އަލްހާން ފަހުމީ

ދީބާޖާއަށް ދައުލަތުން ދޭން ޖެހޭ 348 މިލިޔަން ރުފިޔާއިން އަލްހާނެގެ ލޯފާމަށް 174 މިލިޔަން ދޭންޖެހޭ

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު، އޭގެ ތެރެއިން 174 މިލިޔަން ރުފިޔާ، މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވި އަލްހާން ފަހުމީގެ ލޯފާމަކަށް ދޭން ޖެހޭކަން ހާމަ ވެއްޖެއެވެ.

އެ ލޯފާމަކީ، ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އެވެ.

އެލޯފާމަށް 174 މިލިޔަން ރުފިޔާ ދޭން ޖެހެނީ، އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައިރު، ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އިން ވަކާލާތު ކޮށްދީފައިވަނީ ބަދަލުގެ ގޮތުގައި ލިވޭ ފައިސާއިން ފަންސާސްޕަސެންޓް ލޯފާމަށް ދޭން ޖެހޭގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީއެވެ.

ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އަށް 174 މިލިޔަން ރުފިޔާ ދޭން ޖެހޭ ކަމަށް ބުނާ އެއްބަސްވުން ވަނީ ސޯޝަލް މީޑީއާގައިވެސް ދައުރުވާން ފަށައިފައެވެ.

ފޯނު ނުނަންގަވާތީ، މި މައްސަލައިގައި އަލްހާންގެ ކޮމެންޓެއް ލިބިފައި ނުވިނަމަވެސް، ބައެެއް މީޑިޔާތަކަށް އަލްހާން ވިދާޅުވެފައިވަނީ، އެ އެއްބަސް ވުމަކީ ސައްހަ އެއްބަސް ވުމެއް ކަމަށާއި، ނަމަވެސް އެ ފައިސާ އަދި ލިބިފައިނުވާ ކަމަށެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ހުސްވި އޭޕްރީލް މަހުގެ 18 ގަ އެވެ.

އެއީ ދީބާޖާ އިންވެސްޓްމަންޓަށް 2010 ވަނަ އަހަރު ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި ނަމަވެސް، 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށްފައިވާތީއެވެ.

ދައުލަތުން އެއްބަސްވުން ބާތިލުކުރުމުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދީބާޖާ އިންވެސްޓްމަންޓުން ހުށަހެޅުމުން އެ ކޯޓުން ވަނީ 2014 ވަނަ އަހަރު 348.10 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށް ދައުލަތުން އެފައިސާ ދޭން ނުޖެހޭނެ ކަމަށް ނިންމިއެވެ.

ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ދީބާޖާ އިންވެސްޓްމަންޓުން އިސްތިއުނާފް ކުރުމުން ފުރަތަމަ ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ކުންފުންޏަށް 348.10 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ. އެ މައްސަލައިގައި ދީބާޖާ އިންވެސްޓްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ފަހުންނެވެ. ސުޕްރީމް ކޯޓުންވެސް އެ ނުކުތާ ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭ ފަރާތުން އެ ހައްގު ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އިޖުރާއަތްތައް ފަހަނައަޅާ ނުދެވޭނެ ކަމަށާއި އެހެންކަމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން އެ ހައްގު ގެއްލޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދިއުން ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައި ނުވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ނިންމައިފައެވެ.