ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް އީގައި މިރޭ ޔުކްރެއިނުން ކުޅުނު މެޗުގައި ސްލޮވާކިއާ ބަލިކޮށްފިއެވެ.
ޖަރުމަނުގެ ޑުސެލްޑޯފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޔުކްރެއިނުން ފަހަތުން އަރައި ސްލޮވާކިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިފަހަރު ޔުކްރެއިނުން ޔޫރޯ ފެށީ 3-0 އިން ރުމޭނިއާ އަތް ދަށުވެގެންނެވެ. އެ ނަތީޖާއާއެކު މިރޭގެ މެޗުން ޔުކްރެއިނަށް އޮތީ މޮޅެއް ހޯދަން މަޖުބޫރުވެފައެވެ. އެއީ ގަދަ 16 އަށް އުންމީދު ދެމެހެއްޓުމަށެވެ. މިރޭގެ މެޗުން ބަލިވެއްޖެނަމަ، ގަދަ ދެ ޓީމުގެ ތެރެއިން ޖާގައެއް ނުލިބޭނެކަން ޔުކްރެެއިނަށް އޮތީ ޔަގީންވެފައެވެ.
އިދިކޮޅަށް ނުކުތް ސްލޮވާކިއާއިން މިފަހަރުގެ ޔޫރޯ ފެށީ އެންމެ ހައިރާންކުރަނިވި މޮޅާ އެކުގައެވެ. އެއީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ވަރުގަދަ ބެލްޖިއަމް 1-0 އިން ބަލިކޮށްފައެވެ. ޗެކޮސްލޮވާކިއާއިން 1976 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި އިރު، އެގައުމުތަކުގެ ތެރޭގައި ސްލޮވާކިއާ ހިމެނުނު ނަމަވެސް، އެ ގައުމުން ސްލޮވާކިއާގެ ނަމުގައި ޔޫރޯއަށް ފުރަތަމަ ނުކުތީ 2016 ވަނަ އަހަރުއެވެ. އެފަހަރު ގަދަ 16 އަށް ދިޔަ ނަމަވެސް 2020 ގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ސްލޮވާކިއާއަށް މިއަދުގެ މެޗުން މޮޅުވެ، ގަދަ 16 ޔަގީން ކުރެވެން އޮތެވެ.
މެޗު ރަނގަޅަށް ފެށީ ސްލޮވާކިއާއިންނެވެ. މެޗުގެ ކުރީކޮޅުގައި ލޫކަސް ހަރާސްލިން ފޮނުވާލި ބާރު ހަމަލާއާއި ޑޭވިޑް ހަންޗްކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިވާން ޝްރާންޒް ފޮނުވާލި ހަމަލާ ވެސް މަތަކުރީ ޔުކްރެއިންގެ ގޯލްކީޕަރު އަނަޓޮލީ ޓްރުބިން އެވެ.
އެ ހަމަލާތަކާއެކު މެޗު ފެށި ސްލޮވާކިއާ، މެޗުގެ 17 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ނެގިއެވެ. ހަރާސްލިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްލޮވާކިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޝްރާންޒެވެ. އޭނާއަކީ ބެލްޖިއަމް ކޮޅަށް ވެސް ގޯލު ޖެހި ކުޅުންތެރިޔާއެވެ.
އެ ގޯލަށްފަހު ފުރަތަމަ ހާފުގެ ފަހު ބައިގައި ޔުކްރެއިންގެ ނުރައްކާ ފާހަގަވިއެވެ. ޔުކްރެއިނުން މެޗު ތެރެއަށް ވަދެ އުފެއްދި ހަމަލާތަކުގައި މަދުވީ ގޯލެކެވެ. އަންދްރޭ ޔާމަލެންކޯއާއި މީހައިލޯ މުޑްރީކްގެ އިތުރުން އޮލެކްސެންޑާ ޓިމްޝީކްގެ ހަމަލާތައް ފާހަގަވިއެވެ. ޓިމްޝީކް ކައުންޓާގައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވި އިރު، މުޑްރީކްގެ ހަމަލާ މަތަކުރީ ކީޕަރު މާޓިން ޑުބްރާވްކާއެވެ.
ސްލޮވާކިއާއިން ލީޑުގައި ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ޔުކްރެއިން ނުކުތީ ތަފާތު ރޫހެއްގައެވެ. ހާފުގެ ކުރީކޮޅުގައި މުޑްރީކްގެ ބާރު ދުވެލީގައި ސްލޮވާކިއާގެ ޑިފެންސަށް ނުރައްކާ ކޮށްފައިވާ އިރު، 54 ވަނަ މިނެޓުގައި ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ކައުންޓާ އެޓޭކެއްގައި އޮލެކްސެންޑާ ޒިންޗެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިކޯލާ ޝަޕަރެންކޯއެވެ. އެ ގޯލުގައި މުޑްރީކްގެ ދައުރު ބޮޑެވެ.
އެ ގޯލަށްފަހު ނުރައްކާ ކުރަމުންދިޔަ ޔުކްރޭނުން 74 ވަނަ މިނެޓުގައި އިތުރު ފުރުސަތެއް ހޯދިއެވެ. ރޯމަން ޔަރެމްޗުކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން މުޑްރީކް ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވާކިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ހަމަލާތަކަށް ސްލޮވާކިއާއަށް ޖަވާބު ދޭން ނޭނގިގެން އުޅެނިކޮށް، ޔުކްރެއިން މެޗު އަނބުރާލީ 80 ވަނަ މިނެޓުގައެވެ.
ޝަޕަރެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔަރެމްޗުކެވެ. މަތިމަތިން ދިޔަ ބޯޅަ ރީތިކޮށް ފަޔަށް ކޮންޓްރޯލްކޮށްލައި، އޭނާ ބޯޅަ ގޯލަށް ވައްދާލީ ހިތްގައިމު ކޮށެވެ.
އެ ގޯލަށްފަހު ސްލޮވޭކިއާއިން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ޔުކްރެއިން ވަނީ މޮޅު ޔަގީން ކޮށްފައެވެ.