މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
މިހާރު ސްޕެއިންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދަނީ ކާވަހާލް. ފުރަތަމަ ބޭންޑް އަޅައިގެން މޮރާޓާ ކުޅުނު ނަމަވެސް، ބަދަލުކުރުމުން އޭނާ ބޭންޑު ދީފައިވަނީ ރޮޑްރީއަށް. އަދި ކާވަހާލްއަށް ބޭންޑް ލިބުނީ ރޮޑްރީ ބަދަލުކުރުމާއެކު.
'85 - ސްޕެއިނުން ދެ ބަދަލެއް. ރޮޑްރީ އާއި ޔަމާލްގެ ބަދަލުގައި ކުޅެން ނުކުތީ ފެރާން ޓޮރޭސް އަދި މާޓިން ޒުބިމެންޑީ. ރޮޑްރީ ބަދަލުކޮށްފައިވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވުމުން.
'84 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕެރިސިޗް ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަތަކޮށްފައި.
'80 - ޕެޓްކޮވިޗް ފޮނުވާލި ޕެނަލްޓީ ކީޕަރު ސިމޮން މަތަކޮށްފި. ރީބައުންސް ބޯޅައިން ޕެރިސިޗް ދިން ބޯޅަ، ޕެޓްކޮވިޗް ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށް. ގޯލެއް ނޫން ކަމަށް ނިންމީ ޕެނަލްޓީ ޖެހި އިރު، ޕެރިސިޗް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރުމުން.
'78 - ކްރޮއޭޝިއާއަށް ޕެނަލްޓީއެއް. ކްރޮއޭޝިއާއަށް އެ ޕެނަލްޓީ ލިބުނީ ސްޕެއިންގެ ކީޕަރު ސިމޮންއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ޕެޓްކޮވިޗްއަށް ބޯޅަ ލިބުމާއެކު ރޮޑްރީ ފައުލްކުރުމުން. ރޮޑްރީއަށް ރީނދޫ ކާޑެއް.
'72 - ކްރޮއޭޝިއާ އިން އިތުރު ބަދަލެއް. ކްރަމަރިޗްގެ ބަދަލުގައި ކުޅެން ނުކުތީ ބްރޫނޯ ޕެޓްކޮޗިވް.
މިހާރު ސްޕެއިންގެ ކެޕްޓަނަކީ ރޮޑްރީ. އަދި ކްރޮއޭޝިއާގެ ކެޕްޓަނަކީ އިވާން ޕެރިސިޗް.
'67 - ސްޕެއިންގެ ދެ ބަދަލެއް. ކެޕްޓަން މޮރާޓާ އާއި ވިލިމްސްގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް އޮޔާޒަބަލް އަދި މިކެލް މެރީނޯ.
'65 - ކްރޮއޭޝިއާ އިން ދެ ބަދަލެއް. ޓީމުގެ އެންމެ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ ކެޕްޓަން ލޫކާ މޮޑްރިޗާއި މަޓެއޯ ކޮވަސިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް އަދި ލޫކާ ސުސިޗް.
'59 - ސްޕެއިންގެ ބަދަލެއް. ޕެޑްރީގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ އޮލްމޯ.
'56 - ކްރޮއޭޝިއާ އިން ބަދަލެއް. ބުޑިމިއާގެ ބަދަލުގައި ކުޅެން ނުކުތީ އިވާން ޕެރިސިޗް.
'55 - ކްރޮއޭޝިއާއަށް ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޖޮސިޕް ސްޓަސިނިޗް ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު މާކް ކުކުރެޔާ ބްލޮކް ކުރި އިރު، ރީބައުންސް ބޯޅައިން އަންޓޭ ބުޑިމިއާ ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު ސިމޮން ވަނީ މަތަކޮށްފައި.
'54 - ސްޕެއިންގެ އިތުރު ނުރައްކަލެއް. އަރިމަތިން ޔަމާލް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާގެ ގައިގައި ޖެހުނު ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލު ހުރަސްކޮށް ބޭރަށް.
'52 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ޕެޑްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔަމާލް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
ދެވަނަ ހާފު ފެށީ ސްޕެއިނުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
45+2 - ސްޕެއިނުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ޔަމާލް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ ކާވަހާލް. މިއީ ސްޕެއިންގެ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލު.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ކްރަމަރިޗް ދުރުން ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒެއް ނުވި.
'41 - ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް. މާޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖޮސްކޯ ގުވާޑިއޯލް ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި.
'34 - ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތަކުން މާސެލޯ ބްރޮޒޮވިޗް ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލޮވްރޯ މާޔާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'32 - ސްޕެއިނުން ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް. ޕެޑްރީ ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ރުއިޒް ފޮނުވާލީ ކްރޮއޭޝިއާގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު.
'30 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން މަޓެއޯ ކޮވަސިޗް ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ މާބޮޑު އުނދަގުލަކާ ނުލައި މަތަކޮށްފައި.
'29 - ސްޕެއިނުން ލީޑު ހޯދައިފި. ކައުންޓާ އެޓޭކެއްގައި ފަބިއަން ރުއިޒް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލްވާރޯ މޮރާޓާ.
'22 - ރަނގަޅު ކުޅުމަކާއެކު ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. އަރިމަތިން ޖޮސިޕް ސްޓަސިނިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަންޓޭ ބުޑިމިއާ ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'19 - ކްރޮއޭޝިއާ އިން މިހާރު ކުޅުމުގެ ތެރެއަށް ވަނުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މެދުތެރެއިން ކެޕްޓަން ލޫކާ މޮޑްރިޗްގެ ބޭނުން ހިފުމަށް މަސައްކަތްކުރޭ.
'15 - ސްޕެއިނަށް ފުރުސަތެއް. ޕެޑްރީ ދިން ބޯޅައެއް ހިފައިގެން ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، ޔަމާލްގެ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭ ނުރައްކާ ޓީމެއްގެ ގޮތުގައި ފެންނަނީ ސްޕެއިން. ބޯޅަ ހިފަހައްޓައިގެން ކުޅެމުން އަންނަ ސްޕެއިނުން ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ވެސް ނުރައްކާކުރުމަށް މަސައްކަތްކުރޭ. ނަމަވެސް ކްރޮއޭޝިއާއަށް އަދި ސްޕެއިންގެ ހާފުގެ ތެރޭގައި ވެސް ގިނަ ވަގުތު ބޯޅަ ހިފެހެއްޓިފައެއް ނުވޭ.
'7 - ސްޕެއިންގެ ހަމަލާއެއް. ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސްޕެއިން ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައި.
ސްޕެއިނުން ކުޅެނީ އެޓީމުގެ ރަސްމީ ކުޅުން. ގިނަ ޕާސްތަކަކާއެކު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓް ކުރުމަށް ސްޕެއިނުން މަސައްކަތްކުރާ އިރު، ކްރޮއޭޝިއާ އިން ދަނީ އެ ކުޅުން ހުއްޓުވުމަށް މަސައްކަތްކުރަމުން.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކްރޮއޭޝިއާ އިން.
ސްޕެއިންގެ ފުރަތަމަ 11 ގައި ހިމެނޭ ލަމީން ޔަމާލް އަކީ ޔޫރޯގެ ތާރީހުގައި މެޗެއް ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ. އޭނާގެ އުމުރަކީ 16 އަހަރާއި 338 ދުވަސް.
ޔޫއެފާ ޔޫރޯ 2024ގެ ތިންވަނަ މެޗުގައި ސްޕެއިނާއި ކްރޮއޭޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭ ސްޕެއިނާއި ކްރޮއޭޝިއާ ވާދަކުރާ މެޗަކީ ގްރޫޕް ބީގެ ފުރަތަމަ މެޗު. ގްރޫޕް ބީއަކީ މަރުގެ ގްރޫޕްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގްރޫޕް. އެ ގްރޫޕްގައި ދެން ހިމެނެނީ އަލްބޭނިއާ އަދި އެންމެފަހުގެ ޗެމްޕިއަން އިޓަލީ. ސްޕެއިނަކީ މިހާތަނަށް ރެކޯޑު ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ޓީމެއް. އަނެއްކޮޅުން ނުކުންނަ ކްރޮއޭޝިއާއަކީ މިވަގުތުވެސް ދުނިޔޭގެ ފުޓުބޯޅައިގައި ވަރުގަދަ ޓީމެއް. ސްޕެއިނާއި ކްރޮއޭޝިއާއަކީ މިދިޔަ ދެތިން އަހަރުގައި ވާދަވެރި ދެ ގައުމު.