޖިއާ ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަކުރަމުންދާ އިރު، މިއީ އެޓީމަށް ތާރީހީ މުބާރާތެއް.