ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ޑެންމާކު 1-1 އިންގްލެންޑް (ދެވަނަ ހާފް)

20 Jun 22:56

މެޗުގެ އުސްއަލިތައް

  • މެޗު ރަނގަޅަށް ފެށީ ޑެންމާކުން، އެޓީމުން ކުރީކޮޅުގައި އިންގްލެންޑަށް ޕްރެޝަރު ކުރި
  • ޑެންމާކުން ދުރުން ޝޫޓް ކުރަން ބޮޑަށް ވިސްނިއިރު، ހޮއިބިއޭގެ ދެ ހަމަލާއެއް ޕިކްފޯޑު މަތަކުރި
  • އޭގެ ފަހުން އިންގްލެންޑުން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ލީޑު ނެގި
  • އިންގްލެންޑްގެ ގޯލު ޖެހީ ކޭން، އޭނާ ވަނީ އެންމެފަހުން ކުޅުނު ބޮޑު ހަތަރު މުބާރާތުގައި ގޯލު ޖަހާފައި
  • އެ ގޯލަށްފަހުވެސް ޑެންމާކު ފަހަތަށް ނުޖެހޭ
  • ނަތީޖާއެއްގެ ގޮތުން ހިޖޫލްމަންޑް ޖެހި ހިތްގައިމު ގޯލުން ނަތީޖާ ހަމަހަމަ ކުރި
  • ދެވަނަ ހާފުގައި ކުރީކޮޅުގައި އިންގްލެންޑްގެ އެޓޭކު ފެނުނީ ނުރައްކާކޮށް
  • އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ އިންގްލެންޑް ފޯވަޑް ފޮޑެން
  • ފޮޑެންގެ ހަމަލާ އަމާޒުވީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށް
  • އިންގްލެންޑް ފޯވަޑް ސަކާއަށް ތިން ފުރުސަތެއް ލިބުނު، ނަމަވެސް އެއްވެސް ހަމަލާއަކުން ގޯލަށް ނުރައްކާކުރެވިފައެއް ނުވޭ
  • އިންގްލެންޑްގެ ވޮޓްކިންސްއަށް ހުސް ފުރުސަތެއް ލިބުނު، ކީޕަރު ޝްމައިކަލް ވަނީ އެ ހަމަލާ މަތަކޮށްފައި
  • ޑެންމާކުން ބޮޑަށް ނުރައްކާކުރަމުން ދިޔައީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލާ ހަމަލާތަކުން
  • ޕެނަލްޓީ އޭރިއާ ބޭރުން ޑެންމާކުގެ ޑެމްސްގާޑް އާއި ހޮއިބިއާ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވޭ، ކީޕަރު ޕިކްފޯޑް ވަނީ އެ ހަމަލާތައް މަތަކޮށްފައި
  • މެޗުގެ ނިމެނިކޮށް ޑެންމާކަށް ހުސް ފުރުސަތެއް ލިބުނު، ކްރިސްޓެންސެންގެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް
  • ޖުމުލަކޮށް މުޅި މެޗުގައި ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް، އިންގްލެންޑަށް ތަފާތެއް ނުދެއްކުނު
20 Jun 22:52

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

20 Jun 22:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

20 Jun 22:45

'84 - ޑެންމާކްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ހޮއިބިއާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 22:44

'83 - ޑެންމާކަށް ހުސް ފުރުސަތެއް. އަންދްރޭސް ސްކޯވް އޮލްސެން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޑެންމާކްގެ އަންދްރޭސް ކްރިސްޓެންސެން ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

20 Jun 22:43

'82 - ޑެންމާކްގެ ކައުންޓާ އެޓޭކެއް. ހުސްކޮށް ހުރެ އެލެކްސެންޑާ ބާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހަމަލާއެއް ފޮނުވާލުމުގެ ކުރިން އިންގްލެންޑް ޑިފެންޑަރު މާކް ގުއޭހީ ވަނީ ދިފާއުކޮށްފައި.

20 Jun 22:41

'82 - ޑެންމާކްގެ ދެ ބަދަލެއް. ހިޖޫލްމަންޑާއި އެރިކްސަންގެ ބަދަލުގައި ކުޅެން ނުކުތީ އެންދްރޭސް ސްކޯވް އޮލްސެން އަދި ކްރިސްޓިއަން ނޯގާޑް.

20 Jun 22:32

'73 - ޑެންމާކުގެ ނުރައްކާތެރި ހަމަލާއެއް. އެރިކްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ހޮއިބިއާ ފޮނުވާލި ބާރު ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައި.

20 Jun 22:31

'71 - އިންގްލެންޑަށް ހުސް ފުރުސަތެއް. ޖޫޑް ބެލިންހަމް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު އޮލީ ވޮޓްކިންސް ފޮނުވާލި ހަމަލާ، ޑެންމާކް ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފައި.

20 Jun 22:30

'69 - އިންގްލެންޑްގެ ތިން ބަދަލެއް. ފޯވަޑް ލައިނުގައި ހިމެނޭ ކެޕްޓަން ކޭން އާއި ފޮޑެން އަދި ސަކާގެ ބަދަލުގައި ކުޅެން ނުކުތީ ޖެރޮޑް ބޮވެން އާއި އޮލީ ވޮޓްކިންސް އަދި އެބެރެޗީ އެޒާ.

20 Jun 22:28

'68 - ޑެންމާކްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މިކެލް ޑެމްސްގާޑް ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްއާ ދިމާއަށް.

20 Jun 22:26

'67 - ޑެންމާކުގެ ބަދަލެއް. ހޮއިލުންޑްގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ޕޮލްސަން.

20 Jun 22:23

'63 - ޑެންމާކްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 22:21

'62 - އަންދްރޭސް ކްރިސްޓެންސެންއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް މިޑްފީލްޑަރު ކޮނޯ ގަލެގާއަށް ރީނދޫ ކާޑެއް.

20 Jun 22:21

20 Jun 22:18

'59 - އިންގްލެންޑްގެ އިތުރު ހަމަލާއެއް. ޑެންމާކް ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސެން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ސަކާ ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 22:17

'57 - ޑެންމާކްގެ ދެ ބަދަލެއް. ވިކްޓާ ކްރިސްޓިއަންސެން އާއި ޖޮނަސް ވިންޑްގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް ޑެމްސްގާޑް އަދި އެލެކްސެންޑާ ބާ.

20 Jun 22:16

'56 - އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ބުކަޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފިލް ފޮޑެން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށް. ޕެނަލްޓީ އޭރިއާ ތެރެއިން ސަކާއަށް ރީބައުންސް ބޯޅަ ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 22:13

'54 - އިންގްލެންޑްގެ ބަދަލެއް. ޓްރެންޓް އެލެކްސެންޑާ އާނޯލްޑްގެ ބަދަލުގައި ކުޅެން ނުކުތީ ކޮނޯ ގަލެގާ.

20 Jun 22:13

'53 - އިންގްލެންޑްގެ ނުރައްކަލެއް. ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބުކަޔޯ ސަކާ ފޮނުވާލި ހަމަލާ، ޑެންމާކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 22:11

'51 - އިންގްލެންޑްގެ ހަމަލާއެއް. ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑެކްލެން ރައިސް ފޮނުވާލި ހަމަލާ، ޑެންމާކްގެ ރަސްމުސް ހޮއިލުންޑް ވަނީ ބްލޮކްކޮށްފައި.

20 Jun 22:06

'47 - ޑެންމާކްގެ އެޓޭކެއް. ރަސްމުސް ހޮއިލުންޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮނަސް ވިންޑް ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

20 Jun 22:04

ދެވަނަ ހާފުގެ ކުޅުން ފެށީ ޑެންމާކުން.

20 Jun 21:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ރަނގަޅަށް ފެށީ ޑެންމާކުން، އެޓީމުން ކުރީކޮޅުގައި އިންގްލެންޑަށް ޕްރެޝަރު ކުރި
  • ޑެންމާކުން ދުރުން ޝޫޓް ކުރަން ބޮޑަށް ވިސްނިއިރު، ހޮއިބިއޭގެ ދެ ހަމަލާއެއް ޕިކްފޯޑު މަތަކުރި
  • އޭގެ ފަހުން އިންގްލެންޑުން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ލީޑު ނެގި
  • އިންގްލެންޑްގެ ގޯލު ޖެހީ ކޭން، އޭނާ ވަނީ އެންމެފަހުން ކުޅުނު ބޮޑު ހަތަރު މުބާރާތުގައި ގޯލު ޖަހާފައި
  • އެ ގޯލަށްފަހުވެސް ޑެންމާކު ފަހަތަށް ނުޖެހޭ
  • ނަތީޖާއެއްގެ ގޮތުން ހިޖޫލްމަންޑް ޖެހި ހިތްގައިމު ގޯލުން ނަތީޖާ ހަމަހަމަ ކުރި
20 Jun 21:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

20 Jun 21:48

'45 - އިންގްލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފިލް ފޮޑެން ފޮނުވާލި ހަމަލާ، ޑެންމާކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 21:46

'44 - ޑެންމާކްގެ ނުރައްކަލެއް. ރަސްމުސް ހޮއިލުންޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޕިއެރޭ އެމީލް ހޮއިބިއާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްއާ ދިމާއަށް.

20 Jun 21:43

'41 - އިންގްްލެންޑުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފިލް ފޮޑެން ފޮނުވާލި ހަމަލާ އަމާޒުވީ ޑެންމާކް ކީޕަރު ކެސްޕާ ޝްމައިކަލްއާ ދިމާއަށް، އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

20 Jun 21:41

20 Jun 21:40

'38 - ޑެންމާކްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހިޖޫލްމަންޑް ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

20 Jun 21:37

'34 - ޑެންމާކްގެ ހިތްގައިމު ގޯލެއް. އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަތުން ހެދުނު ގޯހަކުން ވިކްޓާ ކްރިސްޓިއަންސެން ދިން ބޯޅަ، ދުރުން ފޮނުވާލައިގެން ޑެންމާކަށް އެ ގޯލު ކާމިޔާބުކޮށްދިނީ މޯޓެން ހިޖޫލްމަންޑް. އޭނާގެ ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.

20 Jun 21:31

'29 - ޕެނަލްޓީ އޭރިއާ ތެރެއިން ޑެންމާކް ފޯވަޑް ރަސްމުސް ހޮއިލުންޑަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުމެއް ނުހިފުނު. އިންގްލެންޑް ޑިފެންޑަރުންގެ ޕްރެޝަރާ ގުޅިގެން އޭނާ އަތުން ވަނީ ބޯޅަ ގެއްލިފައި.

20 Jun 21:28

'26 - ބުކަޔޯ ސަކާއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކްގެ ޔެނިކް ވެސްޓަގާޑްއަށް ރީނދޫ ކާޑެއް.

20 Jun 21:27

'25 - ޑެންމާކްގެ ހަމަލާއެއް. ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޖޮނަސް ވިންޑް ބޮލުން ފޮނުވާލި ހަމަލާގައި މާބޮޑު ނުރައްކަލެއް ނެތް، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.

20 Jun 21:25

'23 - އިންގްލެންޑުން ލީޑު ނެގުމާއެކު ޑެންމާކްގެ އެޓޭކް ވަރުގަދަކޮށްފި. ނަމަވެސް އިންގްލެންޑްގެ ޑިފެންސުން ފުރުސަތެއް ނުދޭ.

20 Jun 21:25

20 Jun 21:21

'18 - އިންގްލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކައިލް ވޯކާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޑެންމާކްގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން. އޭނާއަށް ބޯޅަ ލިބުނު އިރު، ޑެންމާކްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރީ ވަރަށް ހުސްކޮށް.

20 Jun 21:18

'17 - އިންގްލެންޑްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، ޑެންމާކް ޑިފެންޑަރު ޔޯކިމް އެންޑަސަން ވަނީ ބްލޮކްކޮށްފައި.

20 Jun 21:16

20 Jun 21:15

'13 - އިންގްލެންޑަށް ހުސް ފުރުސަތެއް. ކައި ވޯކާ ދިން ބޯޅައަކުން ޑެންމާކްގެ ޑިފެންޑަރެއް ކައިރިން ނައްޓާލައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފިލް ފޮޑެން ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 21:11

'7 - މެޗު ރަނގަޅަށް ފެށީ ޑެންމާކުން. އިންގްލެންޑަށް އަދި ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން އެޓޭކެއް އުފެއްދިފައެއް ނުވޭ. ފުރަތަމަ ފަސް މިނެޓް ތެރޭގައި ޑެންމާކުން ދިޔައީ އިންގްލެންޑަށް ޕްރެޝަރު ކުރަމުން.

20 Jun 21:06

'1 - ޑެންމާކުގެ ހަމަލާއެއް. ޕިއޭ-އެމީލް ހޮއިބިއޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ މަތަކުރީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު.

20 Jun 21:02

މެޗުގެ ކުޅުން ފަށައިފި. ކިކް އޯފް ކުރީ އިންގްލެންޑުން.

20 Jun 20:57

އިންގްލެންޑްގެ ފުރަތަމަ 11

  • ޖޯޑަން ޕިކްފޯޑް (ގޯލްކީޕަރު)
  • ޖޯން ސްޓޯންސް
  • ކައިލް ވޯކާ
  • މާކް ގުއޭހީ
  • ކީރަން ޓްރިޕިއާ
  • ޑެކްލަން ރައިސް
  • ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް
  • ބުކަޔޯ ސަކާ
  • ޖޫޑް ބެލިންހަމް
  • ފިލް ފޮޑެން
  • ހެރީ ކޭން/ ކެޕްޓަން
20 Jun 20:55

ޑެންމާކުގެ ފުރަތަމަ 11

  • ކެސްޕާ ޝޫމައިކަލް (ގޯލްކީޕަރު)/ ކެޕްޓަން
  • ޔޮކިމް އަންޑާސަން
  • އަންދްރޭއާސް ކްރިސްޓިއަންސަން
  • ޔަކިން ވެސްޓެގާޑް
  • ޔޮކިމް މައެލާ
  • މޯޓެން ޖުލްމަންޑް
  • ޕިއޭ-އެމީލް ހޮއިބިއޭ
  • ވިކްޓޯ ކްރިސްޓިއަންސެން
  • ކްރިސްޓިއަން އެރިކްސަން
  • ޖޯނަސް ވިންޑް
  • ރަސްމުސް ހޮއިލުންޑް

ޔޫރޯ 2024 ގެ 17 ވަނަ މެޗުގައި ޑެންމާކާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެޓީމުންވެސް މިއަހަރުގެ ޔޫރޯގައި ކުޅޭ ދެވަނަ މެޗު، އިންގްލެންޑުން ފުރަތަމަ ކުޅުނު މެޗުގައި. ސާބިއާ އަތުން މޮޅުވީ 1-0 އިން. އެ މެޗުގައި އިންގްލެންޑުން ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް، ފަހުން އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވޭ. ޑެންމާކަށްވެސް މިފަހަރު ފެށުން އެހާ ރަނގަޅެއް ނުވި. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ސްލޮވޭނިއާ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން.

ކޯޗުންގެ ބަސް

ގެރެތު ސައުތުގޭޓް - އިންގްލެންޑް

"މުބާރާތްތަކުގައި މެޗުތަކުން މޮޅުވުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން. އަދި މި މުބާރާތަށް ބަލައިލީމާ އެކަން ފެނޭ. އެހެން މުބާރާތްތަކާ އެއްގޮތެއްވެސް ނޫން، މިފަހަރު ޔޫރަޕްގެ ހުރިހާ ގައުމެއްގެ ސަޕޯޓަރުން ދަނޑަށްވަދެ ފުރިހަމައަށް ސަޕޯޓުވެސް ދެމުންދަނީ. އެހެންވީމަ މޮޅުވުމުން، އެ މޮޅަށް ޝުކުރުވެރިވާން ޖެހޭ. އަހަރެން މި މާހައުލުގައި ގައުމީ ޓީމާއެކު އުޅޭތާ މިހާރު އަށް އަހަރުވީ. އެހެންވީމާ އަހަންނަށް އެނގޭ ހުރިހާ އެއްޗެއް. ކުރިން އަހަރެން ރުޅި އާދޭ (ފާޑުކިޔުމުން). އެކަމަކު މިހާރު މިހުރީ ހޭނިފައި، އިންގްލެންޑް ސަޕޯޓަރުންގެ އުންމީދުތައް އަބަދުވެސް މާ މަތިވާނެ،"

ކެސްޕާ ޖުލްމަންޑް - ޑެންމާކް

"އަހަރެން ނުބަލަން މިދިޔަ ޔޫރޯގެ ސެމީ މެޗަކަށް. އެމެޗުގެ ހަނދާންތަކެއް ނުވެސް ގެންނަން. އަހަރެމެން ފުޓުބޯޅަ މެޗުތަކަށް ބަލާނީ ކުރިމަތީގައި ހުންނަ ދޮރުން. އެ ދޮރުން ބަލާއިރު އަހަރެމެންގެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެން އެ ވަގުތަކަށް ނުވެސް ވިސްނާނަން. އެހެން ބުންޏަސް ބައެއް ކުޅުންތެރިން އެކަމަށް ވިސްނާފާނެ. އެހެންވިޔަސް މިއީ މުޅިން އާ މެޗެއް. އިންގްލެންޑް ވަރަށް ވަރިގަދަ. ފޯކަސް ގެއްލުވާލައިގެން ނުވާނެ،"