މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ރޫމޭނިއާ ކުރީގައި އޮވެގެން.
'90+4 - ޔޫކްރޭންގެ ހަމަލާއެއް. މުޑްރީކް ދުރުން ފޮނުވާލި ބާރު ހަމަލާ، ރޫމޭނިއާ ކީޕަރު ނިޓާ ވަނީ މަތަކޮށްފައި.
'90+2 - ޔޫކްރޭންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޔަރެމްޗުކް ފޮނުވާލި ހަމަލާ އަމާޒުވީ ރޫމޭނިއާ ގޯލުގެ ހުރަސް ދަނޑިއަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'87 - ރޫމޭނިއާ އިން ބަދަލެއް. ކެޕްޓަން ސްޓެންޗޫގެ ބަދަލުގައި ކުޅެން ނުކުތީ ބޮގްޑާން ރަކޮވިޓާން.
'79 - ޔޫކްރޭނަށް ރަނގަޅު ފުރުސަތެއް. މުޑްރީކް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޯމަން ޔަރެމްޗުކް ބޮލުން ފޮނުވާލި ހަމަލާ، ރޫމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.
'77 - ޔޫކްރޭންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޯގީ ސުޑަކޯވް ފޮނުވާލި ހަމަލާ، ރޫމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.
'72 - ޔޫކްރޭންގެ އިތުރު ބަދަލެއް. ޔުކީމް ކޮނޮޕްލިއާގެ ބަދަލުގައި ކުޅެން ނުކުތީ އޮލެކްސެންޑާ ޓިމްޗީކް.
'65 - ޔޫކްރޭންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޔޫކްރޭން ކެޕްޓަން އަންދްރޭ ޔަރްމަލެންކޯ ފޮނުވާލި ހަމަލާ ދިޔައީ ރޫމޭނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'63 - ޔޫކްރޭންގެ ތިން ބަދަލެއް. ޓަރާސް ސްޓެޕަނެންކޯ އާއި ވިކްޓާ ސިގަންކޯވް އަދި މިކޯލާ ޝަޕަރެންކޯގެ ބަދަލުގައި ކުޅެން ނުކުތީ ރޯމަން ޔަރެމްޗުކް އާއި ވޮލޮޑިމީރް ބްރަޒްކޯ އަދި އެޓީމުގެ ރަސްމީ ކެޕްޓަން އަންދްރޭ ޔަރްމޮލެންކޯ.
'62 - ރޫމޭނިއާގެ ދެ ބަދަލެއް. ކޯމާން އާއި ޑެނިސް މޭންގެ ބަދަލުގައި ކުޅެން ނުކުތީ އިއަނިސް ހާޖީ އަދި ވެލެންޓިން މިހައިލާ. އިއަނިސް ހާޖީ އަކީ ރޫމޭނިއާ ފުޓުބޯޅަ ލެޖެންޑް ގިއޯގޭ ހާޖީގެ ދަރިއެއް.
'57 - ރޫމޭނިއާ އިން ތިން ގޯލުގެ ލީޑެއް ހޯދައިފި. ޑެނިސް މޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ރޫމޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނިސް ޑްރާގުސް.
'56 - ރޫމޭނިއާގެ ނުރައްކާތެރި ދެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސްޓެންޗޫ ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، ރީބައުންސް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަންދްރޭ ރާޓޫ ފޮނުވާލި ހަމަލާ ޔޫކްރޭންގެ ކީޕަރު ލުނިން ވަނީ މަތަކޮށްފައި.
'53 - ރޫމޭނިއާ އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ރޫމޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަޒްވާން މެރިން. އޭނާގެ ހަމަލާ އަމާޒުކޮށްލީ ޔޫކްރޭން ގޯލުގެ ތިރީ ކަނަކަށް.
'46 - ރޫމޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ފްލޮރިނެލް ކޯމަން ފޮނުވާލި ހަމަލާ ދިޔައީ ޔޫކްރޭން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ރޫމޭނިއާ އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރޫމޭނިއާ ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'38 - ރޫމޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނިސް މޭން ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ޓަރާސް ސްޓެޕަނެންކޯ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'36 - ޔޫކްރޭންގެ ނުރައްކަލެއް. މިކޭލޯ މުޑްރީކް ނަގައިދިން ނުރައްކާތެރި ހުރަސް، ރޫމޭނިއާ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ރާޑޫ ޑްރަގުސިން ވަނީ ދިފާއުކޮށްފައި.
'29 - ރޫމޭނިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޔޫކްރޭންގެ ކީޕަރު އަންދްރޭ ލުނިންއަށް ހެދުނު ގޯހަކުން ރޫމޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ނޮކޮލާއީ ސްޓެންޗޫ. ޑެނިސް މޭން ދިން ބޯޅަ، ސްޓެންޗޫ ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ވަރަށް ރީތިކޮށް ޔޫކްރޭންގެ ގޯލުގެ ތެރެއަށް ފޮނުވާލާފައި.
'22 - ޔޫކްރޭންގެ ހަމަލާއެއް. މިކޯލާ މަޓްވިއެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އާޓެމް ޑޮބްވީކް ފޮނުވާލި ހަމަލާ، ރޫމޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'12 - ޔޫކްރޭންގެ އެޓޭކުން ހަމަލާތަކެއް ފޮނުވަމުންދިޔަ ނަމަވެސް، ރޫމޭނިއާގެ ޑިފެންޑަރުން ގައިގައި ޖެހި އެ ހަމަލާތައް ވަނީ ބްލޮކްވެފައި.
'8 - ރޫމޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފްލޮރިނެލް ކޯމާން ފޮނުވާލި ބޯޅަ، ޔޫކްރޭންގެ ކީޕަރު އަންދްރޭ ލުނިން ވަނީ މާބޮޑު އުނދަގުލެއް ނެތި ހޯދާފައި.
'3 - ޕެނަލްޓީ އޭރިއާ ތެރެއިން އާޓެމް ޑޮވްބީކްއަށް ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލެއް ނުކުރެވުނު، ރޫމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޔޫކްރޭނުން.
ޔޫއެފާ ޔޫރޯ 2024ގެ އަށްވަނަ މެޗުގައި ރުމޭނިއާއާއި ޔޫކްރެއިން ވާދަކުރާ ގްރޫޕް ސްޓޭޖު މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެ ގައުމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. ރުމޭނިއާއިން މުބާރާތަށް އައީ ކޮލިފިކޭޝަން ގްރޫޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން. އަނެއްކޮޅުން ޔޫކްރެއިން ޕްލޭ އޮފް ކުޅެގެން އައިއިރު، އެގައުމުގައި މިވަގުތު ހަނގުރާމަ އޮތްކަން އެއީ މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކަ. ކުޅުންތެރިންނާއި ކޯޗުން ބުނީ ހަނގުރާމައިގެ ސަބަބުން ލިބެނީ ހިތްވަރު ކަމަށް.
އުމުރު: 22 އަހަރު
ކްލަބު: ޓޮޓެންހަމް
ރާޑޫ ޑްރަގުޝަންއަކީ އިސްކޮޅުން ދިގު، ފިޒިކަލް ޑިފެންޑަރެއް. 2022 ވަނަ އަހަރުން ފެށިގެން ރޮމޭނިއާ ގައުމީ ޓީމަށް ކުޅެމުން އަންނަ ޑްރަގުޝަންއަކީ އެގައުމުގެ އެންމެ އަގު ބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ. މިއަހަރު ޖެނުއަރީ މަހު އިޓަލީގެ ޖެނޯއާއިން ޑްރަގުޝަން ޓޮޓެންހަމްއަށް ބަދަލުވީ 21.5 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި. ޑްރަގުޝަންގެ ސީނިއާ ކެރިއަރު ފެށުނީ އިޓަލީން. ރޮމޭނިއާގެ ޒުވާން ޓީމުތަކަށް ޑްރަގުޝަން ކުޅެން ފެށުމާއެކު ޔުވެންޓަސް އެކަޑެމީން އޭނާ ގެންދިޔަ. އަދި އޭގެފަހުން 2020 އިން 2023 އަށް ޑްރަގުޝަން ހޭދަކުރީ ޔުވެންޓަސް ސީނިއާ ޓީމުގައި. އެ ދުވަސްތަކުގައި ލޯނު ދަށުން ސަމްޕަޑޯރިއާއާއި ސަލާނިޓާނާއަށްވެސް ކުޅުނު.
އުމުރު: 23 އަހަރު
ކްލަބު: ޗެލްސީ
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުންދާ ދުވެލި ބާރު، ހަލުވި ވިންގް މިހައިލޯ މުޑްރީކަކީ މިހާރު ޔުކްރޭނަށް އެންމެ ބޭނުންތެރި ކުޅުންތެރިޔާ. މުޑްރީކް ގައުމީ ޓީމަށް ކުޅެން ފެށީ، 2022 ވަނަ އަހަރުއެވެ. އެފަހުން އޭނާ 18 މެޗު ކުޅެފައިވާ އިރު، މިފަހަރުގެ ޔޫރޯއަށް ނުކުންނާނީ ރަނގަޅު ފޯމެއްގައި. ހާއްސަކޮށް ޔުކްރެއިން ގައުމީ ޓީމަށް އޭނާ މުހިއްމެވެ، ކޮލިފިކޭޝަންގެ ފަހު މެޗުގައި އައިސްލޭންޑް ކޮޅަށް މޮޅުވި ގޯލު ޖެހީވެސް މުޑްރީކް. މުޑްރީކް، 2018 ވަނަ އަހަރުން 2023 ވަނަ އަހަރަށް ކްލަބު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ޔުކްރެއިންގެ ޝަކްތާ ޑޮނެސްކްގައި. އެ ކްލަބަށް ފަހު މުޑްރީކް ޗެލްސީއާ ގުޅުނީ ބޮޑު އަގެއްގައި.