ދުނިޔެ

އެމެރިކާގެ އާއިލާއަކުން ނާސާއާއި ދެކޮޅަށް ބަދަލު ހޯދުމުގެ މައްސަލައެއް ހުށަހަޅައިފި

މުހައްމަދު އައުޒަމް

އެމެރިކާގެ އާއިލާއަކުން ނާސާއާއި ދެކޮޅަށް ބަދަލު ހޯދުމުގެ މައްސަލައެއް ހުށަހަޅައިފިއެވެ.

އެމެރިކާގެ ނޭޕަލްސްގައި ހުންނަ ގެއަކަށް ޖައްވުން ވެއްޓުނު އެއްޗެއް ޖެހި ލިބުނު ގެއްލުމުގެ ސަބަބުން އެ ގެއަށް ލިބުނު ގެއްލުމާއި އެމީހުންގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ އިތުރުން ނަފުސާނީގޮތުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ލޯފާމެއް މެދުވެރިކޮށް ހުށަހެޅި އެ މައްސަލައިގެ މައުލޫމާތު ދެމުން އެއާއިލާގެ ލޯޔަރު ވަނީ އެގެއަށް ޖައްވުން ވެއްޓިފައިވަނީ 2021 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ބެޓެރީ އަޅުވާ ބައިގައި ހުންނަ ދަގަނޑުގަނޑެއް ކަމަށް ބުނެފައެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ އެފަދަ ގިނަ ހާދިސާތަކެއް ހިނގަން ފަށާފައިވުމުގެ ސަބަބުން ކަމަށް ލޯޔަރު ވަނީ ބުނެފައެވެ.

އެމެރިކާގެ ސްޕޭސް އެޖެންސީން ވަނީ އެ ދަގަނޑު ބަޔަކީ ޖައްވުގެ ތެރެއަށް ދޫވި ބައެއް ނަމަވެސް އެއީ ދުނިޔެއަށް ވަނުމުގެ ކުރިން އަނދާނެ ކަމަށް ބެލެވިފައިވާ އެއްޗެއް ކަމަށް ފާހަގަކޮށްފައެވެ.