މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - ސްވިޒަލެންޑަށް ރަނގަޅު ފުރުސަތެއް. ފަބިއަން ރީޑާ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޒެކީ އަމްދޫނީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'82 - ސްވިޒަލެންޑް ފޯވަޑް ބްރީލް އެމްބޯލާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކީޕަރު ގަންގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.
'81 - ސްކޮޓްލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މެކްޓޮމިނޭ ފޮނުވާލި ބާރު ހަމަލާ، އަމިއްލަ ޓީމުގެ ޗޭ އެޑަމްސްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'77 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެންޑޯއީ ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'74 - ސްވިޒަލެންޑްގެ ދެ ބަދަލެއް. ރެމޯ ފްރޮއިލާ އާއި ރުބެން ވާގަސްގެ ބަދަލުގައި ކުޅެން ނުކުތީ ވިންސެންޓް ސިއެރޯ އަދި ފަބިއަން ރީޑާ.
'71 - ޝާއަށް ކުރި ފައުލަކާ ގުޅިގެން ސްކޮޓްލެންޑްގެ ޖޯން މެކްގިންއަށް ރީނދޫ ކާޑެއް.
'68 - ބްރީލް އެމްބޯލޯއަށް ކުރި ފައުލަކާ ގުޅިގެން ސްކޮޓްލެންޑްގެ ސްކޮޓް މެކެނާއަށް ރީނދޫ ކާޑެއް.
'67 - ސްކޮޓްލެންޑްގެ ނުރައްކާތެރި ހަމަލާއެއް. އެންޑްރޫ ރޮބާޓްސަން ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގްރާންޓް ހަންލޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑިއަށް.
'64 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ވާގަސް ފޮނުވާލި ހަމަލާ، ސްކޮޓެލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'61 - ސްކޮޓްލެންޑުން ބަދަލެއް. ޓިއާނީއަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ސްކޮޓް މެކެނާ.
'59 - ސްވިޒަލެންޑްގެ ބަދަލެއް. ޝަކީރީގެ ބަދަލުގައި ކުޅެން ނުކުތީ ބްރީލް އެމްބޯލޯ.
'58 - ސްވިޒަލެންޑަށް ހުސް ފުރުސަތެއް. ވަރަށް ރީތިކޮށް އެނބުރިލާފައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެންޑޯއީ ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'56 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވާގަސް ފޮނުވާލި ހަމަލާ އަމާޒުވީ ސްކޮޓްލެންޑް ކީޕަރު ގަންގެ އަތަށް، އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އެޓޭކުގައި ނުރައްކާކޮށް ފެންނަނީ ސްކޮޓްލެންޑް. ނަމަވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
ދެވަނަ ހާފު ފެށީ ސްވިޒަލެންޑުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'42 - ސްވިޒަލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެންޑޯއީ ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ކީޕަރު ގަން ވަނީ މަތަކޮށްފައި.
'41 - ސްކޮޓްލެންޑަށް ރަނގަޅު ފުރުސަތެއް. ސްކޮޓް މެކްޓޮމިނޭ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޗޭ އެޑަމްސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ޔޭމް ސޮމާ ވަނީ މަތަކޮށްފައި.
'34 - ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްވިޒަލެންޑްގެ އެންޑޯއީ، ސްކޮޓްލެންޑްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.
'32 - އަނެއްކާވެސް ސްވިޒަލެންޑްގެ ނުރައްކަލެއް. ރުބެން ވާގަސް ދިން ބޯޅައަކުން ޑޭން އެންޑޯއީ ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ އަންގުސް ގަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'31 - ބިލީ ގިލްމޯއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ރިކާޑޯ ރޮޑްރިގޭޒަށް ރީނދޫ ކާޑެއް.
'28 - ސްވިޒަލެންޑަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ސިލްވާން ވިޑްމާ ފޮނުވާލި ހަމަލާ، ސްކޮޓްލެންޑުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'26 - ސްވިޒަލެންޑުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި، ތަޖުރިބާކާރު ފޯވަޑް ޒާޑަން ޝަކީރީގެ ރީތި ގޯލެއް. ސްކޮޓްލެންޑްގެ އެންތޮނީ ރަލްސްޓަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން ޝަކީރީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސްކޮޓްލެންޑް ގޯލުގެ މަތީ ކަނަކަށް.
'13 - ސްކޮޓްލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ސްވިޒަލެންޑްގެ ފަބިއަން ޝާ އަތުން ބައިކޮޅަށް ވަން ގޯލެއް. އޭނާ އަތުން ބައިކޮޅަށް ގޯލު ވަދެފައިވަނީ، ކައުންޓާ އެޓޭކެއްގައި ސްކޮޓްލެންޑުން ކުރިއަށް ގޮސް، ކެލަމް މެކްގްރެގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި.
'9 - މެޗުގައި މިހާތަނަށް އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ނަމަވެސް ސްކޮޓްލެންޑުން އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކުރޭ. ސްވިޒަލެންޑުން މަސައްކަތްކުރަނީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް.
މެޗުގެ ކުޅުން ފަށައިފި.
ޔޫރޯ 2024 ގެ 15 ވަނަ މެޗުގައި ސްކޮޓްލޭންޑާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ސްކޮޓްލޭންޑަށް މުބާރާތުގެ ފެށުން ދިޔައީ ގޯސްކޮށް. އެއީ ހޯސްޓް ޖަރުމަނު ކައިރިން 5-1 އިން ބަލިވުމުން. އެޓީމުން މިރޭ ނުކުންނަނީ އަލުން މުބާރާތުގައި އުންމީދެއް ހޯދަން. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑް އޮތީ ކުޅުނު ފުރަތަމަ މެޗުގައި ހަންގޭރީ ކައިރިން 3-1 އިން މޮޅުވެފައި. އަަނެއް ބުރުގެ އުންމީދު ބޮޑުކުރުމަށް މިރޭގެ މެޗު މުހިއްމު.
އެފްސީ ކޮލޯންގެ ރަސްމީ ދަނޑު ކަމުގައި ވާ ކޮލޯން ސްޓޭޑިއަމަކީ 2006 ގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް ޓަކައި މަރާމާތު ކޮށް ޒަމާނީ ކުރެވުނު ދަނޑެއް. ޖަރުމަނުގެ އެންމެ ތާރީޚީ އެއް ޝަހަރު ކަމުގައި ވާ ކޮލޯންގައި އޮންނަ މި ދަނޑަކީ ފުޓުބޯޅައިގެ އިތުރުން ކުޅިވަރާއި ފަންނުވެރިކަމުގެ ގިނަ އެހެން އިހުތިފާލުތަކެއް ވެސް ބާއްވާ ތަނެއް. އޭގެ ތެރޭގައި، ކޮންމެ އަހަރަކު ޖަރުމަނުގައި ބާއްވާ އެމެރިކަން ފުޓުބޯޅަ އިވެންޓަކާއި، އައިސް ހޮކީ އާއި، މިޔުޒިކް ކޮންސާޓުތައް ހިމެނޭ. މި ދަނޑުގައި ފަހުގެ ތާރީޚެއްގައި ކުޅެވުނު މުހިއްމު މެޗުތަކުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް ހިމެނޭ.
ކެޕޭސިޓީ: 43000