'90+3 - ސްވިޒަލެންޑުން އަލުން ލީޑު ފުޅާކޮށްފި. ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބްރީލް އެމްބޯލޯ. ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާ ފަހަތުން ފޮނުވާލި ބޯޅަ ހޯދައި، ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޯލޯ ވަނީ އެ ބޯޅަ ވަރަށް ހިތްގައިމުކޮށް ސްވިޒަލެންޑް ކީޕަރު ޕީޓާ ގުލާޝީގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލާފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'90 - ސްވިޒަލެންޑްގެ ނުރައްކަލެއް. ފަބިއަން ރީޑާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ގްރެނިޓް ޖަކާ ބޮލުން ފޮނުވާލި ހަމަލާ، ހަންގޭރީ ކީޕަރު ޕީޓާ ގުލާޝީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'88 - ފައުލަށްފަހު އެޑްވާންޓޭޖަށް ދޫކޮށްނުލުމުން ކުރި ޝަކުވާތަކާ ގުޅިގެން ސްވިޒަލެންޑް ކޯޗު މުރާތު ޔަކިންއަށް ރީނދޫ ކާޑެއް.
'88 - ފައުލަކާ ގުޅިގެން ހަންގޭރީގެ އަޓިލާ ޒަލާއީއަށް ރީނދޫ ކާޑެއް.
'86 - ސްވިޒަލެންޑުން އިތުރު ދެ ބަދަލު. ރެމޯ ފްރެއުލާ އާއި ޑޭން އެންޑޯޔޭގެ ބަދަލުގައި ކުޅެން ނުކުތީ ވިންސެންޓް ސިއެރޯ އަދި ފަބިއަން ރިއެޑާ.
'79 - ހަންގޭރީން ދެ ބަދަލެއް. އަޓިލާ ޒަލާއީ އާއި މިލޮސް ކާކޭޒްގެ ބަދަލުގައި ކުޅެން ނުކުތީ މާޓިން އެޑަމް އަދި މާޓޮން ޑާޑައީ.
'74 - ސްވިޒަލެންޑުން އިތުރު ބަދަލެއް. ވާގަސްގެ ބަދަލުގައި ކުޅެން ނުކުތީ ބްރީލް އެމްބޯލޯ.
'72 - ސްވިޒަލެންޑަށް އިތުރު ފުރުސަތެއް. ރުބެން ވާގަސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްވިޒަލެންޑްގެ ފަބިއަން ޝާ ބޮލުން ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'71 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑޭން އެންޑޯޔޭ ފޮނުވާލި ހަމަލާ، ހަންގޭރީ ޑިފެންޑަރު ވިލީ އޯބަން ވަނީ ބްލޮކްކޮށްފައި.
'69 - ފައުލަކާ ގުޅިގެން ހަންގޭރީގެ އަޓިލާ ޒަލާއީއަށް ރީނދޫ ކާޑެއް.
'68 - ސްވިޒަލެންޑުން ދެ ބަދަލެއް. ސިލްވަން ވިޑްމާ އާއި ކުވަޑްކޯ ޑުއާގެ ބަދަލުގައި ކުޅެން ނުކުތީ ލިއޮނިޑަސް ސްޓާގިއޫ އަދި ޒެކީ އަމްދޫނީ.
'67 - ހަންގޭރީން ބަދަލެއް. އެޑަމް ނަގީގެ ބަދަލުގައި ލަޒްލޯ ކްލެއިންހައިސްލާ.
'66 - ހަންގޭރީން ގޯލެއް ޖަހައިފި. ހަންގޭރީގެ ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ ނަގައިދިން ރީތި ހުރަހަކުން ހަންގޭރީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބާނަބަސް ވާގާ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓިލާފައި ބޮލުން ބޯޅަ ފޮނުވާލައިގެން.
'63 - ހަންގޭރީއަށް ރަނގަޅު ފުރުސަތެއް. ރޮލަންޑް ސަލާއީ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބާނަބަސް ވާގާ ބޮލުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'59 - ސޮބޮސްލާއީއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ރެމޯ ފްރެއުލާއަށް ރީނދޫ ކާޑެއް.
'58 - ހަންގޭރީގެ ޑިފެންސަށް ގޯހެއް ހެދުނު ނަމަވެސް، ބޯޅަ ހިފައިގެން ކުރިއަށް ޖެހި ޕެނަލްޓީ އޭރިއާ ބޭރުން ސްވިޒަލެންޑްގެ ޑޭން އެންޑޯޔޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'54 - ސްވިޒަލެންޑްގެ އިތުރު ހަމަލާއެއް. ޖަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރުބެން ވާގަސް ފޮނުވާލި ހަމަލާ ވެސް ހަންގޭރީގެ ކީޕަރު ޕީޓާ ގުލާޝީ ވަނީ މަތަކޮށްފައި.
'48 - ސްވިޒަލެންޑުން ދެވަނަ ހާފު ވެސް ފެށީ ނުރައްކާކޮށް. ގްރެނިޓް ޖަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑުއާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ހަންގޭރީގެ ކީޕަރު ޕީޓާ ގުލާޝީ.
މެޗުގެ ދެވަނަ ހާފު ފެށީ ސްވިޒަލެންޑުން.
ހަންގޭރީން ދެވަނަ ހާފަށް ނުކުންނަނީ ބަދަލަކާއެކު. އެޑަމް ލޭންގްގެ ބަދަލުގައި ކުޅެން ނުކުންނަނީ ބެންޑެގުޒް ބޮލާ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ސްވިޒަލެންޑުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިޝެލް އެބިޝާ. އޭނާގެ ބޯޅަ އަމާޒުކޮށްލާފައިވަނީ ހަންގޭރީ ގޯލުގެ ތިރީ ކަނަކަށް. މިއީ ގައުމީ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލު.
'40 - ހަންގޭރީއަށް ފުރުސަތެއް. ހަންގޭރީ ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވިލީ އޯބަން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާއާ ދިމާއަށް.
މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ހަންގޭރީގެ އެޓޭކުތަކުގައި މާބޮޑު ނުރައްކަލެއް ނެތް. ހަންގޭރީގެ ކެޕްޓަން ސޮބޮސްލާއީގެ ރަނގަޅު ބޯޅަތަކެއް ވެސް ފެނިފައެއް ނުވޭ.
'20 - ސްވިޒަލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރުބެން ވާގަސް ފޮނުވާލި ހަމަލާ، ހަންގޭރީގެ ކީޕަރު ޕީޓާ ގުލާޝީ ވަނީ މަތަކޮށްފައި.
މިއީ ސްވިޒަލެންޑްގެ ޖާޒީގައި ކުވަޑްކޯ ޑުއާ ކުޅޭ ދެވަނަ މެޗު. އަދި މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލު.
'14 - ސްވިޒަލެންޑުން ލީޑު ހޯދައިފި. މިޝެލް އަބިޝާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކުވަޑްކޯ ޑުއާ. އޭނާއަށް ބޯޅަ ލިބުނު އިރު އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ގޯލެއް ކަމަށް.
'10 - ހަންގޭރީގެ ހަމަލާއެއް. އަޓިލާ ފިއޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ހަންގޭރީގެ ރޮލަންޑް ސަލާއީ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'5 - މިލޮސް ކާކޭޒްއަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ ފުރަތަަމަ ރީނދޫ ކާޑު ސްވިޒަލެންޑްގެ ސިލްވަން ވިޑްމާއަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ހަންގޭރީން.
ހެންގޭރީގެ ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ އަކީ ޔޫރޯގެ ތާރީހުގައި އުމުރުން އެންމެ ހަގު ކެޕްޓަން. އޭނާގެ އުމުރަކީ 23 އަހަރު.
ޔޫރޯ 2024ގެ ދެވަނަ މެޗުގައި ގްރޫޕް އޭގެ ހަންގޭރީއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެ ޓީމުންވެސް މިއަހަރުގެ ޔުރޯގައި ކުޅޭ ފުރަތަމަ މެޗު. މިއަދުގެ މެޗަށް ހަންގޭރީއާއި ސްވިޒަލޭންޑް ނުކުންނަ އިރު، އެ ގްރޫޕްގައި ރޭ ޖަރުމަނުން ކުޅުނު މެޗުގައި އެޓީމުން ވަނީ ބޮޑު ތަފާތަކުން ސްކޮޓްލޭންޑް ބަލިކޮށްފައި.
"އަހަރެމެން މި ޔޫރޯއަށް ކޮލިފައިވީ ނަސީބަކުން ނޫން. އަހަރެމެންނަށް ހައްގު ޔޫރޯގައި ކުޅެން. އަހަރެމެން ކުޅޭނީ އެ ރޫހުގައި. އަހަރެމެންގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭން. ގްރަނިޓް ޒަކާގެ ކެރިއަރަށް އެކަނި ވިސްނާލިޔަސް އެނގޭނެ ފެންވަރު. އޭނާ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކޮށް، ޔޫރޮޕާ ފައިނަލަށްވެސް ދިޔަ. އެއީ ސްވިޒަލޭންޑްގެ އިންޖީން. އޭގެ އިތުރުންވެސް މެނުއަލް އަކާންޖީއާއި ވާގަސް ފަދަ ކުޅުންތެރިންނަކީ ވަރަށް ވަރުގަދަ ކުޅުންތެރިން. ހާއްސަކޮށް ސްވިޒަލޭންޑްގެ ޑިފެންސް ރަނގަޅު،"
"އަހަރެމެން ކުޅެން މަސައްކަތް މި ކުރާ ގޭމް ކުޅެން ޖެހޭނީ، އެހެން ވިސްނުންތަކެއް ގެނެސްގެން ބަދަލުތަކެއް ގެންނަން އުޅުން ރަނގަޅެއް ނުވާނެ. އިތުބާރާ އެކު ކުޅެ މޮޅުވުން އޮތީ. ހަންގޭރީގެ ފެންވަރާ މެދު އެއްވެސް ސުވާލެއް ނެތް. އެޓީމަކީ ވަރަށް ޓަފް ޓީމެއް. ޔަގީންނުންވެސް މެޗު ފަސޭހަ ނުވާނެ،"