އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ އާ ދިމާ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަންފާލް" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގެ ކޯއްޓޭ ސަރަހައްދުން ހަ ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް ރޭ މެންދަމު 03:45 ހާއިރު އެމްއެންޑީއެފަށް އެދޯނި ހުއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތްތެރިވާން ފެށިއެވެ.
ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ސްޓާޓިންގ މޯޓަރުގެ އިސްކުރެއް ބިންދައިގެން ގޮސްގެން އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ.
ހާދިސާ ހިނގިއިރު ދޯނީގައި ހަތަރު މީހުން ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ހިނގި އިރު ދޯނީގައި ތިބީ ހަތަރު ދިވެހީންނެވެ.
އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދޭ ގޮތުގައި ދޯނި ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ އިރު މި ދޯނި އޮތް ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.