ތުރުކީ ލީގުގެ ފެނަބާޗޭއަށް ކޯޗުކަން ކޮށްދެމުންދާ ޖޯސޭ މޮރީނިއޯ، ވާދަވެރި ގަލަޓަސަރާއީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މޮރީނިއޯ، ގަލަޓަސަރާއީ ބެންޗަށް އިޝާރާތްކޮށް ނަސްލީ ގޮތުން ދިމާކުރުމުގެ ނިޔަތުގައި ބަހެއް ބުނި ކަމަށް އެ ކްލަބަށް ބުނެފައިވެއެވެ. މޮރީނިއޯ ބުނީ "މަކުނުތަކެއް ހެން ގަލަޓަސަރާއީ ބެންޗުގައި ފުންމަމުން،" ދިޔަ ކަމަށެވެ.
އެހެން މޮރީނިއޯ ބުނެފައިވާތީ، އެކަމުގެ މައްސަލަ ގަލަޓަސަރާއީން ވަނީ ތުރުކީ ފުޓުބޯޅަ އިދާރާގެ އިތުރުން ޔޫއެފާއަށް ވެސް ހުށަހަޅައިފައެވެ.
މޮރީނިއޯ ދެއްކި ވާހަކައަކީ ނަސްލީ ގޮތުން ދިމާކުރުމުގެ އެއްވެސް ނިޔަތެއްގައި ދެއްކި ވާހަކައެއް ނޫން ކަމަށް އެ ކްލަބުން ބުނެފައިވާ އިރު، އެ ކްލަބުން ބުނީ މޮރީނިއޯ ދެއްކި ވާހަކަ ގަލަޓަސަރާއީން މާނަ އޮޅުވާލައިގެން ބޭނުންކުރި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މޮރީނިއޯގެ އަބުރަށް ގެއްލުންވެފައިވާ ކަމަށެވެ.
މޮރީނިއޯ ކޯޓަށް ހުށަހެޅީ ގަލަޓަސަރާއީގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށެވެ. މޮރީނިއޯ ހުށަހެޅީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1،907،000 ޓާކިޝް ލިރާ ހޯދުމަށެވެ. އެއީ ގާތްގަނޑަކަށް 41،000 ޕައުންޑެވެ.
ގަލަޓަަސާރާއީ އާއި ފެނަބާޗޭއަކީ ތުރުކީގެ އެންމެ ވާދަވެރި ދެ ކްލަބެވެ. އެ ދެ ކްލަބުގެ ވާދަވެރިކަން ބޮޑުކަމުން ލީގުގައި އެންމެފަހުން ކުުޅުނު މެޗުގައި ރެފްރީކަން ކުރީވެސް ސްލޮވޭނިއާގެ ރެފްރީއެކެވެ. އެއީ ސްލަވްކޯ ވިނިޗެވެ.