މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
'90+7 - ފްރާންސަށް ހުސް ފުރުސަތެއް. ކޯލޯ މުއާނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޖިރޫގެ ފައިގައި ރަނގަޅަށް ލައްވާލައިފައެއް ނުވޭ.
'90+3 - ޖިރޫއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާ ޑެންސޯއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓުގެ ކުޅުން ދައްކައިފި.
'90 - ފްރާންސްގެ ދެ ބަދަލެއް. އެމްބާޕޭ އާއި ގްރީޒްމަންގެ ބަދަލުގައި ކުޅެން ނުކުތީ އޮލިވިއާ ޖިރޫ އަދި ޔޫސުފް ފޮފާނާ. އެމްބާޕޭ ބަދަލުކޮށްފައިވަނީ އޭނާގެ ނޭފަަތަށް ލިބުނު އަނިޔާއަކާ ގުޅިގެން.
'90 - ފަރުވާއަށްފަހު ރެފްރީގެ ހުއްދައާ ނުލައި ދަނޑަށް އެރުމުން އެމްބާޕޭއަށް ރީނދޫ ކާޑެއް.
'85 - އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާގެ ލައިމާއަށް ރީނދޫ ކާޑެއް.
'83 - ފްރާންސްގެ ހަމަލާއެއް. އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަންޑަލް ކޯލޯ މުއާނޯ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒްއާ ދިމާއަށް.
'80 - ކީޕަރު މައިގްނަންއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާގެ ބައުމްގާޓްނާއަށް ރީނދޫ ކާޑެއް.
'73 - ފްރާންސްގެ ހަމަލާއެއް. ހެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ތުރާމް ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'71 - ފްރާންސްގެ ދެ ބަދަލެއް. ޑެމްބެލޭ އާއި ރަބިއޯގެ ބަދަލުގައި ކުޅެން ނުކުތީ އެޑުއާޑޯ ކަމަވިންގާ އަދި ރަންޑަލް ކޮލޯ މުއާނީ.
'68 - ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާކަސް ތުރާމް ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'64 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެމްބެލޭ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'59 - އޮސްޓްރިއާގެ ތިން ބަދަލެއް. ވޫބާ އާއި ގްރެގޮރިޓްސް އަދި ގްރިލިޓްޝްގެ ބަދަލުގައި ކުޅެން ނުކުތީ މާކޯ އާނޯޓޮވިޗް އާއި ގާނޮޓް ޓްރޯނާ އަދި ޕެޓްރިކް ވިމާ.
'56 - އެމްވެނޭއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސްގެ ޑެމްބެލޭއަށް ރީނދޫ ކާޑެއް.
'55 - ފްރާންސަށް ރަނުގެ ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އޮސްޓްރިއާ އިން. ފްރާންސްގެ ކުޅުންތެރިންނަށް ޕްރެސް ކުރަމުން، އޮސްޓްރިއާ އިން ދަނީ ބޯޅަ ހިފަހައްޓައިގެން ކުޅުމަށް މަސައްކަތްކުރަމުން.
'48 - އޮސްޓްރިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސްޓެފަން ޕޮޝް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ ކުޅުން ފެށީ ފްރާންސުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
'45+1 - ފްރާންސަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް ލިބުނު ބޯޅައިން ހަމަލާއެއް ފޮނުވާލުމުގެ ކުރިން އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ ހޯދާފައި.
'38 - ފްރާންސުން ލީޑު ހޯދައިފި. އެ ގޯލަކީ ކިލިއަން އެމްބާޕޭ ނަގައިދިން ބޯޅަ، އޮސްޓްރިއާ ޑިފެންޑަރު މެކްސިމިލިއަން ވޫބާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެއް.
'36 - އޮސްޓްރިއާއަށް ހުސް ފުރުސަތެއް. މާސެލް ސަބިޓްޒާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކްރިސްޓޮފް ބާމްގާޓްނާ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިގްނަން ވަނީ ކުރިއަށް ނުކުމެ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'34 - ޑެމްބެލޭއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާގެ ފިލިޕް އެމްވޭނޭއަށް ރީނދޫ ކާޑެއް.
'32 - އޮސްޓްރިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހަނި އޭންގަލުން ކޮންރާޑް ލައިމާ ފޮނުވާލި ބޯޅަ، ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ ހޯދާފައި.
މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި އޮސްޓްރިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވި ނަމަވެސް، އެޓީމުގެ ކުޅުން ރަނގަޅު. ފްރާންސަށް ފުރުސަތުތައް ތަނަވަސްކުރެވިފައިވަނީ ކައުންޓާ އެޓޭކުތަކުން. މެޗު ފެންނަނީ ފައުލް ގިނަ، ފިޒިކަލް މެޗެއްގެ ގޮތުގައި.
'19 - ފްރާންސްގެ ކައުންޓާ އެޓޭކެއް. އޮސްޓްރިއާއަށް ހެދުނު ގޯހަކުން ރަބިއޯ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ މެކްސިމިލިއަން ވޫބާ ވަނީ ބްލޮކްކޮށްފައި.
'16 - އޮސްމާން ޑެމްބެލޭއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާގެ މެކްސިމިލިއަން ވޫބާއަށް ރީނދޫ ކާޑެއް.
'13 - ފްރާންސްގެ ނުރައްކާތެރި ބޯޅައެއް. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ތެއޯ ހެނާންޑޭޒް ދިން ބޯޅަ، އޮސްޓްރިއާ ގޯލު ހުރަސްކޮށް ފްރާންސްގެ ކުޅުންތެރިޔަކަށް ލިބޭ ގޮތް ވެފައެއް ނުވޭ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސުން އެޓޭކަށް ކުޅުމުންދިޔަ ނަމަވެސް، އޮސްޓްރިއާގެ ވަރުގަދަ ފިޒިކަލް ޑިފެންސް ލައިނުން ގިނަ ފުރުސަތުތަކެއް ދީފައެއް ނުވޭ.
'8 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އެޑްރިއެން ރާބިއޯ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފައި.
މެޗުގެ ކުޅުން ފަށައިފި، ކިކްއޯފް ކުރީ އޮސްޓްރިއާ އިން.
ޔޫއެފާ ޔޫރޯ 2024 ގެ ދިހަވަނަ މެޗުގައި އޮސްޓްރިއާއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެ ގައުމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތުވެސް އޮތް އެންމެ ވަރުގަދަ އެއް ގައުމު. އެޓީމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފައިނަލް ކުޅެ، އާޖެންޓީނާ ކައިރިން ބަލިވީ ޕެނަލްޓީގައި. ފްރާންސަކީ މިރޭގެ މެޗަށްވެސް ފެވަރިޓުން. އެޓީމުން ނުކުންނާނީ ޔޫރޯގައި މިވަގުތު އޮތް އެންމެ ވަރުގަދަ ސްކޮޑާއެކު.
ފްރާންސްގެ ކެޕްޓަން، އެމްބާޕޭއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. ހާއްސަކޮށް އެންމެ ނުރައްކާތެރި ފޯވަޑް. ދުވެލި ބާރު އެމްބާޕޭ ޒުވާން އުމުރު ހޭދަކުރީ ފްރާންސްގެ މޮނާކޯގައި. އޭގެފަހުން ޕީއެސްޖީން އޭނާ ގެންދިޔައީ 180 މިލިއަން ޔޫރޯގެ އަގުހުރި ޓްރާންސްފާއެއްގައި. ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު އެމްބާޕޭ ވަނީ ގައުމީ ޓީމަށް 77 މެޗުން 46 ގޯލު ޖަހައިދީފައި. އުމުރުން 19 އަހަރުގައި އެމްބާޕޭ ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި. އަދި 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައިވެސް އެމްބާޕޭ ހެޓްރިކް ހެދި. އެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލުވެސް ޖެހީ އޭނާ.
ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޑޭވިޑް އަލާބާ އަނިޔާގައި ހުރުމުން، އޮސްޓްރިއާ ޓީމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އުފުލާނެ ކުޅުންތެރިޔަކީ ޑޯޓްމަންޑްގެ މިޑްފީލްޑަރު، ސަބިޓްޒާ. އޮސްޓްރިއާގެ ފުޓުބޯޅަ ސިސްޓަމް ތެރެއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް ނުކުތް ސަބިޓްޒާ އެގައުމުގެ ކްލަބުތަކަށް ކުޅުމަށްފަހު ވިދާލީ ޖަރުމަނުގައި. 2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު އާރްބީ ލެއިޕްޒިގަށް ސަބިޓްޒާ 170 އަށްވުރެ ގިނަ މެޗު ކުޅުނު. އޭގެ ތެރެއިން އެއް ސީޒަނުގައި އަމިއްލަ ގައުމުގެ ސާލްބާގަށް ކުޅުނު ސަބިޓްޒާ އޭގެފަހުން ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވޭ. ބޯޅައިގެ ހުނަރު މޮޅު މިޑްފީލްޑަރު ވަނީ އޮސްޓްރިއާއަށް މިހާތަނަށް 78 މެޗު ކުޅެފައި.