ޚަބަރު

ޓެކުމުގެ ދައުވާތަކަށް އަލްހާނާއި ޝަހުބާން އިންކާރުކޮށްފި

ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ޓެކުމުގެ ދައުވާތަަކަށް އިންކާރުކޮށްފިއެވެ.

އަލްހާނު ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮ ކަމަށްވާ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ ތިން މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދު ކުރިއަށް ގެންދިޔައީ ދައުލަތުން ދައުވާ އިއްވުމާއި ދިފާއުން ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާއެވެ. ހުރިހާ ދައުވާތަކެއް އިއްވައި ދައުވާއަށް ޖަވާބުދާރީވުން ކުރިއަށް ގެންދިޔައީ އެއްވަގުތެއްގައެވެ. އެގޮތަށް އެ މަރުހަލާ ކުރިއަށް ގެންދިއުމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ، އެ ތިން މީހުންގެ މައްޗަށް ކުރަނީ އެއް ދައުވާތަކަކަށްވެފައި އެ ދައުވާތަކަކީ އެއް ވާގިއާތަކެއްގެ މައްޗަށް ބިނާ ދައުވާތަކަށްވުމުން ވަގުތުުު ސަލަމާތްކުރުމުގެ ގޮތުންނެވެ. އަދި ދައުލަތުންނާއި ދިފާއުން އެގޮތަށް އެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންކާރުކޮށްފައި ނުވުމުންނެވެ.

ދައުލަތުން ދައުވާ އިއްވުމުން އަލްހާންގެ ދިފާއީ ވަކީލު އަލީ ސައީދު ވަނީ ދައުވާތައް ސާފުނުވާ ކަމަށް ވިދާޅުވެ ބައެއް ކަންކަން ޝަރީއަތުގައި ފާހަގަކުރައްވައިފައެވެ. އެގޮތުން އަލީ ސައީދު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަންފާ ލިބޭ ސްކީމެއް ހިންގީ ކުންފުންޏަކުންތޯ ނުވަތަ މީހެއްކަން ދައުވާގައި ސާފުނުވުން ހިމެނެއެވެ. ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނީގެ މުއާމަލާތްތަކަށް ޒިންމާވާން ޖެހޭނީ ޑިރެކްޓަރުން ކަމަށްވާ އިރު، ދައުވާގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ ކުންފުނީގެ ހިއްސާދާރުން ކަމަށް އަލީ ސައީދު ވިދާޅުވިއެވެ.

ދައުވާގައިވާ ގޮތުން ތިން މީހުންގެ މައްޗަށް ޓެކުމުގެ ދައުވާކޮށްފައިވަނީ އެއް ކަމެއްގެ މައްޗަށް ބިނާކޮށް އެއް ވާގިއާތަކުން ކަމަށްވާތީ ދައުވާ ލިބޭ ފަރާތްތަކުގެ ބައިވެރިވުން ކުށް ކުރުމުގައި އޮތް މިންވަރު ސާފު ނޫން ކަމަށް އަލީ ސައީދު ވިދާޅުވިއެވެ.

ޝަހުބާން އަދި ޝަޒްބާންގެ ދިފާއީ ވަކީލު އާޒިމާ ޝުކުރޫ ވެސް ވަނީ ހަމަ އެ ސުވާލުތައް ދައުލަތުގެ ވަކީލުންނާ ކުރައްވައިފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ހައްވާ ނާހީ ވަނީ ޓެކުމުގެ ކުށް ހިންގުމުގައި އަލްހާން، ޝަހުބާން އަދި ޝަޒްބާން ބައިވެރިވި ގޮތް ކިޔައިދެއްވައިފައެވެ. ދައުލަތުން ވިދާޅުވީ އަލްހާން ވަނީ ސޯޝަލް މީޑިއާގައި އެ ސްކީމް ޕްރޮމޯޓު ކޮށްފައި ކަމަށެވެ. އަދި ސްކީމަށް އެކި ފަރާތްތަކުން އިންވެސްޓުކުރި ފައިސާ ޖަމާވެފައިވަނީ އަލްހާންގެ ބޭންކު އެކައުންޓަށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަލްހާންއާއެކު އެ މުއާމަލާތްތަކުގައި ޝަހުބާން ވަނީ ބައިވެރިވެފައި ކަމަށާއި ސްކީމް ހިންގި ކުންފުނީގެ ބޭންކު އެކައުންޓުން ޝަހުބާން އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޝަޒުބާންގެ ހިއްސާ އޮންނަނީ ކިންގްސްގެ އެހެން ކުންފުންޏަކަށްކަން ފާހަގަކުރައްވައި ދައުލަތުން ވިދާޅުވީ އެ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް އޮންނަނީ ސްކީމް ހިންގި ކިންގްސް ކެޕިޓަލަށް ކަމަށެެވެ.

ކިންގްސް ކެޕިޓަލްގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް އެކައުންޓު ނިސްބަތްވާ ފޯނު ނަންބަރުގެ ވެރިފަރާތަކީ ޝަޒުބާން ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން އެކަން އެގޮތަށް ތަފްސީލު ކޮށްދިނުމުން ވެސް ދިފާއީ ވަކީލުން، އާޒިމާއާއި އަލީ ސައީދު ވިދާޅުވީ ދައުވާތައް ސާފުނުވާ ކަމަށެވެ. ދިފާއުގެ ފަރާތުން ދައުވާ ސާފުނުވާ ކަމަށް ވިދާޅުވާ ކޮންމެ ފަހަރަކު ދައުލަތުން ދައުވާ ސާފުކޮށްދެއްވައެވެ. ނަމަވެސް އެއް ވާހަކަތަކެއް ތަކުރާރުކޮށް ދިފާއުން ދައްކަވަމުންދާތީ ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ސާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ގާޒީގެ އަރިހުން އެދިވަޑައިގެންފައެވެ. ދައުލަތުން އެގޮތަށް އެދުނީ ތިންހަަތަރު ވަރަކަށް ފަހަރު ދައުވާ ސާފުކޮށްދީފައިވާތީއެވެ.

ނަމަވެސް ދައުލަތުން އެދުނު ގޮތަށް ކަނޑައަޅައިދެއްވުމުގެ ބަދަލުގައި ދައުވާ ރައްދުވާ ފަރާތްތަކަށް ގާޒީ އެންގެވީ ދައުވާއަށް ޖަވާބުދާރީވުމަށެވެ. ގާޒީ އެގޮތަށް އެންގުމުން ދިފާއީ ވަކީލުން އެކަމަށް އިއުތިރާޒުކުރުމުން ގާޒީ ވަނީ އަނެއްކާވެސް ދައުވާއަށް ޖަވާބުދާރީވެވަޑައިގަތުމަށް އަންގަވައިފައެވެ.

އެގޮތަށް އެންގުމުން އެންމެ ފުރަތަމަ ދައުވާއަށް ޖަބާބުދާރީވީ އަލްހާނެވެ. އެއަށްފަހު ޝަހުބާނާއި ޝަޒްބާންއެވެެ. 

ދައުވާއަށް އިންކާރުކޮށް އަލްހާން ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް ޓެކުމުގެ ދައުވާކުރާ އިރު، ދައުވާގައި ގެއްލުން ލިބުނު ފަރާތްތަކާ ދުވަހަކު ވެސް ބައްދަލުވެފައިނުވާނެ ކަމަށާއި އެއިން މީހަކާ އެއްވެސް މުއާމަލާތެއް ވެސް ކޮށްފައިނުވާނެ ކަމަށެވެ. ޓެކުމުގެ ދައުވާތަކަށް އިންކާރުކޮށް ޝަހުބާން ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށާއި ދައުލަތުން ބަޔާންކޮށްފައިވާ ޓެކުމުގެ ކުށް ހިންގުމުގައި އޭނާ ކުރި ކަމެއް ދައުވާގައި ބަޔާންކޮށްފައިވާ ކަންކަމުން ސާފުނުވާ ކަމަށެވެ. ޝަޒްބާން، ދައުވާއަށް އިންކާރުކޮށް ބުނީ ދައުވާ ސާފުނުވާ ކަމަށާއި އޭނާގެ ހިއްސާ އޮންނަ ކަމަށް ދައުލަތުން ވިދާޅުވާ ކުންފުނީގެ ނަން ދައުލަތުން އެކިފަހަރު ކިޔަނީ އެކި ގޮތްގޮތަށް ކަމަށެވެ. 

ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާ ނިމުމުން ގާޒީ ވަނީ ހެކި ހާމަކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. ނަމަވެސް އެ ތިން މީހުންގެ މައްޗަށް ވެސް ޓެކުމުގެ 13 ދައުވާކުރާތީއާއި އެއް ވާގިއާތަކަށް ބިނާވާ ކަންކަމަށްވާތީ ގާޒީ ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ދިފާއަށް ލިބިފައިވާތީ މައްސަލައިގެ ހެކިތަކަކީ ކޮބައިކަން ދިފާއަށް އެނގެން ހުންނާނެ ކަމަށެވެ. އެހެންވެ ވަކިވަކިން ހެކި ހާމަކުރުމުގެ ބަދަލުގައި، ހެކި ހާމަކުރެވިފައިވާ ކަމަށް ނިންމަން ބޭނުންވާތީ ގާޒީ ވަނީ އެކަން އެގޮތަށް ނިންމުމުގައި ދައުލަތާއި ދިފާއުގެ އިއުތިރާޒެއް އޮތްތޯ ސުވާލު ކުރައްވައިފައެވެ. ދިފާއުންނާއި ދައުލަތުން ވެސް އެކަމަށް އިއުތިޒާރު ނުކުރާ ކަމަށް ޝަރީއަތަށް ދެންނެވުމުން ގާޒީ ވަނީ ހެކި ހާމަ ކުރުމުގެ މަރުހަލާ ނިމިއްޖެ ކަމަށް ކަނޑައަޅައިފައެވެ.

މިއަދުގެ ޝަރީއަތް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އެއް މަސް ދުވަސް ފަހުން، އަންނަ ނޮވެމްބަރުމަހުގެ ކުރީކޮޅުގައި ކަމަށެވެ. އެއީ ދިފާއަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ތައްޔާރު ކުރުމަށާއި ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ގާޒީ ވިދާޅުވިއެވެ. 

ގާޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް އޮންލައިންކޮށް ބޭއްވުމުގެ ބަދަލުގައި ދެން ބާއްވާނީ ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ.