ދުނިޔެ

ފުލައިޓެއް ވެއްޓުނު ހާދިސާގައި މަލާވީގެ ނައިބު ރައީސް އަވަހާރަވެއްޖެ

މުހައްމަދު އައުޒަމް

ފުލައިޓެއް ވެއްޓި މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލިމާ އަވަހާރަވެއްޖެއެވެ.

މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރުކުރެއްވި ފުލައިޓު ވެއްޓި، އަވަހާރަވެފައިވާކަން އެގައުމުގެ ރައީސް ލަޒަރުސް ޗަކްވެރާ ވަނީ އިއުލާން ކުރައްވައިފައެވެ.

އޮފިޝަލުން ބުނީ ނައިބު ރައީސް ޗިލިމާގެ އިތުރުން ނުވަ މީހަކު ދަތުރުކުރި މިލިޓަރީ ފްލައިޓު ވަނީ އެގައުމުގެ އުތުރުން އޮންނަ އެމްޒުޒޫއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ ގެއްލުނު ކަމަށެވެ.

މަލާވީގެ ރައީސް ލަޒަރުސް ޗަކްވެރާ ވިދާޅުވީ ރެސްކިއު ޓީމުތަކަށް އެ ފުލައިޓު ފެނިފައިވާ ކަމަށާއި މުޅި ފުލައިޓު ފުނޑުފުނޑުވެ ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށެވެ.

ވެއްޓިފައިވަނީ މަލާވީގެ އާމީ ވިންގަށް ނިސްބަތްވާ ޑޯނިއާ 228-202ކޭ ގެ ފުލައިޓެއް ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ އެ ފުލައިޓުގައި މަލާވީގެ ކުރީގެ ފަސްޓުލޭޑީ ޝަނިލް ޒިމްބިރި ވެސް ދަތުރުކުރެއްވި ކަމަށެވެ.