މެޗުގެ ކުޅުން ނިންމާލައިފި. ޑެންމާކުން ގަދަ 16 ޔަގީންކުރި އިރު، ސާބިއާ ނިންމާލީ ފުލުގައި.
' 90+2 - ސާބިއާއަށް ހުސް ފުރުސަތެއް. މިލިންކޮވިޗް ސަވިޗަށް ހުސްކޮށް ލިބުނު ބޯޅަ، އޭނާއަށް ފޮނުވާލެވުނީ މާ މަޑުން. ކީޕަރު ޝޫމައިކަލް ފަސޭހަކޮށް ހިފައިފި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓް ދައްކައިފި.
'89 - ވްލަހޮވިޗުގެ ހަމަލާއެއް. އޭރިއާ ތެރޭގައި ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.
'88 - ޑެންމާކުގެ ބަދަލެއް. އެރިކްސަންގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ޕައުލްސަން.
'87 - ސާބިއާގެ ފަހު ބަދަލު. ސާސާ ލުކިޗްގެ ބަދަލުގައި ކުޅެން ނުކުތީ ސަރްގޭ މިލިންކޮވިޗް-ސަވިޗް.
'83 - ސާބިއާގެ މިޓްރޮވިޗަށް ރީނދޫ ކާޑު. އޭނާއަށް ރީނދޫ ކާޑު ދެއްކީ ރެފްރީއަށް ޝަކުވާ ކޮށްގެން. މިޓްރޮވިޗް ރެފްރީއަށް ޝަކުވާ ކުރީ އޭރިއާ ތެރެއިން މެއިލާ އޭނާއަށް ފައުލް ކުރި ކަމަށް ބުނެ.
'81 - ސާބިއާގެ ހަމަލާއެއް. ޑެންމާކު ޑިފެންޑަރު އަތުން އޭރިއާ ތެރެއިން ވްލަހޮވިޗް ހޯދި ބޯޅަ، މިޓްރޮވިޗަށް ޖައްސާލުމުން އޭނާ ހުސްކޮށް އޮވެ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.
'77 - ޑެންމާކުގެ ދެ ބަދަލެއް. އެލެކްސެންޑާ ބާއާއި ޖުލްމާންޑްގެ ބަދަލުގައި ކުޅެން ނުކުތީ ތަޖުރިބާކާރު މިޑްފީލްޑަރު ތޯމަސް ޑިލޭނީއާއި ވިކްޓޯ ކްރިސްޓަންސެން.
'73 - ސާބިއާގެ ބަދަލެއް. މިހައިލޮވިޗްގެ ބަދަލުގައި ކުޅެން ނެރުނީ ފިލިޕް މިލަޑެނޮވިޗް.
'67 - ސާބިއާއިން އެޓޭކް ވަރުގަދަ ކުރުމަށް އިތުރު ބަދަލެއް. އިލިޗްގެ ބަދަލުގައި ނުކުތީ ޔުވެންޓަސްގެ ފޯވަޑް ޑޫސާން ވްލަހޮވިޗް.
'64 - ޑެންމާކަށް ރަނުގެ ފުރުސަތެއް. އެރިކްސަން ނަގައިދިން ކޯނަރު، އޭރިއާ ތެރޭގައި ހުރި އެޓީމުގެ ޑިފެންޑަރު ވެސްޓެގާޑަށް ހުސްކޮށް ފޮނުވާލަން ލިބުނު، އެ ބޯޅައަށް އަރައި ވެސްޓެގާޑް ފޮނުވާލި ހަމަލާ ދިޔައީ ސީދާ ގޯލްކީޕަރު އަތަށް.
'59 - ޑެންމާކުގެ ބަދަލެއް. ރަސްމުސް ހޮއިލުންޑްގެ ބަދަލުގައި ކުޅެން ނުކުތީ ކެސްޕާ ޑޮލްބާގް.
'54 - ޖޮވިޗް ކުރިއަށް ދެމިގަނެ ފޮނުވާލި ބޯޅައެއް، ޑެންމާކުގެ ކުޅުންތެރިޔާގެ ގައިގައި ޖެހި ބައިކޮޅު ގޯލަށް ވަން. އެހެން ނަމަވެސް އެ ބޯޅައަށް މަސައްކަތްކުރި އިރު ޖޮވިޗް އޮފްސައިޑްގައި އޮތުމުން ގޯލެއް ނުދިން.
'51 - އޮލްސެންގެ ނުރައްކާތެރި ހަމަލާއެއް. ބަދަލަކަށް ނުކުތް އޮލްސެން އޭރިއާ އަރިމައްޗަށް ވަދެ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާން ދަނިކޮށް ބްލޮކްވީ މިލެންކޮވިޗް ގައިގައި ޖެހި.
ދެވަނަ ހާފަށް ޑެންމާކުން ނުކުތީ ބަދަލަކާއެކު. ސާބިއާއިންވެސް ވަނީ މި ހާފަތަށް ދެ ބަދަލުކޮށްފައި. ސާބިއާގެ ނެމެންޖާ ގުޑޭލްއާއި ސަމަރަޑްޒިކް ފޭބި އިރު، ކުޅެން އެރީ ލޫކާ ޖޮވިޗާއި ޓަޑިޗް. ޑެންމާކުން ވިންޑްގެ ބަދަލުގައި ނެރުނީ އަންދްރޭއާސް ސްކޯލް އޮލްސެން.
ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.
'39 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. ރަނގަޅު ކުޅުމަކާއެކު ތަނަވަސްކުރި އެޓޭކްގައި އޭރިއާ ތެރެއިން ހޮއިލުންޑް ޖައްސާލި ބޯޅަ، ވިންޑަށް ފޮނުވާލަން ދިޔަ ނަމަވެސް އޭނާއަށް ރަނގަޅަށް ފޮނުވައެއް ނުލެވުނު.
'32 - ޑެންމާކުގެ ހަމަލާއެއް. ރަސްމުސް ހޮއިލުންޑަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ތިރިން ކީޕަރު އަތަށް.
'29 - މޯޓެން ޖުލްމަންޑަށް ރީނދޫ ކާޑު. ޑެންމާކު ގަދަ 16އަށް ދަތުރުކޮށްފިނަމަ، އެ ބުރުގެ މެޗު އޭނާއަށް ނުކުޅެވޭނެ.
'29 - ސާބިއާއަށް ފުރުސަތެއް. އޭރިއާ ތެރެއަށް މަތިމަތިން ހުރަސްވެގެން ދިޔަ ބޯޅަ، މިޓްރޮވިޗް ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް، ކްރިސްޓިއަންސަން ވަނީ އެ ބޯޅަ ބްލޮކް ކޮށްފައި.
'28 - ޑެންމާކުގެ ޖޯނަސް ވިންޑް ކުރި ފައުލަކަށް ރެފްރީ ރީނދޫ ކާޑު ދައްކައިފި.
'23 - ޑެންމާކުގެ އެރިކްސަން ނެގި ކޯނަރަކުން، ގޯލް ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރި ވިންޑް ގައިގައި ބޯޅަ ޖެހި، އެތެރެއަށް ވަން. އެހެން ނަމަވެސް ރެފްރީ ނިންމީ އެރިކްސަންގެ ކޯނަރު ވަނީ ވައިގެ ތެރޭގައި ދަނޑުން ބޭރުވެފައި ކަމަށް.
'22 - ޑެންމާކުގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ބޭރުން ތިރިތިރިން ހިތްގައިމުކޮށް ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ ދިފާއުކުރީ ގޯލްކީޕަރު ޕްރެޑްރާގް ރަޖްކޮވިޗް.
'16 - މެޗުގެ ފުރަތަމަ ފުރުސަތު ޑެންމާކަށް. އަރިމަތިން މަތިމަތިން ހުރަސްވެގެން ދިޔަ ބޯޅައަށް ރައިޓް ބެކް އެލެކްސެންޑާ ބަހް ކުރިއަށް ޖެހި، އޭރިއާ ތެރެއަށް ވަދެފައި ބޮލުން ބޯޅަ ފޮނުވާލި. އެހެން ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ.
މިރޭގެ މެޗަށް ސާބިއާއިން އެޓީމުގެ ކެޕްޓަން ޑޫސާން ޓަޑިޗް ފުރަތަމަ 11 އަށް ނެރެފައެއް ނުވޭ. ބެލެވޭ ގޮތުގައި އެއީ ޓެކްޓިކަލް ބަދަލެއް.
'4 - ސާބިއާގެ ޑިފެންޑަރު ނިކޮލަ މިލެންކޮވިޗަށް ރީނދޫ ކާޑު. ޑެންމާކަށް ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޑެންމާކުން.
ޔޫރޯ 2024 ގައި ކުޅޭ 31 ވަނަ މެޗުގައި ޑެންމާކާއި ސާބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޑެންމާކުން މިރޭގެ މެޗަށް ނުކުންނަނީ ސާބިއާ ކައިރިން ބަލިނުވެ ގަދަ 16 ޔަގީންކުރަން. ޑެންމާކަށް އަމިއްލަ ބާރު އޮތީ ޕޮއިންޓެއް ހޯދައިގެން. އެހެންވީމަ އެޓީމުން ނުކުންނާނީ އެ ޕޮއިންޓް ޔަގީންކުރަން. ސާބިއާއަށްވެސް ފުރުސަތު އެބައޮތް. އެޓީމަށް ގަދަ 16 އަށް ދާން ފުރުސަތު އޮތީ މިރޭގެ މެޗުން މޮޅުވެގެން.
"އަހަރެމެންނަކީ އަބަދުވެސް މޮޅުވާން ބޭނުންވާ ޓީމެއް. މެޗުތަކުން މޮޅުވެ، އަހަރެމެން ބޭނުންވަނީ އެކަން ފާހަގަކުރުމުގެ ގޮތުން ލަވަކިޔަން. އަހަރެމެން މެޗަށް ނުކުންނާނީ މޮޅެއް ހޯދަން. "ސާބިއާ އިން ވަރަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ. އެ ޓީމުން ބޭނުންވަނީ ކުޅެން، ދަނޑުމަތީގައި އެ ޓީމު ފެންނަނީ ފިޒިކަލީ ވަރަށް ވަރުގަދަކޮށް. އެ ޓީމުން ރަނގަޅަށް ކުޅޭ ނަމަ، ކުޅެނީ ވަރަށް ރަނގަޅަށް. އަހަރެމެންނަށް ޕްރެޝަރާ ކުރިމަތިލާން ޖެހިދާނެ، އެކަމަކު އަހަރެމެންނަށް ޑިފެންސް ކުރެވޭނެ،"
"އެއީ އަހަރެމެން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމެއް. އަހަރެމެން ފުރަތަަމަ 45 މިނެޓުގައި ޑެންމާކަށް އެފަދަ ފައިދާއެއް ނުދޭނަން. އަހަރެމެންނަށް މެޗުގެ ފުރިހަމަ ކޮންޓްރޯލު ހޯދުމާއެކު ހުރިހާ ކަމެއްވެސް ބަދަލުވެގެންދާނެ. ފުރަތަމަ މެޗުތަކުގައި ގޯސް ހެދުނަސް އެ ގޯސްތައް ރަނގަޅުކުރާނަން،"