ޔޫރޯ 2024

ޔޫރޯގެ ތާރީހުގައި ނަން ލިޔެލުމަށް ރުމޭނިއާގެ ކުޅުންތެރިންނަށް ޗެލެންޖެއް

ޔޫރޯ 2024ގެ ގަދަ 16ގެ ޖާގައެއް ހޯދައި، ތާރީހުގައި ޓީމުގެ ނަން ލިޔެލުމަށް ރުމޭނިއާގެ ކުޅުންތެރިންނަށް ކޯޗު އެޑްވާޑް ލޯޑަނެސްކޫ ޗެލެންޖެއް ހަވާލުކޮށްފިއެވެ.

"ގްރޫޕު އީ"ގައި މިރޭ ކުޅޭ މެޗުގައި ސްލޮވާކިއާ އަތުން ޕޮއިންޓެއް ހޯދައިގެންވެސް، 24 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ގަދަ 16ގެ ޖާގައެއް ރުމޭނިއާއަށް ކަށަވަރު ކޮށްލެވޭނެއެވެ. ޔޫރޯގެ ގަދަ 16 އިން ރުމޭނިއާއަށް އެންމެ ފަހުން ފުރުސަތު ލިބިފައިވަނީ ޔޫރޯ 2000 ގައެވެ. އެ ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ރުމޭނިއާ ދަތުރުކުރިއެވެ.

ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރުމޭނިއާގެ ކޯޗު ލޯޑަނެސްކޫ ބުނީ މިއީ ޓީމުގެ އެންމެ މުހިންމު ވަގުތުކޮޅު އަދި ދިރިއުޅުމާއި މުޅި ކެރިއަރުގެވެސް އެންމެ މުހިންމު ވަގުތު ކަމަށާއި އުނދަގޫ ތަކަކާއެކު ވެސް ސަޕޯޓަރުންގެ އިތުބާރު ހޯދިފައިވާ ކަމަށެވެ.

"ކުޅުންތެރިންނަށް އޮތް ޗެލެންޖަކީ ގަދަ 16 އިން ޖާގަ ހޯދައި، ތާރީހުގައި ލިޔެލުން. އަހަރެމެންގެ އަމާޒަކީ ޖާގަ ކަށަވަރު ކުރުން. ގްރޫޕުގެ އެއްވަނަ ހޯދަންވެސް ބޭނުން. އެކަމަކު އެންމެ މުހިންމު ކަމަކީ ގަދަ 16ގެ ޖާގައެއް ހޯދުން. ޓީމުގައި އައިޑެންޓިޓީއެއް އެބަ އޮތް. އަދި ޓީމުގައި ހިތްވަރު ހުރިކަންވެސް މިހާރު ސަޕޯޓަރުންނަށް އެނގޭނެ،" އޭނާ ބުންޏެވެ.

ލޯޑަނެސްކޫ ބުނީ ރުމޭނިއާއަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި ރުމޭނިއާގެ ދަތުރުގެ ނިމުން އަންނަން އަދި ގާތްވެފައިނުވާ ކަމަށެވެ. އަދި ރުމޭނިއާގެ މުޅި ޓީމު އޮތީ އަމާޒު ހާސިލުކުރުމަށް ތައްޔާރަށް ކަމަށްވެސް އޭނާ ބުންޏެވެ.

"ގްރޫޕު އީ" ގައި ހިމެނޭ ހުރިހާ ޓީމަކަށްވެސް މި ވަގުތު ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރުމޭނިއާ އާއި ބެލްޖިއަމާއި ސްލޮވާކިއާ އަދި ޔޫކްރެއިން، އެއިން ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނައިގައި ރުމޭނިއާ އޮތީ ޖެހި ގޯލުންނެވެ. ޔޫރޯގެ ތާރީހުގައި ގްރޫޕު ސްޓޭޖުގެ ފަހު މެޗާ ހަމައަށްދާއިރު، ގްރޫޕުގެ ހުރިހާ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވީ މިއީ ފުރަތަމަ ފަހަރެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރުމޭނިއާ އިން ސްލޮވާކިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.