އިބްރާހިމް ޒަކީ
ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާ، ރިވިއު ކުރަން ޕީޖީ އޮފީހަށް ހުށަހެޅި ނަަމަވެސް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކުރިިނަލް ކޯޓުން ނިންމައިފިއެވެ.
އެ މައްސަލައިގައި އަލްހާނު ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮ ކަމަށްވާ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އުފުލައިފައެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް އިން 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރު، އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓުގެ އެކި ޕެކޭޖުތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ، ފައިސާ ޓަކައިގެންފައިވާ ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ.
މިއަދުގެ އަޑުއެހުުގައި ދިފާއީ ވަކީލު ވިދާޅުވީ، ޖިނާއީ ދައުވާތައް ރިވިއުކުރަން ހުށަހެޅުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުވާލާފައިވާތީ އެ މައްސަލަ ރިވިއުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ވަކީލް އެދިވަޑައިގަތެވެ.
ނަމަވެސް މައްސަަލަ ބައްލަވާ ގާޒީ ވިދާޅުވީ، މައްސަލަ ރިވިއުކުރަން އެދިފައިވީ ނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ދައުވާ އަނބުރާ ނުގެންދަހާ ހިނދަކު ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ އަޑުއެހުުމުގައި އޮތީ، ދައުވާކުރާ ފަރާތްތަކަށް ދައުވާ އިއްވުމެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް އަލްހާން ހާޒިރެއް ނުވެއެވެ. ހާޒިރުވީ ޝަހުބާން ފަހުމީގެ އާއި ޝަޒްބާން ފަހުމީއެވެ.
ގާޒީ ވިދާޅުވީ، ސިއްހީ ސަބަބަކާ ހެދި، ހާޒިރު ނުވެވޭނެކަން އަލްހާން ކޯޓަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ދައުވާ ލިބޭ ތިން މީހުންގެ އެއް ހާޒިރެއްގައި ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް ދިފާއުން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ދެވަނަ ވަކީލެއްގެ ގޮތުގައި ދިފާއުން އައްޔަން ކޮށްފައިވާ ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝުކޫރަށް މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވަޑައެއް ނުގެންނެވުމެވެ. އެއީ ހެނދުނު 9:53 ގައި ފޯމު ހުށަހަޅުއްވާފައިވީ ނަމަވެސް، ފޯމުގައި ސޮއި ކުރައްވާފައި ނުވާތީއެވެ.
ދައުވާ ލިބޭ ފަރާތްތަކުން ބުނީ އެމީހުން މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ އަޑުއެހުމަށް ހާޒިރުވި ވަކީލުގެ އިތުރުން، ވަކީލު އާޒިމާ ޝަކޫރާ ވެސް އެކުގައި ކަމަށެވެ.
އެހެންކަމުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވައިލެއްވީ ދިފާއުން އެދުނު ގޮތަށް ވަކީލުންނާއެކު ޝަރީއަތް ކުރިއަށްދިއުމަށް ފުރުސަތު ދެއްވުމަށެވެ.
ގާޒީ ވިދާޅުވީ މި މައްސަލަ އެހެން ދުވަހަކަށް ތާވަލުކުރައްވާނެ ކަމަށެވެ.