މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 5-1ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން.
'90 - ޖަރުމަނުން ފަސްވަނަ ގޯލެއް ޖަހައިފި. މުލާ ދިން ބޯޅައަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެމްރީ ޗޭން. އޭނާ އެ ބޯޅަ އަމާޒުކޮށްލީ ސްކޮޓްލެންޑް ގޯލުގެ ތިރީ ކަނަކަށް.
'87 - ސްކޮޓްލެންޑްގެ ފުރަތަމަ ގޯލު. ސްކޮޓްލެންޑް ކެޕްޓަން އެންޑްރޫ ރޮބާޓްސަން ނަގައިދިން ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްކޮޓް މެކެނާ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބޮލުގައި ޖެހި ބައިކޮޅަށް.
'86 - ޖަރުމަންގެ ހަމަލާއެއް. ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ޖަރުމަންގެ ސާނޭ ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'81 - ސްކޮޓްލެންޑްގެ އިތުރު ބަދަލެއް. ކްރިސްޓީގެ ބަދަލުގައި ކުޅެން ނުކުތީ ލޯރެންސް ޝެންކްލެންޑް.
'80 - ޖަރުމަންގެ އިތުރު ބަދަލެއް. ކްރޫސްގެ ބަދަލުގައި ކުޅެން ނުކުތީ އެމްރީ ޗޭން.
'77 - ސްކޮޓްލެންޑްގެ ބަދަލެއް. ކިއެރަން ޓިއާނީގެ ބަދަލުގައި ކުޅެން ނުކުތީ ސްކޮޓް މެކެނާ.
'77 - މުލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ޖަރުމަން ފޯވަޑް ފުލްކްރުގް ހުރީ އޮފްސައިޑް މަގާމެއްގައި.
'73 - ޖަރުމަންގެ އިތުރު ބަދަލެއް. މުސިއާލާގެ ބަދަލުގައި ކުޅެން ނުކުތީ ތޯމަސް މުލާ.
'69 - ޖަރުމަންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފި. ގުންޑޮގަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފޯވަޑް ނިކްލަސް ފުލްކްރުގް. އޭނާގެ ހަމަލާ އަމާޒުކޮށްލީ ސްކޮޓްލެންޑް ގޯލުގެ މަތީ ކަނަކަށް. މިއީ މެޗުގައި އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ.
'67 - ސްކޮޓްލެންޑުން ވެސް ދެ ބަދަލެއް. ޖޯން މެކްގިން އާއި ކެލަމް މެކްގްރެގާގެ ބަދަލުގައި ކުޅެން ނުކުތީ ކެނީ މެކްލީން އަދި ބިލީ ގިލްމޯ.
'64 - ޖަރުމަނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސާނޭ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ސްކޮޓްލެންޑް ކީޕަރު ގުން ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.
'63 - ޖަރުމަންގެ ދެ ބަދަލެއް. ހަވާޓްޒް އާއި ވާޓްޒްގެ ބަދަލުގައި ކުޅެން ނުކުތީ ލެރޯއީ ސާނޭ އާއި ނިކްލަސް ފުލްކްރުގް.
'62 - ރަޔަން ކްރިސްޓީއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން ޑިފެންޑަރު ޖޮނަތަން ޓާއަށް ރީނދޫ ކާޑެއް.
ޖަރުމަނުން ދަނީ ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދާ ސްކޮޓްލެންޑު ކޮޅަށް އިތުރު ގޯލުތަކެއް ޖެހުމަށް މަސައްކަތްކުރަމުން. ޖަރުމަންގެ އެންމެ ފަހަތުން ކުޅޭ ރުޑިގާ އަދި ޓާ ވެސް ފެންނަނީ ވަރަށް ކުރިއަށް ޖެހި، ސްކޮޓްލެންޑުގެ ހާފުގެ ތެރެއިން.
'59 - ޖަރުމަންގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން މުސިއާލާ ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ކީޕަރު ގުން ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ގުންޑޮގަން ފޮނުވާލި ހަމަލާ ވެސް ވަނީ ޑިފެންޑަރުން ގައިގައި ޖެހި ބްލޮކްވެފައި.
'57 - ޖަރުމަނަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ވާޓްޒްއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'50 - ޖަރުމަން ޑިފެންޑަރު ރުޑިގާގެ ހަމަލާއެއް. ދުރުން ފޮނުވާލި ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް ސްކޮޓްލެންޑް ކީޕަރު ގުން ވަނީ މަތަކޮށްފައި.
'46 - މުސިއާލާއަށް ކުރި ފައުލަކާ ގުޅިގެން ސްކޮޓްލެންޑްގެ ރަލްސްޓަންއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ ކުޅުން ފެށީ ސްކޮޓްލެންޑުން.
ޖަރުމަނުން ދެވަނަ ހާފަށް ނުކުންނަނީ ބަދަލަކާއެކު. ރޮބާޓް އެންޑްރިޗްގެ ބަދަލުގައި ކުޅެން ނުކުންނާނީ ޕަސްކަލް ގްރޮސް.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
ޖަރުމަނުން ތިން ގޯލުގެ ލީޑެއް ހޯދި އިރު، ރަތް ކާޑާ ގުޅިގެން ސްކޮޓްލެންޑުން މިހާރު ކުޅެމުންދަނީ ދިހަ ކުޅުންތެރިންނާއެކު.
'45 - ޖަރުމަންގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް. ޖަރުމަނަށް ތިން ގޯލުގެ ލީޑެއް.
'42 - ވީއޭއާރްއަށް ބެލުމަށްފަހު ޖަރުމަނަށް ޕެނަލްޓީއެއް ދީފި. އެ ޕެނަލްޓީ ދީފައިވަނީ ގުންޑޮގަންއަށް ސްކޮޓެލެންޑްގެ ރަޔަން ޕޯޓިއެސް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން. ޕޯޓިއެސްއަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައި.
'42 - ޖަރުމަންގެ ނުރައްކަލެއް. ކިމިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އިލްކާއީ ގުންޑޮގަން ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ކީޕަރު ގުން ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައަށް ހަވާޓްޒް މަސައްކަތްކުރި ނަމަވެސް، ބޯޅަ ފަޔަށް އަރާ ގޮތް ވެފައެއް ނުވޭ.
'40 - ޕެނަލްޓީ އޭރިއާ ބޭރުން ޖަރުމަން ޑިފެންޑަރު ރުޑިގާ ފޮނުވާލި ހަމަލާ އަމާޒުވީ، ސްކޮޓްލެންޑްގެ ކީޕަރު ގުންގެ އަތަށް.
މެޗުގެ 35 މިނެޓުގެ ކުޅުން ނިމުނު އިރު، ޖަރުމަންގެ ގޯލާ އަމާޒުކޮށް ސްކޮޓްލެންޑަށް އަދި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. ޖަރުމަންގެ ކީޕަރު މެނުއަލް ނޯޔާއަށް އަދި ނުރައްކަލަކާ ކުރިމައްޗެއް ނުވޭ.
'31 - ފައުލަކާ ގުޅިގެން މެޗުގެ އަދި މުބާރާތުގެ ވެސް ފުރަތަމަ ރީނދޫ ކާޑު ޖަރުމަންގެ ރޮބާޓް އެންޑްރިޗްއަށް.
'28 - ޖަރުމަންގެ ކައި ހަވާޓްޒް، ތިރިތިރިން ފޮނުވާލި ހިލޭ ޖެހުން، ސްކޮޓްލެންޑްގެ ކީޕަރު ގުން މަތަކޮށްފި.
ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެ ފައުލް ކޮށްފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުން ކަމަށް. ޕެނަލްޓީގެ ބަދަލުގައި ޖަރުމަނަށް ހިލޭ ޖެހުމެއް.
'25 - ޖަރުމަނަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ މުސިއާލާއަށް ސްކޮޓްލެންޑްގެ ކްރިސްޓީ ކުރި ފައުލަކާ ގުޅިގެން.
'21 - ޖަރުމަނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ކައި ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވަޑް ޖަމާލް މުސިއާލާ.
ޖަރުމަނުން ގިނަ ޕާސްތަކަކާއެކު ނުރައްކާކުރުމަށް މަސައްކަތްކުރަމުން އަންނަ އިރު، މެދުތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ގައުމީ ޓީމުގެ ރިޓަޔާމަންޓަށްފަހު އެނބުރި އައި ޓޯނީ ކްރޫސްގެ ކުޅުން. ޖަރުމަންގެ ޕާސްތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކްރޫސް.
'10 - ޖަރުމަނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ފްލޮރިއަން ވާޓްޒް. ގޯލުގެ ތެރެއަށް އެ ބޯޅަ ވަދެފައިވަނީ ސްކޮޓްލެންޑް ކީޕަރު އަންގުސް ގުން އަތުގައި ޖެހި، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައި. ޖަރުމަނުން ކައުންޓާ އެޓޭކުތަކުގައި ވެސް ނުރައްކާކުރުމަށް މަސައްކަތްކުރޭ.
'2 - ޖަރުމަންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޖަރުމަންގެ ފްލޯރިއަން ވާޓްސް ފޮނުވާލި ހަމަލާ ސްކޮޓްލެންޑް ކީޕަރު ގުން ވަނީ މަތަކޮށްފައި. ވާޓްޒް ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.
އަންގުސް ގުން - ގޯލްކީޕަރު
ކިއެރަން ޓިއާނީ
ރަޔަން ޕޯޓޭސް
ޖެކް ހެންޑްރީ
އެންޑްރޫ ރޮބާޓްސަން - ކެޕްޓަން
ކެލަމް މެކްގްރެގާ
ސްކޮޓް މެކްޓޮމިނޭ
އެންތޮނީ ރެލްސްޓަން
ޖޯން މެކްގިން
ޗޭ އެޑަމްސް
ރަޔަން ކްރިސްޓީ
ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި ހޯސްޓް ޖަރުމަނާއި ސްކޮޓްލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަކީ ދެ ޓީމަށްވެސް މުހިއްމު މެޗަކަށްވާނެ. އެއީ ޔޫރޯ 2024 ހުޅުވާ މެޗަށްވުމުން. ޖަރުމަނުން އަމިއްލަ ސަޕޯޓަރުން ކުރިމަތީ މޮޅަކުން ފަށަން ކެތްމަދުވެފައި އޮތް އިރު، ސްކޮޓްލޭންޑުން ބޭނުންވާނީ ޖަރުމަނު އަމިއްލަ ފަސްގަނޑުގައި ބަލިކުރަން. މެޗު ޖަރުމަނުގައި ކުޅޭ ނަމަވެސް، ސްކޮޓިޝް ސަޕޯޓަރުން ދަނީ ދަނޑުގައި އަޑު ގުގުމަމުން.
"މިއީ ޖަރުމަނުން ޔޫރޯއެއް ހޯސްޓް ކުރާ ދެވަނަ ފަހަރު. ކުޅުންތެރިންނާއި އަހަންނަށްވެސް އަމިއްލަ ފަސްގަނޑުގައި މުބާރާތަށް ނުކުތުމަކީ މުޅިން ތަފާތު އާ ތަޖުރިބާއެއް. އަދި ފުރުސަތެއް. އެކަމުގައި ޓީމަށް ޕްރެޝަރު ބޮޑު. އެހެން ނަމަވެސް، ދަނޑުމަތީގައި ހިތްހަމަ ޖެހިގެން ކުޅެން ޖެހޭ. މިއީ ޖަރުމަނަށް އުފާވެރި މުބާރާތަކަށް ހަދަން ތައްޔާރު،"
"މިދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުން އަހަންނަށް ގައުމީ ޓީމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ސްކޮޓްލޭންޑްގެ ފުޓުބޯޅަ ޓީމުގެ މި ދަތުރުގައި ސަޕޯޓަރުން ބައިވެރިކުރުވުން. ޓާޓަން އާމީންގެ ނަމުން މަގުބޫލު ސްކޮޓްލޭންޑްގެ ސަޕޯޓަރުން މިހާރު ތިބީ ޓީމުގެ ފަހަތުގައި. ޖަރުމަނާ ދެކޮޅަށް ނުކުތް ނަމަވެސް، އަހަރެމެންގެ ވިސްނުން ބަދަލުނުކުރާނަން. ލިބޭ ފުރުސަތުތަކުގެ ފައިދާ ނަގަން ބޭނުން،"