ހޯސޭ މޮރީނިއޯ

ފެނެބާޗޭ އިން މޮރީނިއޯއަށް ލޯބި ބަންޑުން ކޮށްލައިފި

ތުރުކީގެ ފުރަތަމަ ޑިވިޝަންގެ ފެނެބާޗޭގެ އާ ކޯޗު ޖޯސޭ މޮރީނިއޯ ރަސްމީކޮށް ދައްކާލައިފިއެވެ.

މޮރީނިއޯއަށް މަރުހަބާ ކިޔަން ފެނެބާޗޭ ސަޕޯޓަރުން ޖަމާވެފައިވަނީ އެ ކްލަބުގެ ސުކްރޫ ސަރަޗޮގްލޫ ސްޓޭޑިއަމަށެވެ. މޮރީނިއޯ ސޮއިކޮށްފައިވަނީވެސް އިއްޔެ އެ ސްޓޭޑިއަމްގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

އުމުރުން 61 އަހަރުގެ މޮރީނިއޯ ފެނެބާޗާއާ ހަވާލުވެފައިވަނީ އެ ކްލަބުގައި ކުރިން ހުރި އިސްމާއީލް ކާޓަލް ހުކުރު ދުވަހު މަގާމު ދޫކޮށްލުމުންނެވެ. އޭނާ މަގާމު ދޫކޮށްލީ ފެނެބާޗޭއަށް ލީގު ގެއްލުމުންނެވެ. ފެނެބާޗޭ އިން މިފަހަރު ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެޓީމުން 99 ޕޮއިންޓް ހޯދި ނަމަވެސް، ގަލަޓަސަރާއިން ވަނީ މި ސީޒަނުގެ ލީގު ޔަގީންކޮށްފައެވެ.

އިއްޔެ ފެނެބާޗޭގެ ސަޕޯޓަރުން މޮރީނިއޯއަށް ކީ މަރުހަބާއަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ އެހެން ކޯޗުންނަށް ލޯތްބާއި އިހުތިރާމް އެންމެ ބޮޑަށް ލިބެނީ ކާމިޔާބު ހޯދުމުން ނަމަވެސް، ފެނެބާޗޭގެ މަސައްކަތް ފެށުމުގެ ކުރިން އެ ލޯބި ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ. އޭނާ ބުނީ ފެނެބާޗޭގެ މަސައްކަތް ސާފު ކަމަށާއި، ފެނެބާޗޭގެ އާއިލާއަކީ މިހާރު އޭނާގެ އާއިލާ ކަމަށެވެ. އަދި އެ ޖާޒީއަކީ އޭނާގެ ގައިގެ ހަން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯއަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭމާ ވަނީ ޔޫރަޕްގައި 21 ތަށި ހޯދައިފައެވެ. އަމިއްލަ ގައުމު ޕޯޗުގަލްގެ ބެންފިކާއިން ކޯޗިން ކެރިއަރު ފެށި މޮރީނިއޯ ވަނީ ޕޯޓޯއާއި އިންޓަ މިލާނާއެކުވެސް ޗެމްޕިއަންސް ލީގު ހޯދައިފައެވެ. އޭގެ އިތުރުން ޗެލްސީއާއެކު އިނގިރޭސި ލީގު، ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލީގުވެސް މޮރީނިއޯ ހޯދިއެވެ. އޭގެ އިތުރުން މޮރީނިއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްއަށްވެސް ކޯޗުކަން ކޮށްދީފައެވެ.

މޮރީނިއޯ އެންމެފަހުން ހުރީ ރޯމާގެ ކޯޗުކަމުގައެވެ. ރޯމާއިން ޖެނުއަރީ މަހު މޮރީނިއޯ ފޮނުވާލި ފަހުން އޭނާ ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެއެވެ.