އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ފުވައްމުލަކު ސިޓީން އިދިކޮޅު އިއްތިހާދަށްވުރެ ގިނައިން ޕީޕީއެމްއަށް ވޯޓު ނުލިބޭނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލްގެ އުފަން ރަށް، ފުވައްމުލަކުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ޓީމުތަކުން އެ ރަށަށް ވަޑައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވާން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށެވެ.
އަޅުގަނޑު ހަމަ ޗެލެންޖުކޮށްފައި މި ބުނަނީ ލާހިކެއް ނޫނޭ، އިރާދަކުރެއްވިއްޔާ މި ފުވައްމުލަކުން ކުރި ހޯދާކަށް.އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް
"އަޅުގަނޑު ހަމަ ޗެލެންޖުކޮށްފައި މި ބުނަނީ ލާހިކެއް ނޫނޭ، އިރާދަކުރެއްވިއްޔާ މި ފުވައްމުލަކުން ކުރި ހޯދާކަށް. ނިކަން އާދެބަލަ ޗެލެންޖު ކުރަން. އަޅުގަނޑުމެން މިތިބީ ތައްޔާރަށް ފުވައްމުލަކު މި އޮތީ ތައްޔާރަށް،" އިބޫގެ ރަނިންމޭޓް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފުވައްމުލަކު ބައިބައިކޮށް ތައުލީމީ ނިޒާމް ފުނޑާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ސިއްހީ ހިދުމަތްތައް ފަސް އަހަރު ފަހަތަށް ފުރޮޅާލާފައިވާ ކަމަށެވެ. އަދި އެއްބައިވަންތަކަން ނައްތާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"މިއަދު އެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ). އެހެންކަމުން އަންނަ އަދީއްތަ ދުވަހު އިބޫއަށް ވޯޓު ދޭން ޖެހޭ،" ފައިސަލް ވިދާޅުވިއެވެ.