މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އޮސްޓްރިއާ ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'87 - އޮސްޓްރިއާއަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ޕޮލެންޑް ކީޕަރު ސެޒްނީ ކައިރިން ނައްޓާލުމަށްފަހު ކޮންރާޑް ލައިމާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސްކޮށް ބޭރަށް.
'84 - އޮސްޓްރިއާގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޕޮޝް ފޮނުވާލި ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް ޕޮލެންޑް ކީޕަރު ސެޒްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'80 - އޮސްޓްރިއާ އިން ދެ ބަދަލެއް. ކެޕްޓަން އާނަޓޮވިޗް އާއި ބައުމްގާޓްނާގެ ބަދަލުގައި ކުޅެން ނުކުތީ މައިކަލް ގްރެގޯރިޗް އަދި ރޮމާނޯ ޝްމިޑް.
'78 - ޕެނަލްޓީން އޮސްޓްރިއާ ލީޑު ފުޅާކޮށްފި. އޮސްޓްރިއާ ކެޕްޓަން އާނަޓޮވިޗްގެ ޕެނަލްޓީ އަމާޒުކޮށްލީ ޕޮލެންޑް ގޯލުގެ ތިރީ ކަނަކަށް.
'77 - އޮސްޓްރިއާއަށް ޕެނަލްޓީއެއް. އޮސްޓްރިއާއަށް އެ ޕެނަލްޓީ ލިބުނީ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނައްޓާލުމަށް މަސައްކަތްކުރަނިކޮށް، ސަބިޓްޒާއަށް ޕޮލެންޑް ކީޕަރު ސެޒްނީ ކުރި ފައުލަކާ ގުޅިގެން. ސެޒްނީއަށް ރީނދޫ ކާޑެއް.
'76 - ޕޮލެންޑުން ބަދަލެއް. ސްލިޒްގެ ބަދަލުގައި ކުޅެން ނުކުތީ ކަމީލް ގްރޮސިކީ.
'75 - އޮސްޓްރިއާއަށް ހުސް ފުރުސަތެއް. ބައުމްގާޓްނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެޓްރިކް ވިމާ ފޮނުވާލި ބާރު ހަމަލާ، ޕޮލެންޑްގެ ކީޕަރު ސެޒްނީ ވަނީ މަތަކޮށްފައި.
'70 - ފައުލަކާ ގުޅިގެން އޮސްޓްރިއާ ކެޕްޓަން އާނަޓޮވިޗްއަށް ރީނދޫ ކާޑެއް.
'68 - ޕޮލެންޑުގެ ނުރައްކަލެއް. ލެވަންޑޯސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެރޮލް ސްވިޑާސްކީ ފޮނުވާލި ބާރު ހަމަލާ، އޮސްޓްރިއާގެ ކީޕަރު ޕެންޓްޒް ވަނީ މަތަކޮށްފައި.
'66 - އޮސްޓްރިއާ އިން ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓޮފް ބައުމްގާޓްނާ.
'64 - ލިއެންހާޓްއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީއަށް ރީނދޫ ކާޑެއް.
'63 - އޮސްޓްރިއާގެ ބަދަލެއް. މުވޭނީގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސެންޑާ ޕްރާސް.
'62 - ބައުމްގާޓްނާއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ޔަކުބް މޮޑާއަށް ރީނދޫ ކާޑެއް.
'60 - ޕޮލެންޑުން ދެ ބަދަލެއް. ކްރިސްޓޯފް ޕިއަޓެކް އާއި އެޑަމް ބުކްސާގެ ބަދަލުގައި ކުޅެން ނުކުތީ އެޓީމުގެ ރަސްމީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަދި ކެރަލް ސްވިޑާސްކީ.
'59 - އޮސްޓްރިއާ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން ޓްރައުނާގެ ބަދަލުގައި ކުޅެން ނުކުތީ ކެވިން ޑަންސޯ.
'56 - ނިކޮލާ ޒަލޭވްސްކީއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާގެ ޕެޓްރިކް ވިމާއަށް ރީނދޫ ކާޑެއް.
'55 - އޮސްޓްރިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސަބިޓްޒާ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
'53 - ބައުމްގާޓްނާއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ބާޓޯޒް ސްލިޒްއަށް ރީނދޫ ކާޑެއް.
'51 - އޮސްޓްރިއާގެ ހަމަލާއެއް. ޕެޓްރިކް ވިމާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްޓެފަން ޕޮޝް ބޮލުން ފޮނުވާލި ބޯޅަ، މާބޮޑު އުނދަގުލެއް ނެތި ޕޮލެންޑް ކީޕަރު ސެޒްނީ ވަނީ ހޯދާފައި.
ދެ ޓީމުން ވެސް ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ޕޮލެންޑުން ޔަކުބް ޕިއޮޓްރޯވްސްކީގެ ބަދަލުގައި ކުޅެން ނުކުތީ ޔަކުބް މޮޑާ. އަދި އޮސްޓްރިއާ އިން ފްލޯރިއަން ގްރިލިޗްގެ ބަދަލުގައި ކުޅެން ނުކުތީ ޕެޓްރިކް ވިމާ.
ދެވަނަ ހާފުގެ ކުޅުން ފެށީ ޕޮލެންޑުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'45+1 - ޕޮލެންޑުގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ޒީލެންސްކީ ފޮނުވާލި ހިލޭ ޖެހުން، އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'42 - އޮސްޓްރިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސަބިޓްޒާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'38 - އޮސްޓްރިއާއަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ކްރިސްޓޮފް ބައުމްގާޓްނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާސެލް ސަބިޓްޒާ ފޮނުވާލި ހަމަލާ، ޕޮލެންޑް ޑިފެންޑަރު ޔޭން ބެޑްނަރެކް ވަނީ ބްލޮކްކޮށްފައި.
'30 - ޕޮލެންޑުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރީސްޓޮފް ޕިއަޓެކް. އޭނާ އެ ގޯލު ކާމިޔާބުކުރީ ޔޭން ބެޑްނަރެކް ފޮނުވާލި ހަމަލާއެއް އޮސްޓްރިއާ ޑިފެންޑަރު ގާނޮޓް ޓްރައުނާ ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން.
'27 - އަނެއްކާވެސް ޕޮލެންޑް ކެޕްޓަން ޒީލިންސްކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މިފަހަރު ފޮނުވާލި ހަމަލާ ވެސް އޮސްޓްރިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
'24 - ޕޮލެންޑްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕިއޮޓާ ޒީލިންސްކީ ފޮނުވާލި އެ ހަމަލާ ވެސް އޮސްޓްރިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި. މިފަހަރުގެ ހަމަލާ ބްލޮކްކުރީ އޮސްޓްރިއާ ޑިފެންޑަރު ފިލިޕް ލިއެންހާޓް.
'18 - ޕޮލެންޑަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ނިކޮލާ ޒަލޭވްސްކީ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'17 - އޮސްޓްރިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޕޮލެންޑް ކެޕްޓަން ޕިއޮޓާ ޒީލެންސްކީ ފޮނުވާލި ހަމަލާ، އޮސްޓްރިއާ ޑިފެންޑަރު މުވޭނީ ވަނީ ބްލޮކްކޮށްފައި. ޕެނަލްޓީ އޭރިއާ ތެރެއިން މުވޭނީގެ އަތުގައި ޖެހުމުން ޕޮލެންޑް ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ވެސް ކުރި.
މެޗުގެ ފުރަތަމަ 15 މިނެޓުގައި އޮސްޓްރިއާ ފެންނަނީ ވަރަށް ވަރުގަދަކޮށް. ޕޮލެންޑަށް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައި ނުވާ އިރު، ގިނަ ވަގުތު މަސައްކަތްކުރަން ޖެހިފައިވަނީ ޑިފެންސްގައި. އޮސްޓްރިއާ އިން ދަނީ ގިނަ ވަގުތު ޕޮލެންޑްގެ ހާފުގެ ތެރޭ ބޯޅަ ހިފަހައްޓައިގެން ކުޅެމުން.
'9 - އޮސްޓްރިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ފިލިޕް މުވޭނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގާނޮޓް ޓްރައުނާ.
'4 - އޮސްޓްރިއާއަށް ފުރުސަތެއް. މާސެލް ސަވިޓްޒާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މާކޯ އާނަޓޮވިޗްއަށް ނިންމާލެވޭ ގޮތެއް ނުވި.
'2 - އޮސްޓްރިއާގެ ހަމަލާއެއް. ސްޓެފަން ޕޮޝް، ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ޕޮލެންޑް ކީޕަރު ވޮޖްސިއެޗް ސެޒްނީއާ ދިމާއަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އޮސްޓްރިއާ އިން.
އަނިޔާއަކާ ގުޅިގެން ފުރަތަަމަ މެޗު ގެއްލުނު ޕޮލެންޑްގެ ރަސްމީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ މި މެޗުގެ ފުރަތަމަ 11 ގައި ވެސް ނުހިމެނޭ.
ޔޫރޯ 2024 ގެ 20 ވަނަ މެޗުގައި ޕޮލެންޑާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނަ އިރު ޕޮލެންޑް އޮތީ ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކައިރިން ބަލިވެފައި. އެއީ 2-1 ގެ ނަތީޖާއަކުން. މެޗުގައި ނެދަލޭންޑްސްއިން ޕޮލެންޑް ކޮޅަށް ދެވަނަ ގޯލު ޖެހީ ފަހު ވަގުތު. އޮސްޓްރިއާވެސް އޮތީ ފުރަތަމަ މެޗުގައި ބަލިވެފައި. އެއީ ފެވަރިޓެއް ކަމަށްވާ ފްރާންސް އަތުން. މެޗުގައި އޮސްޓްރިއާ ރަނގަޅަށް ކުޅުނު ނަމަވެސް ބަލިވީ 1-0 ގެ ނަތީކާއަކުން.
އުމުރު: 65 އަހަރު
އޮސްޓްރިއާއާ 2022 ވަނަ އަހަރު ހަވާލުވި ކޯޗު ރަންގްނިކަކީ ޔޫރަޕްގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށްވެސް އާ މޫނަކަށް ނުވާނެ. ޖަރުމަނަށް އުފަން ރަންގްނިކަކީ ޒަމާނީ ފުޓުބޯޅައިގެ އިސް މޭސްތެރިއެއް. އޭނާ ވަނީ "ޖެންޖެންޕްރެސިން"ގެ ހާއްސަ ފިލޯސަފީއެއް ޔޫރަޕަށް ގެނެސްދީ، ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ގެނެސްފައި. ކޯޗިންގެ އިތުރުން ފުޓުބޯޅައިގެ ޓެކްނިކަލް ދާއިރާތަކުގައިވެސް ފުންނާބު އުސް މީހެއްގެ ގޮތުގައި ރަންގްނިކް ފާހަގަވެފައިވޭ. އޮސްޓްރިއާއާ ހަވާލުވުމުގެ ކުރިން ރަންގްނިކް ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލެއިޕްޒިގް، ޝާލްކޭ، ސްޓަޓްގާޓްގެ އިތުރުން ހެނޯވާ ފަދަ ކްލަބުތަކަށް ކޯޗުކޮށްދީފައި.
އުމުރު: 51 އަހަރު
ޕްރޮބިއޭޒްއަކީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު މިޑްފީލްޑަރެއް. އޭނާ ވަނީ ޕޮލެންޑްގެ ގިނަ ކްލަބުތަކަކަށް ކުޅެފައެވެ. އޭގެ ތެރެއިން ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރީ ޕޮލެންޑްގެ ގޯނިކް ޒަބޭޒް. ޕޮލެންޑްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު ޕްރޮބިއޭޒްގެ ކޯޗިން ކެރިއަރުވެސް ގުޅިފައި އޮތީ އުފަން ގައުމު ޕޮލެންޑް. 2005 ވަނަ އަހަރުން ފެށިގެން ކޯޗިން މަސައްކަތަށް ނުކުމެ، އޭނާ މިއަދާ ހަމައަށްވެސް މަސައްކަތް ކުރީ އަމިއްލަ ގައުމުގެ ކްލަބުތަކާ އެކުގައި. ޕޮލިޝް ކަޕް ދެފަހަރަށް، ޕޮލިޝް ސުޕަ ކަޕްވެސް ދެ ފަހަރަށް ހޯދާފައިވާ ޕްރޮބިއޭޒްއަކީ 2010 ވަނަ އަހަރު އެގައުމުގެ އެންމެ މޮޅު ކޯޗެއް. ގައުމީ ސީނިއާ ޓީމާ ޕްރޮބިއޭޒް ހަވާލުވީ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެ ހުރުމަށްފަހު، 2023 ވަނަ އަހަރު.