ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް ފައިނަލަށް ތައްޔާރުވެއްޖެއެވެ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުގެ ފަރާތުން ކުރިއަށް ގެންދާ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ފޯރިގަދަ ފައިނަލަށް މުޅި ލ. އަތޮޅު، މުޅި ފޮނަދޫ އޮތީ ތައްޔާރަށެވެ. އިއްޔެ ހަވީރު މުބާރާތުގެ ޓައިޓަލް ސްޕޮންސާ ޕަސްކުއާލްގެ އެކްސްޕޯޓް ޑިރެކްޓަރު ހޭވިއޭ އާއި އެކްސްޕޯޓް މެނޭޖަރު ވަލޭރިއާ ފޮނަދުއަށް ވަޑައިގެންފައިވާ އިރު، މިރޭގެ ފައިނަލްގެ ކުރީގެ އިވެންޓުތަކަށްވެސް ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ.
ސިމްބޮލިކް ރެކޯޑުގެ ހުށަހެޅުމުގެ އިތުރުން ސަގާފީ ހަރަކާތްތަކާއެކު މިރޭގެ ފައިނަލް މެޗުގެ އިވެންޓުތައް 9:00 ގައި ފަށާނެއެވެ. 45 ވަރަކަށް މިނެޓަށް އެ ހަރަކާތްތައް ކުރިއަށް ގޮސް، މެޗު ފަށަން ތައްޔާރުވެފައިވަނީ 9:45 ގައެވެ. މެޗުގައި ނުކުންނާނީ ތަރިންގެ ދެ ޓީމެވެ. ފޮއެމަތި ސްޕޯޓްސް ކްލަބާއި އައުޓްރީފް ސްޕޯޓްސް ކްލަބެވެ. މިހާތަނަށް މުބާރާތުގައި ދެއްކި ކުޅުމާއެކު ފައިނަލްގެ އަންދާޒާއެއް ކޮށްލަންވެސް އުނދަގުލެވެ. ޔަގީންވާ އެއް ކަމަކީ ސަޕޯޓަރުންގެ ފޯރިއާއި މެޗުގެ ފޯރި އިންތިހާއަށް ގަދަވާނެ ކަމެވެ. ދެޓީމަށްވެސް މިއީ މި މުބާރާތުގެ ތާރީހީ ފުރަތަމަ ފައިނަލެވެ.
ފޮއެމަތި ސްޕޯޓްސް ކްލަބުން މިއީ މުބާރާތުގައި ބައިވެރިވިވެސް ފުރަތަމަ ފަހަރެވެ. ހާއްސަކޮށް، މިއީ އެޓީމުން ލ. އަތޮޅުގެ ފުޓްސަލް ތާރީހުގައި ނަން ލިޔެލަން ލިބޭ ރަނުގެ ފުރުސަތެވެ. މިހާތަނަށް ދައްކަމުންދާ ކުޅުމުން އެކަން ހާސިލުކުރެވޭނެ ކަމަށް ބޮޑު އުންމީދެއްވެސް އެބައޮތެވެ. ސެމީ ފައިނަލުގައި އެޓީމުން ރަސްހިންނެ އެސްސީ ބަލިކުރީ ޓަފް މެޗަކަށްފަހުއެވެ. މުހައްމަދު ސާދު ނިޒާރާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް ފަދަ ކުޅުންތެރިން ފޯމަށް ބަލައި ފޮއެމައްޗަށް އުންމީދު ބޮޑު ކުރެވިދާނެއެވެ. އޭގެ އިތުރުން މުހައްމަދު ލުފްޝާން (ޕަފް) ސެމީ ފައިނަލުގައި ހޯދި މޮޅު ކުޅުންތެރިޔާގެ މަގާމުން، އޭނާއަކީ މުބާރާތުގެ ކިންގަށް ވާދަކުރާނެ ކުޅުންތެރިއެއްކަން ޔަގީނެވެ.
މިވަގުތު ލ. އަތޮޅުގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ އެއް ނަމަކީ އައުޓްރީފެވެ. އެޓީމަށް ބޮޑު ތަށްޓެއް މަދުވުން އެއީ މިފަހަރުގެ މުބާރާތް ހޯދަން ބުރަކޮށް އެޓީމުން މަސައްކަތް ކުރާ އެއް ސަބަބެވެ. ޓީމުގެ ފެންވަރާ މެދު އެއްވެސް ސުވާލެއް އުފެއްދޭކަަށް ނެތެވެ. މި މުބާރާތުގެ ފެވަރިޓެއް ގޮތުގައި އައުޓްރީފް އެސްސީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގުނަމުން ދަނީ ސްކޮޑުގެ ވަރުގަދަ ކަމުންނެވެ.
އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހް (ޝިޔާ) އަދި އަލީ ޝާމިސް (ތޮއްޕެ) މިހާތަނަށް ތަފާތު ފޯމެއްގައި ކުޅެމުންދާ އިރު، ސެމީގައިވެސް އެޓީމުން ވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ ކޮޅަށް 11 ގޯލު ޖަހައިފައެވެ. ތޮއްޕެ މިހާތަނަށް މުބާރާތުގައި 14 ގޯލު ޖަހައި، ސްކޯރިން ލީޑު ކުރަމުންދާ އިރު، އެއީ ކިންގްގެ މަގާމަށް އެންމެ އެކަށޭނެ ކުޅުންތެރިޔާ ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. އައުޓްރީފް އެސްސީގެ އެންމެ ނުރައްކާތެރި ހަތިޔާރަކީ ވަރުގަދަ ބެންޗެއް އޮތުމެވެ. ބެންޗުން އަރަން ހުސައިން ނިހާން (ނިހާޓް)، އަހުމަދު ވިޖުދާން (ވިޖުއްކޮ) އަދި މުހައްމަދު މައިސާން ފަދަ ކުޅުންތެރިން ތިބުމަކީ އެޓީމަށް އެންމެ ބޮޑު ހިތްވަރެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.