ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގެ ފޯރިގަދަ ހަތަރު މެޗު ރޭ ކުޅެފައިވާ އިރު، ސެމީގެ މެޗުތައް އޮންނާނީ މާދަމާ ރޭއެވެ. ފޮނަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީ މެޗުގައި ފޮއެމަތި ސްޕޯޓްސް ކްލަބުން ޔުނައިޓެޑް އައުޓްރީފް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ފޮއެމަތީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމްގެ ގޯލަކާއެކު އެޓީމުން ލީޑު ނެގިއެވެ. މެޗުގެ ކުރީކޮޅުގައި ފޮއެމަތިން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް، ޔުނައިޓެޑް އައުޓްރީފުން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނެރުމާއެކު މެޗުގެ އޮއެވަރު ބަދަލުވިއެވެ. ދަގަނޑޭގެ ނުރައްކާތެރި ދެ ހަމަލާއެއް ފޮއެމަތީގެ ގޯލްކީޕަރު މުހައްމަދު ލުފްޝާން (ޕަފް) މަތަކުރި އިރު، ޔުނައިޓެޑް އައުޓްރީފުން ހާފުގެ ފަހުކޮޅުގައި އެއްވަރު ކުރީ އަހުމަދު މުހައްމަދު (އައްޕަޓު) ޖެހި ހިތްގައިމު ގޯލުންނެވެ.
ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ފޮއެމަތިންނެވެ. ހާފުގެ ކުރީކޮޅުގައި އެޓީމުގެ މުހައްމަދު ސާދު ނިޒާރު ގޯލު ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، މެޗު އެއްވަރުކުރަން ޔުނައިޓެޑް އައުޓްރީފުން ކުރި މަސައްކަތް ކާމިޔާބު ނުވެގެން އުޅެނިކޮށް، ފޮއެމައްޗަށް މޮޅު ޔަގީންކޮށްދިނީ އަލީ މީސާގު އީސާ ޖެހި ގޯލަކުންނެވެ.
ރަސްހިންނެ އެސްސީން ކުއާޓާގެ ދެވަނަ މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުން ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ބީޖީއެސްސީ) ބަލިކޮށްގެންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ބީޖީއެސްސީން ވަނީ "ސަޕްރައިޒިން" ލީޑެއް ނަގައިފައެވެ. އެޓީމުގެ ގޯލު ޖެހީ މުހައްމަދު ޒިދާން އީސާއެވެ. އޭނާގެ އެ ގޯލުން ބީޖީއެސްސީ ލީޑު ނެގި ނަމަވެސް އެޓީމަށް ހަމަޖެހިލަން ފުރުސަތެއް ނުލިބުނެވެ. މެޗުގެ އަށްވަރަކަށް މިނެޓް ހިނގިތަނާ ބީޖީއެސްސީގެ ފަސް ފައުލް ހަމަވެ، އެޓީމުން ހާފުގެ ބާކީ ބައި ކުޅުނީ ޕްރެޝަރުގައެވެ. އެ ޕްރެޝަރު ތެރޭގައި ރަސްހިންނެއަށް ދުރު ޕެނަލްޓީއެއް ލިބި، އަހުމަދު ހަލީމް (އަންމަޑޭ) ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުން ރަސްހިންނެ މޮޅުވީ، މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސާމިން މުހައްމަދު ނަސީރު ޖެހި ގޯލުންނެވެ.
ރޭ ތިންވަނަ ކުއާޓާ މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ (އެމްޒެޑްޖޭ) އާއި ވައްޓަފާޅި ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ވާދަވެރިކޮށް ގޮސް، އެމްޒެޑްޖޭއިން މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެމްޒެޑްޖޭ އިން ތިން ފަހަރުވެސް ލީޑު ނެގި އިރު، އެޓީމުގެ ތިން ގޯލުވެސް ޖަހައިދިނީ މުހައްމަދު ޒީދާން ޒުހުރީއެވެ. ވައްޓަފާޅި އެސްސީގެ ގޯލުތައް ޖަހައިދިނީ ޝަހީމް އަބްދުލް ގާދިރާއި އަހުމަދު އައިހަމް (އައިހު)އެވެ.
ކުއާޓާ ފަހު މެޗު އައުޓްރީފް އެސްސީން ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. އައުޓްރީފުން ރޭ އަމިގޯސް ކައިރިން މޮޅުވީ 11-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އަލީ ޝާމިސް (ތޮއްޕެ) ހެޓްރިކް ފުރިހަމަ ކުރި އިރު، އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހް (ޝިޔާ)، މީގެން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން އަނެއް ގޯލުތައް ޖެހީ ތޯއިފް ގާސިމާއި ހުސައިން ނިހާން (ނިހާޓް) އަދި އަލީ ޝަމީމެވެ. އަމިގޯސްގެ މުހައްމަދު ސަމާހް އަތުން ބައިކޮޅަށްވެސް ފުރަތަމަ ހާފުގައި ގޯލެއް ވަދެފައިވެއެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.