ހަންގޭރީ މިފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ނަސީބަކުން ނޫން ކަމަށާއި ކުޅުން ބައްޓަން ކުރާނީވެސް ސީދާ ކުރިއަށް ދިއުމަށް ކަމަށް އިޓަލީއަށް އުފަން ކޯޗު، މާކޯ ރޮސީ ބުނެފިއެވެ.
ހަންގޭރީ މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 6:00 ގައި ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ސްވިޒަލޭންޑާއި ހަންގޭރީ ހިމެނޭ ގްރޫޕް އޭގައި ރޭ ޖަރުމަނާއި ސްކޮޓްލޭންޑް ވާދަކޮށް، އެ މެޗު 5-1 އިން ކާމިޔާބުކުރީ ޖަރުމަނެވެ. އެ ގްރޫޕުގެ ފެވަރިޓެއްގެ ގޮތުގައި ޖަރުމަނު އޮތްއިރު، އަނެއް ބުރު ޔަގީންކުރާ ޓީމެއްގެ ފުރުސަތު ހޯދުމަށް މިރޭގެ މެޗު ސްވިޒަލޭންޑާއި ހަންގޭރީއަށްވެސް މުހިންމެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯ 2020ގައި ވެސް ހަންގޭރީން ވަނީ ވާދަކޮށްފައެވެ. އެފަހަރު މަރުގެ ގްރޫޕުގައި ހިމެނުނު ނަމަވެސް، ހަންގޭރީން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވި ނަމަވެސް، ހަންގޭރީން ވަނީ ވަރުގަދަ ފްރާންސާއި ޖަރުމަން ހިފަހައްޓައިފައެވެ. ހަންގޭރީން އެ މުބާރާތް ނިންމާލީ ޖުމުލަ ދެ ޕޮއިންޓާއެކުއެވެ.
އެ ފޯމު ތަކުރާރުކުރަން ޓީމުން މަސައްކަތް ކުރާނެ ކަމަށް ކޯޗު ރޮސީ، އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ވަނީ ބުނެފައެވެ. އަދި ހަންގޭރީއަކީ ދަށްކޮށްލެވޭނެ ޓީމެއް ނޫންކަން ސާބިތުކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
"އަހަރެމެން މި ޔޫރޯއަށް ކޮލިފައިވީ ނަސީބަކުން ނޫން. އަހަރެމެންނަށް ހައްގު ޔޫރޯގައި ކުޅެން. އަހަރެމެން ކުޅޭނީ އެ ރޫހުގައި. އަހަރެމެންގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭން،" އިޓަލީގެ ގިނަ ކްލަބުތަކަކަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅުނު ރޮސީ ބުންޏެވެ.
ރޮސީ ބުނީ ހަންގޭރީއަށްވެސް ޕްރެޝަރު އޮންނާނެ ކަމަށާއި ނަމަވެސް އެއަށް ވިސްނުން ނުބަހައްޓައި، ދަނޑުމަތީގައި ކުރަންޖެހޭ މަސައްކަތަށް ފޯކަސް ކުރަން ވިސްނާނެ ކަމަށެވެ.
ސްވިޒަލޭންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮސީ ބުނީ ސްވިޒަލޭންޑްގައި ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި ކަމަށެވެ.
"ގްރަނިޓް ޒަކާގެ ކެރިއަރަށް އެކަނި ވިސްނާލިޔަސް އެނގޭނެ ފެންވަރު. އޭނާ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކޮށް، ޔޫރޮޕާ ފައިނަލަށްވެސް ދިޔަ. އެއީ ސްވިޒަލޭންޑްގެ އިންޖީން. އޭގެ އިތުރުންވެސް މެނުއަލް އަކާންޖީއާއި ވާގަސް ފަދަ ކުޅުންތެރިންނަކީ ވަރަށް ވަރުގަދަ ކުޅުންތެރިން. ހާއްސަކޮށް ސްވިޒަލޭންޑްގެ ޑިފެންސް ރަނގަޅު،" ރޮސީ ބުންޏެވެ.