ޖޯސޭ މޮރީނިއޯއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭނެ މީހެއް ނޫން ކަމަށް ކުރިން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ޑިޑިއާ ޑްރޮގްބާ ބުނެފިއެވެ.
ތުރުކީ ލީގުގެ ފެނަބާޗޭއަށް ކޯޗުކަން ކޮށްދެމުންދާ މޮރީނިއޯ، ގަލަޓަސަރާއީ ބެންޗަށް އިޝާރާތްކޮށް ނަސްލީ ގޮތުން ދިމާކުރުމުގެ ނިޔަތުގައި ބަހެއް ބުނި ކަމަށް އެ ކްލަބަށް ބުނެފައިވެއެވެ. މޮރީނިއޯ ބުނީ "މަކުނުތަކެއް ހެން ގަލަޓަސަރާއީ ބެންޗުގައި ފުންމަމުން،" ދިޔަ ކަމަށެވެ.
އެހެން މޮރީނިއޯ ބުނެފައިވާތީ، އެކަމުގެ މައްސަލަ ގަލަޓަސަރާއީން ވަނީ ތުރުކީ ފުޓުބޯޅަ އިދާރާގެ އިތުރުން ޔޫއެފާއަށް ވެސް ޖައްސައިފައެވެ.
މޮރީނިއޯ ހޫނު ފެނަށް ވެއްޓިފައިވާ ދަނޑިވަޅުގައި ކުރިން ޗެލްސީއަށް ކުޅުނު ޑްރޮގްބާ ބުނީ އޭނާއަށް ކޯޗު އެނގޭތާ 25 އަހަރު ވެފައިވާ ކަމަށާއި ދުވަހަކުން ނަސްލީ ގޮތުން އެއްވެސް މީހަކާ ދިމާ ނުކުރާކަން ޔަގީން ކަމަށެވެ.
"އަހަންނަށްވެސް ގަލަޓަސަރާއީގެ ރީނދުލާއި ރަތް ޖާޒީ ލުމުގެ ޝަރަފު ލިބުނު. އަދި އަހަރެން އެ ކްލަބަށްވެސް ލޯބިކުރަން. އަހަންނަށް އެނގޭ ތުރުކީ ލީގުގެ ވާދަވެރިކަމުގެ މިންވަރު، އެއީ ވަރަށް ބޮޑު ވާދަވެރިކަމެއް. އަހަންނަށް އެކަން ތަޖުރިބާވެސް ކުރެވުނު. އެ ކްލަބުން ބުނި ނަމަވެސް، މޮރީނިއޯއަކީ ނަސްލީ ތަފާތުކުރާ މީހެއް ނޫން. އަހަންނަށް މޮރީނިއޯ އެނގޭތާ 25 އަހަރު ވެއްޖެ. އެއްވެސް އިރެއްގައި އޭނާއަކީ ނަސްލީ ތަފާތުކުރާ މީހެއް ނޫން. އަހަންނަށް އިތުބާރުކުރޭ،" ޑްރޮގްބާ ބުންޏެވެ.
"އަހަރެންގެ ބައްޕަ ނަސްލީ ތަފާތުކުރާ މީހަކަށް ނުވާނެ،" ކަމަށް ޑްރޮގްބާ ބުންޏެވެ.
ޑްރޮގްބާއަކީ މީގެ ކުރިން 53 މެޗެއް ގަލަޓަސަރާއީއަށް ކުޅެ، 20 ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ޑްރޮގްބާ ކުޅުނީ ޗެލްސީގައެވެ. އެއީ ޗެލްސީގެ އެންމެ ކާމިޔާބު ދުވަސްތަކުގައެވެ.