ދުނިޔެ

ޗައިނާގެ ޖައްވީ އުޅަނދު ހަނދުގެ ދެކުނު ތަނޑީގައި ޖައްސައިފި

މުހައްމަދު އައުޒަމް

ޗައިނާގެ ޖައްވީ އުޅަނދު ހަނދުގެ ދެކުނު ތަނޑީގައި ޖައްސައިފިއެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއިން ޖައްވަށް ފޮނުވާލި އުޅަނދުގައި ހިމެނޭ ހަނދުގެ ދިރާސާ ކުރާ ހާއްސަ އުޅަނދު ''ޗޭންޖް 6'' ހަނދުގައި ޖައްސާފައިވަނީ ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ ރޭ 22:23 ގައި ކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނެފައިވެއެވެ.

ޗައިނާގެ ޖައްވީ އުޅަނދު ''ޗޭންޖް 6'' ގެ އެންމެ މައިގަނޑު މިޝަން އަކީ ހަނދުގެ ދެކުނު ތަނޑިން ހިލަ އާއި ވެލި އެއްކޮށް އެސާމާނު އިތުރު ދިރާސާއަށް ދުނިޔެއަށް ފޮނުވުން ކަމަށް އޮފިޝަލުން ބުނެއެވެ.

ތިން ދުވަހުގެ މަސައްކަތުން ''ޗޭންޖް 6' އަށް އެއްކުރެވޭ ހިލަ އަދި ވެލީގެ ބަރުދަނުގައި ދެކިލޯ ހުންނާނެ ކަމަށް ޗައިނާގެ ޖައްވީ އިދާރާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ހަނދުން ސާމްޕަލް ތަކާއެކު ހާއްސަ ކެޕްސޫލެއްގައި ދުނިޔެއަށް ގެނައުމަށް ރޭވިފައިވާ އެމިޝަން ކާމިޔާބު ވެއްޖެ ނަމަ މިއީ މިހާތަނަށް ހަނދުގެ ދެކުނު ތަނޑިން ދުނިޔެއަށް ސާމްޕަލް ގެނައުމަށް ގައުމަކުން ކުރާނެ ފުރަތަމަ މަސައްކަތެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ޗައިނާގެ ޖައްވީ އުޅަނދަކުން ވަނީ ހަނދުގެ އުތުރު ތަނޑިން 1.7 ކިލޯ ގެ ސާމްޕަލް ދުނިޔެއަށް ގެނެސްފައެވެ.

ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން މިހާރު ކުރިޔަށްގެންދާ އެންމެ ބޮޑު މަޝްރޫއަކީ 2026 ވަނަ އަހަރު ނާސާއާ ގުޅިގެން ހަނދަށް އިންސާނުން ފޮނުވުމަށް ރާވާފައިވާ ބޮޑު މިޝަންގެ މަސައްކަތް ކަމަށް އޮފިޝަލުން ބުނެއެވެ.