ރަތް ކަނޑުގައި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ހަމަލާދިން ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.
ގްރީސް އަށް ނިސްބަތްވާ އެބޯޓަށް ހޫތީން ހަމަލާ ދީފައިވަނީ މިދިޔަ ހަފުތާގައި ކަމަށް އިނގިރޭސި މެރިޓައިމް އޮޕަރޭޝަންސް އިން ނެރެފައިވާ ބަޔާނެއްގައިވެއެވެ.
އެމްވީ ޓޫޓާ ނަމުން ނަންދީފައިވާ އެބޯޓަކީ މިދިޔަ މާޗު މަހުގެ ފަހުން ހޫތީން ހަމަލާދީގެން ފައްތާލި ދެވަނަ ބޯޓު ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ބޯޓަށް ހަމަލާދިނުމާ އެކު ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެހަމަލާގައި އެއްފަޅުވެރިއަކު ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ހޫތީން ވަނީ އެބޯޓަށް ބެލިސްޓިކް މިސައިލުގެ ހަމަލާ ދިންކަމަށް އެއްބަސްވެފައެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް އިޒްރޭލަށް ނިސްބަތްވާ ބޯޓުތަކާއި އެގައުމަށް މުދާ އުފުލާ ބޯޓުތަކަށް ހޫތީން ގެންދަނީ ހަމަލާ ދެމުންނެވެ.
އަށް މަހަށްވުރެ ގިނަ ދުވަސްވެފައިވާ އެހަނގުރާމައިގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން ގަތުލުކޮށްފައެވެ. މިހާތަނަށް 37،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.