ޔޫރޯ 2024

އެއްވަރުކޮށްލައިގެން ފުއްދާލަން ބޭނުމެއް ނޫން، ބޭނުންވަނީ މޮޅެއް: ބެލްޖިއަމް ކޯޗު

އެއްވަރުކޮށްލައިގެން ޔޫރޯ 2024ގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ނަމަވެސް، ޔޫކްރެއިން އަތުން ބޭނުންވަނީ މޮޅެއް ހޯދަން ކަމަށް ބެލްޖިއަމްގެ ކޯޗު ޑޮމިނިކޯ ޓަޑެސްކޯ ބުނެފިއެވެ.

"ގްރޫޕު އީ" ގައި ހުރިހާ ޓީމަކަށް ވެސް ގަދަ 16ގެ ފުރުސަތު ހުޅުވިފައި އޮތްއިރު، ބެލްޖިއަމަށް ޔޫކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ކުރިއަށް ދެވެން އެބަ އޮތެވެ. ބެލްޖިއަމުން ފުރަތަމަ މެޗުގައި ހައިރާންކުރަނިވި ގޮތަކަށް ސްލޮވާކިއާ އަތުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި އެ ޓީމުން ވަނީ ރުމޭނިއާ ބަލިކޮށްފައެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބެލްޖިއަމްގެ ކޯޗު ޓަޑެސްކޯ ބުނީ ފަހަތުގައި މަޑުކޮށްގެން މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ބޭނުންނުވާ ކަމަށާއި މެޗަށް ނުކުންނާނީ އެކަމަށް ވިސްނައިގެން ނޫން ކަމަށެވެ.

"އަހަރެމެން ނުކުންނާނީ މެޗުން މޮޅުވާން. އަހަރެމެންނަށް އެ ހިސާބު ޖަހައިގެން ތިބެވޭކަށް ނޯންނާނެ، އަހަރެމެން ބޭނުންވަނީ މޮޅެއް ހޯދަން. މެޗުގެ ފަހު ހަތް މިނެޓުގައި ވަކި ގޮތަކަށް ނަތީޖާ ބާއްވަން ބޭނުންވެދާނެ، އެކަމަކު އަހަރެމެން ފުރަތަމަ މި ނުކުންނަނީ ތިން ޕޮއިންޓް ހޯދަން،" އުމުރުން 38 އަހަރުގެ ކޯޗު ޓަޑެސްކޯ ބުންޏެވެ.

ބެލްޖިއަމްގެ ކޯޗު ޓަޑެސްކޯ ބުނީ އެއް ވަގުތެއްގައި ކުޅޭ ރުމޭނިއާ އާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށްވެސް ވަކި ހިސާބަކުން ބަލަމުންދާނެ ކަމަށާއި ނަމަވެސް އަމާޒު ބަހައްޓާނީ ޔޫކްރެއިންއާ ދެކޮޅަށް ނުކުންނަ މެޗަށް ކަމަށެވެ. އަދި މެޗަށް ނުކުންނާނީ އިތުބާރާއެކު ކަމަށްވެސް އޭނާ ބުންޏެވެ.

"ގްރޫޕު އީ" ގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް މިވަގުތު ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރުމޭނިއާ އާއި ބެލްޖިއަމާއި ސްލޮވާކިއާ އަދި ޔޫކްރެއިން، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނައިގައި ރުމޭނިއާ އޮތީ ޖެހި ގޯލުންނެވެ. ޔޫރޯގެ ތާރީހުގައި ގްރޫޕު ސްޓޭޖުގެ ފަހު މެޗާ ހަމައަށް ދާއިރު، ގްރޫޕުގެ ހުރިހާ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވީ މިއީ ފުރަތަމަ ފަހަރެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމުން ޔޫކްރެއިންއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.