މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން. ގަދަ 16 އިން ފުރުސަތު ހޯދި ފުރަތަމަ ޓީމަކަށް ޖަރުމަން.
'90 - ހަންގޭރީގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވިލީ އޯބާން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ޖަރުމަން ޑިފެންޑަރު ކިމިޗް ވަނީ ދިފާއުކޮށްފައި.
'87 - ޖަރުމަނަށް އިތުރު ފުރުސަތެއް. ކިމިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނިކްލަސް ފުލްކްރުގް ބޮލުން ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'84 - ޖަރުމަނުން ބަދަލެއް. ކެޕްޓަން ގުންޑޮގާންގެ ބަދަލުގައި ކުޅެން ނުކުތީ ޑެނިސް އުންޑާޒް.
'81 - ޖަރުމަނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކްރިސް ފިއުރިކް ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'75 - ޖަރުމަންގެ ނުރައްކަލެއް. ލެރޯއީ ސާނޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ހަމަލާ، ހަންގޭރީ ކީޕަރު ގުލާޗީ ވަނީ މަތަކޮށްފައި.
'72 - ޖަރުމަނުން ދެ ބަދަލެއް. މުސިއާލާ އާއި އެންޑްރިޝްގެ ބަދަލުގައި ކުޅެން ނުކުތީ އެމްރީ ޗޭން އަދި ކްރިސް ފިއުރިކް.
'67 - ޖަރުމަނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. މެކްސިމިލިއަން މިޓެލްސްޓާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އިލްކާއީ ގުންޑޮގަން.
'59 - ހަންގޭރީގެ ނުރައްކަލެއް. ސަލާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވާގާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'58 - ޖަރުމަނުން ދެ ބަދަލެއް. ވާޓްޒް އާއި ހަވާޓްޒްގެ ބަދަލުގައި ކުޅެން ނުކުތީ ލެރޯއީ ސާނޭ އަދި ނިކްލަސް ފުލްކްރުގް.
'55 - ޖަރުމަންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ގުންޑޮގަން ފޮނުވާލި ހަމަލާ، ހަންގޭރީ ކީޕަރު ގުލާޗީ ވަނީ މަތަކޮށްފައި. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ކްރޫސް ފޮނުވާލި ހަމަލާ، ބްލޮކްވެގެން ގޯލާ އަމާޒުވާން ދަނިކޮށް، އެ ބޯޅަ ވެސް ކީޕަރު ގުލާޗީ ވަނީ މަތަކޮށްފައި.
'46 - ޖަރުމަންގެ ހަމަލާއެއް. ރުޑިގާ ދުރުން ފޮނުވާލި ހަމަލާ، ހަންގޭރީ ޑިފެންޑަރު އޯބާން ވަނީ ބްލޮކްކޮށްފައި.
ދެވަނަ ހާފުގެ ކުޅުން ފެށީ ހަންގޭރީން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން.
'45+2 - ހަންގޭރީގެ ނުރައްކަލެއް. ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވިލީ އޯބާން ބޮލުން ފޮނުވާލި ހަމަލާ، ޖަރުމަން ކީޕަރު ނޯޔާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ރޮލަންޑް ސަލާއީ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'44 - ޖަރުމަންގެ ހަމަލާއެއް. ފްލޯރިއާން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުސިއާލާ ފޮނުވާލި ހަމަލާ، ހަންގޭރީ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބޭރުވެފައި.
'39 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މުސިއާލާ ނުރައްކާކުރުމުގެ ކުރިން ހަންގޭރީ ޑިފެންޑަރު ވިލީ އޯބަން އެ ބޯޅަ ދިފާއުކޮށްފި.
'29 - ހަންގޭރީގެ އިތުރު ނުރައްކަލެއް. މިލޮސް ކާކޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ސޮބޮސްލާއީ ފޮނުވާލި ހަމަލާ، ޖަރުމަން ޑިފެންޑަރު ޖޮނަތަން ޓާ ވަނީ ބްލޮކްކޮށްފައި.
'26 - ހަންގޭރީގެ ނުރައްކަލެއް. ހަންގޭރީއަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ ފޮނުވާލި ބާރު ހަމަލާ، ޖަރުމަންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ހަންގޭރީގެ ބެރްނަބާސް ވާގާ ފޮނުވާލި ހަމަލާ ވެސް ނޯޔާ ވަނީ މަތަކޮށްފައި.
'22 - ޖަރުމަނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ހަންގޭރީގެ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ގުންޑޮގަން ދިން ބޯޅައަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ. މިއީ މި މުބާރާތުގައި މުސިއާލާ ކާމިޔާބުކުރި ދެވަނަ ގޯލު.
'19 - ރީތި ކުޅުމަކާއެކު ހަވާޓްޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޖަރުމަން ކެޕްޓަން އިލްކާއީ ގުންޑޮގަންއަށް ރަނގަޅަށް ކޮންޓްރޯލުކުރެވޭ ގޮތެއް ނުވި.
'15 - ހަންގޭރީގެ ހަމަލާއެއް. ބޮލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރޮލަންޑް ސަލާއީ ފޮނުވާލި ހަމަލާ، ޖަރުމަން ޑިފެންޑަރު ކިމިޗް ވަނީ ބްލޮކްކޮށްފައި.
'13 - ޖަރުމަނަށް އިތުރު ފުރުސަތެއް. ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮބާޓް އެންޑްރިޝް ފޮނުވާލި ހަމަލާ، ބެންޑެގޫޒް ބޮލާ ވަނީ ބްލޮކްކޮށްފައި.
'12 - ޖަރުމަނަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްްޒް ފޮނުވާލި ހަމަލާ، ހަންގޭރީ ކީޕަރު ޕީޓާ ގުލާޗީ ވަނީ މަތަކޮށްފައި.
'7 - ހަންގޭރީގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބެންޑެގޫޒް ބޮލާ ފޮނުވާލި ހަމަލާ، ޖަރުމަންގެ ރޮބާޓް އެންޑްރިޝް ވަނީ ބްލޮކްކޮށްފައި.
'3 - އެންޓޯނިއޯ ރުޑިގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަން ފޯވަޑް ކައި ހަވާޓްޒް ނުރައްކާކުރުމުގެ ކުރިން ހަންގޭރީ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.
'1 - ޖަރުމަންގެ ގޯހެއް. ޑިފެންޑަރު ޖޯޝުއާ ކިމިޗްއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަންގޭރީގެ ރޮލަންޑް ސަލާއީ ނުރައްކާކުރުމުގެ ކުރިން ޖަރުމަން ކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.
ޔޫއެފާ ޔޫރޯ 2024 ގެ 14 ވަނަ މެޗުގައި ޖަރުމަނާއި ހަންގޭރީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޖަރުމަނުން މިފަހަރުގެ މުބާރާތް ފެށީ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް 5-1 އިން ބަލިކޮށްގެން. އެ ނަތީޖާއާއެކު ޖަރުމަނަށް ވަނީ އަމިއްލަ ގައުމުގައި އުންމީދު އާވެފައި. މިރޭ ޖަރުމަނުން ނުކުންނާނީ މެޗުން މޮޅުވެ، އަނެއް ބުރަށް ދާން ފުރުސަތު ފަހިކުރުމަށް. އަނެއްކޮޅުން ނުކުންނަ ހަންގޭރީ އޮތީ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ކައިރިން 3-1 އިން ބަލިވެފައި. އެހެންވީމަ އެޓީމުން ނުކުންނަނީ މަޖުބޫރު މޮޅަކަށް.
ސްޓުޓްގާޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކާރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ މާސިޑީޒް ބެންޒް އަދި ޕޯޝޭގެ ވަޒަން. އެ ޝަހަރަށް ނިސްބަތްވާ ވީއެފްބީ ސްޓުޓްގާޓްގެ ރަސްމީ ދަނޑަކީ އެރީނާ ސްޓުޓްގާޓް. މި ދަނޑުގައި ކުޅެފައިވާ މުހިއްމު މެޗުތަކުގެ ތެރޭގައި 1998 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ފައިނަލާއި، 2006 ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗު ހިމެނޭ. މިހާރުގެ ފަރުމާއަށް 1993 ގައި ބިނާ ކުރެވުނު މި ދަނޑު ވަނީ އެތައް ފަހަރެއްގެ މަތީން މަރާމާތު ކޮށް ޒަމާނީ ކޮށްފައި.
ކެޕޭސިޓީ: 51000