ޔޫރޯ 2024

ޖަރުމަނު މާބޮޑަށްވެސް ވަރުގަދަ، ކުރެވުނު ވަރެއް ކުރާނަން: ރޮސީ

ހަންގޭރީއަށްވުރެ ހުރިހާ ގޮތަކުންވެސް ޖަރުމަނު ވަރުގަދަ ކަމަށާއި، އެހެން ބުނަން ލަދުގަނެ، ޖެހިލުން ނުވާ ކަމަށް ހަންގޭރީގެ ކޯޗު މާކޯ ރޮސީ ބުނެފިއެވެ.

މިއަހަރުގެ ޔޫރޯގައި ހަންގޭރީން ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ހަންގޭރީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗަށްފަހު ރޮސީ ބުނީ އެ ކުޅުމަށް ލަދުގަންނަން ޖެހުނު ކަމަށެވެ. މުބާރާތުގެ ގަދަ 16 ގެ އުންމީދުގައި ދެމި އޮތުމަށް ހަންގޭރީން ކުރަމުންދާ މަސައްކަތުގައި މިރޭ ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް 5-1 އިން ބަލިކޮށްފައި އޮތް ޖަރުމަނާ ދެކޮޅަށް ކުޅެން ހަންގޭރީއަށް ފަސޭހަ ނުވާނެއެވެ.

"އަހަރެމެންގެ މިސްޓޭކްތަކުގެ ސަބަބުން އަހަރެމެންނަށް އުނދަގޫވީ. އަހަރެމެން ސްވިޒަލޭންޑް ކައިރީ ބަލިވީ. ދެން ކުޅެން މި ޖެހެނީ ޖަރުމަނާ. އަހަރެންގެ ނަޒަރުގައި ހަންގޭރީ މިހާރު އޮތް ހާލަތުން އެއީ އިދިކޮޅަށް ނުކުންނަން ޖެހޭ އެންމެ ޓަފް ޓީމު. އަހަރެމެންނަށް ކުރެވުނު ވަރެއް ކުރާނަން،" ރޮސީ ބުންޏެވެ.

ރޮސީ ބުނީ ނޫސްތަކާއި އެހެން ހުރިހާ ގޮތަކުން ބަލާއިރުވެސް ޖަރުމަނު ހަންގޭރީއަށްވުރެ މާ ބޮޑަށްވެސް ވަރުގަދަ ކަމަށެވެ. އަދި އެހެން ބުނަން ޖެހިލުންވެސް ނުވާ ކަމަށެވެ.

"އަހަންނަށް އެނގޭ ނޫސްތަކުގެ ނަޒަރުގައިވެސް ހަންގޭރީއަށްވުރެ ޖަރުމަނު ވަރުގަދަވާނެ ކަން. އެހެން ބުނަން ލަދުގަންނާކަށް ނުޖެހޭ. އެކަމުން އަހަރެމެން އިތުރަށް ހިތްވަރު ހޯދަންވީ. 100 ޕަސެންޓް ދީގެން ނޫނިއްޔާ ޕޮއިންޓެއްވެސް ނުލިބޭނެކަން ޔަގީންކުރަން ޖެހޭ. 100 ޕަސެންޓް ދޭނަން،" ރޮސީ ބުންޏެވެ.

ހަންގޭރީއާއި ޖަރުމަނުގެ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެފަހުން ތިން މެޗުގައިވެސް ޖަރުމަނަށް ހަންގޭރީ ބައްޔެއް ނުކުރެވުނެވެ. އަދި އެންމެފަހުން 2022 ވަނަ އަހަރުގެ ނޭޝަންސް ލީގުގައި، ޖަރުމަނުގެ ފަސްގަނޑުގައި ހަންގޭރީން ވަނީ 1-0 މޮޅުވެސް ވެފައެވެ.