ރެއާލް މެޑްރިޑް

ދެއްކި ވާހަކައިގެ މާނަ އޮޅުވާލީ، ރެއާލުން ކްލަބު ވޯލްޑް ކަޕްގައި ކުޅޭނެ: އެންޗެލޮޓީ

ރެއާލް މެޑްރިޑުން ކްލަބު ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް ނުބުނާ ކަމަށާއި، އެ ވާހަކަ މީޑިއާގައި ފެތުރީ މާނަ އޮޅުވާލައިގެން ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ފީފާއިން ކްލަބު ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލު ގެނެސް، 32 ޓީމާއެކު ފުރަތަމަ މުބާރާތް ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށެވެ. އެއީ ސީޒަން ބްރޭކުގައެވެ. މިހާރު އޮތް ފޯމެޓްގެ ސަބަބުން، ކުޅުންތެރިންނަށް ބުރަބޮޑުވެ، އަނިޔާގެ މައްސަލަތައް އިތުރުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ އުފުލާފައިވާ އިރު، ރެއާލްގެ ކޯޗު އެންޗެލޮޓީވެސް ވަނީ އެކަމާ ނުރުހޭ ކަހަލަ ވާހަކައެއް އިއްޔެ ދައްކައިފައެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ އިލް ޖިއޮރްނާލަށް އިޓަލީ ބަހުން ދިން އިންޓަވިއުއެއްގައި އެންޗެލޮޓީ ބުނިކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައި ވަނީ ފީފާގެ ކްލަބު ވޯލްޑް ކަޕާ ދެކޮޅު ކަމަށެވެ. އޭގެ އިތުރުން އެހެން ކްލަބުތަކުންވެސް އެ ފޯމެޓަށް ކްލަބު ވޯލްޑް ކަޕްގައި ކުޅެން ބޭނުންނުވާ ކަމަށްވެސް އެންޗޮލޮޓީ ބުނި ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެންޗެލޮޓީ ފަހުން ބުނެފައި ވަނީ ރެއާލާއެކު އިތުރު ހަރުފަތެއްގެ ތަށްޓެއް ހޯދެން އޮތް ފުރުސަތަކަށް އޭނާ ނޫނެކޭ ނުބުނާނެ ކަމަށެވެ. ރެއާލަށް ކްލަބު ވޯލްޑް ކަޕްގެ އިތުރު ތަށްޓެއް ހޯދައިދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް އެންޗެލޮޓީ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދި ރެއާލަކީ އަންނަ އަހަރުގެ ފީފާ ކްލަބު ވޯލްޑް ކަޕްގައި ޔޫރަޕުން ވާދަކުރާ 12 ޓީމުގެ ތެރެއިން އެއް ޓީމެވެ. އެ މުބާރާތަށް ޕްރިމިއާ ލީގުން ކޮލިފައިވެފައިވަނީ ޗެލްސީއާއި މެންޗެސްޓާ ސިޓީއެވެ. ރެއާލާއި ޔުވެންޓަސް ނޫނީ ޔޫރަޕުން ކްލަބު ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ ޓީމަކީ ދަ ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންސް (އީސީއޭ)ގެ މެންބަރު ކްލަބުތަކެވެ. ޔުވެންޓަސްއިން މިހާރު އަންނަނީ އަލުން އީސީއޭއާ ގުޅެން ތައްޔާރުވަމުންނެވެ.

ރެއާލުން އިސްނަގައިގެން މީގެ ކުރިން ބްރޭކް އަވޭ ލީގެއް، ސުޕަ ލީގުގެ ނަމުގައި ވުޖޫދުކޮށް މެޗުތައް ގިނަކުރަން މަސައްކަތް ކުރި ނަމަވެސް، އެ ފަހަރު ވީ ފެއިލެވެ. މިހާރު ސުޕަ ލީގުގައި ދެމި ތިބީ ރެއާލް މެޑްރިޑާއި ބާސެލޯނާ އެކަންޏެވެ. އެއީ ފައުންޑިން އަށް ކްލަބުން ދެ ކްލަބެވެ. އެހެންކަމުން ރެއާލުން ކްލަބު ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް ދޭހަވާ ގޮތަށް އެންޗެލޮޓީ ވާހަކަ ދެއްކުމުން، ގިނަ ބަޔަކު އެ ވާހަކަ ބަލާފައި ވަނީ ރެއާލާއި އީސީއޭއާ ދެމެދު އޮތް ނުތަވަސް ކަމަށެވެ.