ރާއްޖެއަށް މަސައްކަތް ކުރަން ގެންނަ ބަންގްލަދޭޝް މީހުން ގެނައުމާ ބެހޭ އެއްބަސްވުންތައް އާކުރަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ކަމާބެހޭ އިސް އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ނޫހަކުން ބުނިގޮތުގައި އެއްބަސްވުން އާކުރަން ނިންމީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. އެގޮތުން ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ދިއުމުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފިޔަވަޅުތަކެއް ދެން ހަދާ އެއްބަސްވުމުގައި ހިމަނާނެއެވެ.
ރާއްޖެއަށް މަސައްކަތު މީހުން ފޮނުވާ އެޖެންސީތަކުން ފަހަކަށް އައިސް މީހުން ފޮނުވަނީ ވިޒިޓް ވިސާގައި ކަމަށާއި އެގޮތަށް ވުމުން އެމީހުން އެތެރެވާއިރު ވެސް ގަވައިދާ ހިލާފުވާކަމަށް ބުނެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވުމުގެ ސަބަބުން އެމީހުންނާ ބެހޭ ސައްހަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ނޭނގެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ރާއްޖެ ދިއުމުގެ ކުރިން ޕޮލިސް ކްލިއަރަންސް ނަގަންޖެހޭ ގޮތް ހެދުން އެ ބައްދަލުވުމުގައި ހުށަހެޅުނެވެ. އެގޮތުން އެގައުމުން ރާއްޖެ އަންނަ މީހުން ފުރުމުގެ ކުރިން ފުލުހުންގެ ހާއްސަ ކްލިއަރެންސް ފޯމެއް ނެގުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީއަށް ލަފާދީފައިވެއެވެ.
އަދި އޭގެ އިތުރުން ހަރުދަނާ މަސައްކަތު މީހުން ރާއްޖެއަށް ފޮނުވަން ޖެހޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ދެ ގައުމުގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ހަމަވިތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެއެވެ.
ވޯކް ވިސާގައި މިހާތަނަށް ރާއްޖެއަށް 144،607 ބިދޭސީން ގެނެސްފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް ގާތްގަނޑަކަށް 63،000 ބިދޭސީން މަސައްކަތް ކުރަމުންދާކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.