ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ބީގެ އެއްވަނަ ޔުނައިޓެޑް އައުޓްރީފުން ޔަގީންކުރި އިރު، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަމިގޯސް ސްޕޯޓްސް ކްލަބު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑް އައުޓްރީފުން ގްރޫޕް ބީގެ އެއްވަނަ މިރޭ ޔަގީންކުރީ، އަފޭން ކައިރިން ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އެޓީމަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އަމިގޯސް ކުއާޓައަށް ދިޔައީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. އަމިގޯސްއިން ވަނީ މިއަދު ހަވީރު ކުޅުނު މެޗުގައި ކިންގް ސްޕޯޓްސް ކްލަބު ކައިރިން 2-0 އިން މޮޅުވެފައެވެ.
މުބާރާތުގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.
މިރޭ ކުޅުނު މެޗުގައި އަފޭންއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފައިވާ އިރު، އެ ގޯލުތައް ޖެހީ މުހައްމަދު ފަރުހާނާއި މުހައްމަދު ޔާމީން ޝަރީފެވެ. އެ ސްކޯގައި އަފޭންނަށް ކުއާޓާއަށް ދިއުމަށް އިތުރު އެންމެ ގޯލެއް ބޭނުންވެފައި އޮއްވައި، މެޗު އަނބުރާލީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދެވަނަ ހާފުގައި އޭނާ ވަނީ ތިން ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
މިއަދު ހަވީރު އަމިގޯސްއިން ކުޅުނު މެޗުގައި އެޓީމުން ކުއާޓާ ޔަގީންކުރީ ޒަޔާން އިބްރާހީމް ހަލީލާއި މުހައްމަދު ޖިނާހުގެ ގޯލުތަކުންނެވެ. މެޗުގައި ޖިނާހު ގޯލު ޖެހުމަށްފަހު ކޮންމެވެސް ވަރެއްގެ ދަބަސްވުމަކަށް އިދިކޮޅު ބެންޗާ ދިމަލަށް ދިޔުމުން، ރެފްރީ ވަނީ ދެ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދައްކައިފައެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.