މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެން.
'90+2 - ޕޯޗުގަލުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހެއް ރޮބިން ހްރެނަކް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗިކޯ ކޮންޗޭކާއޯ. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު ހުރީ ވަރަށް ހުސްކޮށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - ޕޯޗުގަލުން ތިން ބަދަލެއް. ވިޓީނިއާ އާއި ނޫނޯ މެންޑޭޒް އަދި ކެންސެލޯގެ ބަދަލުގައި ކުޅެން ނުކުތީ ޗިކޯ ކޮންޗޭކާއޯ އާއި ނެލްސަން ސެމޭޑޯ އަދި ޕެޑްރޯ ނެޓޯ.
'88 - ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ޑިއޯގޯ ޖޮޓާއަށް ލިބުނު ރީބައުންސް ބޯޅަ، ޗެކްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ރޮނާލްޑޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.
'82 - ޗެކްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕީޓާ ސެވްޗިކް ފޮނުވާލި ހަމަލާއެއް ޕޯޗުގަލް ޑިފެންޑަރު ޑިއާޒް ބްލޮކްކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން ޗެކްގެ ކެޕްޓަން ސޯޗެކް ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'79 - ޗެކްގެ ދެ ބަދަލެއް. ސުލްޗް އާއި ޕްރޮވޯޑްގެ ބަދަލުގައި ކުޅެން ނުކުތީ އެންޓޮނިން ބަރަކް އަދި ޕީޓާ ސެވްޗިކް.
'78 - ޕޯޗުގަލްގެ ނުރައްކަލެއް. ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ވިޓީނިއާ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ސްޓަނެކް ވަނީ މަތަކޮށްފައި.
'72 - ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބެނާޑޯ ސިލްވާ ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ކީޕަރު ސްޓަނެކް ވަނީ މަތަކޮށްފައި.
'69 - ޕޯޗުގަލުން ނަތީޖާ ހަމަހަމަކޮށްފި. އެ ގޯލަކީ ޗެކް ޑިފެންޑަރު ރޮބިން ހްރަނަކް އަތުން ބައިކޮޅަށް ވަން ގޯލެއް. ވިޓީނިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނޫނޯ މެންޑޭޒް ބޮލުން ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ސްޓަނެކް މަތަކުރި ނަމަވެސް، ހްރަނަކްގެ ފައިގައި ޖެހި ވަނީ ބައިކޮޅަށް ވަދެފައި.
'64 - ޕޯޗުގަލުން ދެ ބަދަލު. ޑަލޯ އާއި ލެއާއޯގެ ބަދަލުގައި ކުޅެން ނުކުތީ ގޮންކާލޯ އިނާސިއޯ އަދި ޑިއޯގޯ ޖޮޓާ.
'62 - ޗެކުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ލަޑިމިއާ ކޯފާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރޮވޯޑް. އޭނާ ބޯޅަ އަމާޒުކޮށްލާފައިވަނީ ޕޯޗުގަލް ގޯލުގެ މަތީ ކަނަކަށް.
'61 - ޗެކްގެ ދެ ބަދަލެއް. ޝިކް އާއި ކުޗްޓާގެ ބަދަލުގައި ކުޅެން ނުކުތީ އޮންދްރޭ ލިންގާ އަދި މޮއިމިއާ ޗީޓިލް.
'58 - ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯގެ ހިލޭ ޖެހުން އަމާޒުވީ ޗެކް ކީޕަރު ސްޓަނެކްއާ ދިމާއަށް.
'57 - ކެންސެލޯއަށް ކުރި ފައުލަކާ ގުޅިގެން ޗެކް ފޯވަޑް ޕެޓްރިކް ޝިކްއަށް ރީނދޫ ކާޑެއް، ޕޯޗުގަލަށް ހިލޭ ޖެހުމެއް.
'55 - ޕޯޗުގަލްގެ ނުރައްކަލެއް. ޑިއާސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންޑަރު ތޯމަސް ހޯލްސްގެ ބޮލުގައި ޖެހި ވަނީ ބްލޮކްވެފައި.
'52 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ވެސް ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'46 - ޕޯޗުގަލްގެ ހަމަލާއެއް. ޑިއޯގޯ ޑަލޯ ފޮނުވާލި ހަމަލާ، ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފު ފެށީ ޗެކް ރިޕަބްލިކުން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45 - ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް. ޖޮއާ ކެންސެލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ކީޕަރު ސްޓަނެކް ވަނީ މަތަކޮށްފައި.
'44 - އަދިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ޕޯޗުގަލުން. ޕޯޗުގަލްގެ ޑިފެންޑަރުން ވެސް ވަރަށް ބޮޑަށް ކުރިއަށްޖެހި އެޓޭކުގައި ބައިވެރިވޭ. ޗެކުން ކުޅެމުންދަނީ ޑިފެންސިވް ކުޅުމެއް.
'39 - ޕޯޗުގަލް ފޯވަޑް ލެއާއޯ ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވްކުރުމުން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި.
'33 - ޕޯޗުގަލަށް އިތުރު ހުސް ފުރުސަތެއް. ރޮނާލްޑޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިޓީނިއާ ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންސުން ވަނީ ދިފާއުކޮށްފައި.
'32 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ޔިންޑްރިޗް ސްޓަނެކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'26 - ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ލެއާއޯގެ ފައިގައި ލައްވާލާ ގޮތް ވެފައެއް ނުވޭ.
'24 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'22 - ޕޯޗުގަލްގެ ހަމަލާއެއް. ވިޓީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރުބެން ޑިއާޒް ފޮނުވާލި ހަމަލާ، ޗެކްގެ ޕަވެލް ސުލްޗް ވަނީ ބްލޮކްކޮށްފައި.
'19 - ޕޯޗުގަލްގެ މެދުތެރެއިން ރީތި ކުޅުމަކަށްފަހު ނެގި ހުރަސް، ޗެކްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި ރޮނާލްޑޯގެ ބޮލުގައި ލައްވާލާ ގޮތެއް ނުވި.
'17 - ޕޯޗުގަލްގެ ހަމަލާއެއް. ނޫނޯ މެންޑޭޒް ދުރުން ފޮނުވާލި ހަމަލާ، ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ގިނަ ވަގުތު ބޯޅަ ހިފަަހައްޓައިގެން ޕޯޗުގަލް ކުޅުނު ނަމަވެސް، އެޓީމުގެ ވަރުގަދަ އެޓޭކިން ލައިންގެ މާބޮޑު ނުރައްކަލެއް ޗެކަށް ކުރިމައްޗެއް ނުވޭ.
'12 - ޗެކްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލެއާއޯ ދިން ބޯޅަ ލިބޭ ހިސާބުގައި ޕޯޗުގަލްގެ ކުޅުންތެރިޔަކު ނެތް.
'8 - ޕޯޗުގަލްގެ ފުރަތަަމަ ހަމަލާ ރޮނާލްޑޯގެ ފަރާތުން. ރަފައެލް ލެއާއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ޗެކްގެ ގޯލާ އަމާޒުވެފައެއް ވެސް ނުވޭ.
'4 - ޕޯޗުގަލުން ބެނާޑޯ ސިލްވާ އަދި ބްރޫނޯ ފެނާންޑޭޒް ވެސް ޗެކް ރިޕަބްލިކްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަތަކެއް ހުރަސްކުރި ނަމަވެސް، ބޯޅަ ލިބޭ ހިސާބުގައި ޕޯޗުގަލްގެ ކުޅުންތެރިޔަކު ނެތް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޯޗުގަލުން.
ޔޫއެފާ ޔޫރޯ 2024 ގެ ބާރަވަނަ މެޗުގައި ޕޯޗުގަލްއާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މީގެ ކުރިން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލުން މިފަހަރުވެސް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކު. އެޓީމަކީ މިވަގުތު ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް. ޓީމުގެ އެންމެ ހާއްސަ ކުޅުންތެރިޔަކީ މިދިޔަ ފަސް ޔޫރޯގައިވެސް އެޓީމަށް ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ. ޗެކު ރިޕަބްލިކުން ނުކުންނަނީ ޕޯޗުގަލް ހިފަހައްޓަން. އެކަން ޕްރި މެޗު ޕްރެސްގައި ވަނީ ހާމަކޮށްފައި.
މިރޭގެ މެޗުގައި ވާދަކުރާ ދެޓީމުންވެސް ޕްރެސްގައި އެންމެ ބޮޑަށް ފޯކަސް ކުރީ ރޮނާލްޑޯއަށް. ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ރޮނާލްޑޯގެ ދައުރު ޓީމުގައި އަދިވެސް ބޮޑުވާނެ ކަމަށް. އަދި އުމުރުން 39 އަހަރުގެ ރޮނާލްޑޯ ސްކޮޑަށް ނެގީ ނަމަށް ބަލާފައި ނޫން ކަމަށާއި، އެއީ ޓީމަށް ކޮންމެހެން ބޭނުންވާތީ ކަމަށް މާޓިނޭޒް ބުނި.
ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ބުނީ ރޮނާލްޑޯ ޓީމުގައި ހުރުމަކީ ލިބޭ ބޮޑު ހިތްވަރެއް ކަމަށް. ހާއްސަކޮށް ރޮނާލްޑޯގެ ކެރިއަރުން އެތައް ޕޮޒިޓިވް ކަންތައްތަކެއް ފެންނަ ކަމަށާއި، އެއީ އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ހުރި ނަމޫނާއެއް ކަމަށް ޑިއާޒް ބުނި.
އިދިކޮޅު ކޯޗު، އިވާން ހަސޭކް ބުނީ މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ބުނަން ބޭނުންވަނީ އެޓީމުގެ ތަރި ރޮނާލްޑޯއާ ދެކޮޅަށް ކުޅެލަން ޓީމަށް ފުރުސަތު ލިބުނު ވާހަކަ ނޫން ކަމަށާއި، ބުނަން ބޭނުންވަނީ ރޮނާލްޑޯއާއި ޕޯޗުގަލް ބަލިކޮށްލެވުނު ވާހަކަ ކަމަށް.
ހަމައެއާއެކު އެގައުމުގެ ކެޕްޓަން ތޯމަސް ސޯޗެކް ބުނީ ރޮނާލްޑޯއަށް ހަނި ފުރުސަތެއް ލިބުނަސް، އަދިވެސް ނުރައްކާވާނެ ކަމަށް. އެ ފުރުސަތު ނުދޭން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ބުނި.
ރޮނާލްޑޯ މިރޭގެ މެޗުގައި ގޯލު ޖަހައިފިނަމަ، އޭނާ ވެގެންދާނީ ޔޫރޯގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށް.