ދުނިޔެ

އިންޑިއާގެ ޖަންމުގައި ދިން ހަމަލާއެއްގައި ނުވަ މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގެ ޖަންމުގައި ދިން ހަމަލާއެއްގައި ނުވަ މީހުން މަރުވެއްޖެއެވެ.

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ހުންނަ ޖަންމު އަދި ކަޝްމީރު ސަރަހައްދުގައި ހިންދޫ ދީނީ ބަޔަކު ދަތުރުކުރަމުން ދިޔަ ބަހަކަށް ދިން ހަމަލާގައި ނުވަ މީހުން މަރުވެފައިވާ އިރު 33 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް މޯދީ އިންތިހާބުވެ ހުވާކުރުމުގެ ރަސްމިއްޔާތު ހިނގަމުންދިޔަ ވަގުތު ޖަންމުގައި ދިން އެހަމަލާ ދީފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ފަޅީގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާ ދިނުމާއެކު އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަނީ ޖަންމު އަދި ކަޝްމީރު ސަރަހައްދުގެ ސަލާމަތީ ކަންކަން ހުރި ގޮތުގެ މަންޒަރު އެހަމަލާ އިން ފެންނަ ކަމަށް ވިދާޅުވެފައެވެ.

ހިމާލިއާގެ ފަރުބަދަ މަތީ ސަރަހައްުދުގައި ހުންނަ ޖަންމު އަދި ކަޝްމީރު ސަރަހައްުދުގެ މިލްކުވެރިފަރާތް ޔަގީން ނުވެ އިންޑިއާ އާއި ޕާކިސްތާނުން ދަނީ ބޯޑަރު ސަރަހައްދުގައި ފޯރި މަރަމުންނެވެ. 1989 ވަނަ އަހަރު ފަހުން އެސަރަހައްދުގައި ހަމަލާ ބަދަލުކުރުން އިތުރުވެ މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.