އެކިއެކި ގައުމުތަކުގެ ސަގާފަތާއި، އާދަކާދަތައް ފުޓުބޯޅައިގައިވެސް ތަފާތެވެ. އެއީ ފުޓުބޯޅައިގެ އެންމެ ރީތި އެއް ސިފަވެސް މެއެވެ. ގައުމުތަކުން އެ ގައުމުތަކުގެ ސަގާފަތާއި ވައްޓަފާޅި ފުޓުބޯޅައަށްވެސް ވައްދާ ވެއްދުމެވެ. އާންމުކޮށް ގިނަ ގައުމުތަކުގައި، އަދި ބޮޑެތި ކްލަބުތަކުގައިވެސް ޓީމެއްގެ ތެރޭގައި ކޯޗާ ނުލައި، ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ އެވެ. އެހެން ނަމަވެސް، ޔުކްރެއިންގައި އެ ސަގާފަތް ތަފާތެވެ.
ހަނގުރާމައިގައި ގައުމު އޮތް ޔުކްރެއިނުން މިފަހަރުގެ ޔޫރޯ ފެށީ ރުމޭނިއާ އަތުން 3-0 އިން ބޮޑު ބައްޔެއް ވެގެންނެވެ. އެ ބައްޔަކީ ލަދުވެތި ބައްޔަކަށްވިޔަސް، ޑްރެސިން ރޫމަށް ގޮސް ހުރިހާ ކުޅުންތެރިން ބޭނުންވީ ވަކީން ވާހަކަ ދައްކާލާށެވެ. ކޯޗު ސެރްހީ ރެބްރޯވާއި އިތުރު އޮފިޝަލުންވެސް ނުލައެވެ. އެކަން މީޑިއާއަށް ތިލަވުމުން، އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ރެބްރޯވް ވަނީ ޖަވާބުވެސް ދީފައެވެ.
"ޖަރުމަނުގައި އެއީ އެހާ އާންމު ކަމަކަށް ނުވެދާނެ. އެހެންވިޔަސް އަހަރެމެންގެ ގައުމުގައި އެއީ އާއްމު ކަމެއް. އަހަރެމެން ގައުމުތަކުގައި ބޮޑެތި މައްސަލަތައް ޖެހުނީމަވެސް އެކަމެއްގައި އެންމެ ފުންކޮށް ޝާމިލުވާ ބަޔަކު އަމިއްލައަށް މައްސަލައާ ދޭތެރޭ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރާނީ،" ކޯޗު ރެބްރޯވް ބުންޏެވެ.
މިރޭ ޔުކްރެއިނުން ގްރޫޕް ސްޓޭޖުގެ މެޗުގައި ނުކުންނާނީ ސްލޮވާކިއާއާ ދެކޮޅަށެވެ. އެމެޗުން މޮޅުވެގެން ނޫނީ އަމިއްލަ ބާރުގައި ގަދަ 16 އަށް ދާން ޔުކްރެއިނަށް ފުރުސަތެއް ނެތެވެ. ކޯޗު ރެބްރޯވް ބުނީ މިރޭގެ މެޗުގައި ކުރަން ޖެހޭނެ ކަންތައް، މިހާރު އޮންނާނީ ކުޅުންތެރިންނަށް އިހުސާސްވެފައި ކަމަށާއި، ރުމޭނިއާ މެޗުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ.
އިއްޔެގެ ޕްރި މެޗު ޕްރެސްގައި ކޯޗު ރެބްރޯވްއާއެކު ބައިވެރިވި، ޑިފެންޑަރު އޮލެކްސާންޑާ ޒިންޗެންކޯވެސް ފާހަގަކޮށްފައި ވަނީ ކޯޗުގެ އެވާހަކައެވެ. އޭނާ ބުނީ އޭނާގެ އުންމީދަކީ ހުރިހާ ކުޅުންތެރިންނަށްވެސް ރުމޭނިއާ އަތުންވީ ބަލީން އުބުރަތެއް ލިބުން ކަމަށެވެ. މިހާރު ބޭނުންވަނީ އާ ފެށުމަކުން ފަށަން ކަމަށްވެސް ޒިންޗެންކޯ ބުންޏެވެ.
ޔުކްރެއިނާއި ސްލޮވާކިއާ ވާދަކުރާ މެޗު އޮންނާނި މިއަދު ހަވީރު ރާއްޖެ ގަޑިން 6:00 ގައެވެ.