ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ފޮއެމަތި ސްޕޯޓްސް ކްލަބު ކުއާޓާ ފައިނަލް ޔަގީންކުރި އިރު، އަފޭންނާއި އަމިގޯސް ސްޕޯޓްސް ކްލަބު ވާދަކުރި މެޗު އެއްވަރު ވެއްޖެއެވެ.
ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.
ރޭ ފުރަތަމަ ކުޅުނު ގްރޫޕް ސީގެ މެޗުގައި ފޮއެމަތިން ނުކުތީ ޖީޖީއެސްސީއާ ދެކޮޅަށެވެ. އެ މެޗު ފޮއެމަތިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ފޮއެމަތިން ގްރޫޕް ސްޓޭޖު ނިންމާލީ ބަލިނުވެ، ދެމެޗުން މޮޅުވެ، އެއް މެޗުން އެއްވަރު ވެގެންނެވެ. އެ ގްރޫޕުން ކުއާޓާއަށް ދާ ދެވަނަ ޓީމުވެސް އޮތީ މިހާރު ކަށަވަރުވެފައެވެ. އެއީ އައުޓްރީފް އެސްސީއެވެ. އެހެން ނަމަވެސް، ގްރޫޕްގެ އެއްވަނަ ޔަގީންވާނީ މިރޭ އައުޓްރީފް އެސްސީން ބެސްޓް ބޯއީޒްއާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗުންނެވެ.
ރޭގެ މެޗުގައި ފޮއެމަތީގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ސާދު ނިޒާރާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. ސާދު އަދި ބައްކުވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު މެޗުގައި ޖަހައިފައެވެ.
ޖީޖީއެސްސީން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އަހުމަދު އަލްތޯފެވެ.
ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި އަފޭންނާއި އަމިގޯސް 2-2 އިން އެއްވަރުވި އިރު، އެ ގްރޫޕުން އަދި އެއްވެސް ޓީމަކަށް ކުއާޓާ ޔަގީންވެފައެއް ނުވެއެވެ.
އަފޭންނާއި އަމިގޯސްއަށްވެސް ދެމެޗުން ދެ ޕޮއިންޓް ލިބިފައި އޮތް އިރު، އެއްވަނައިގައި މިވަގުތު އޮތީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައި އޮތް ޔުނައިޓެޑް އައުޓްރީފެވެ. އެ ގްރޫޕްގައި ދެމެޗުން ތިން ޕޮއިންޓާއެކު އޮތް ކިންގް އެސްސީއަށްވެސް އަދި ކުއާޓާގެ އުންމީދު އެބައޮތެވެ. އެޓީމުން މިއަދު ހަވީރު އަމިގޯސްއާ ދެކޮޅަށް ނުކުންނަ އިރު، އެ ގްރޫޕްގެ ފަހު މެޗު އޮންނާނީ މިރޭ އެވެ. އެ މެޗުގައި އަފޭން ނުކުންނާނީ ޔުނައިޓެޑް އައުޓްރީފާ ދެކޮޅަށެވެ.
ރޭގެ މެޗުގައި އަފޭން ޓީމުން ޖެހި ދެ ގޯލުވެސް އާދަމް ވަޖީހު ޖަހައިދިން އިރު، އަމިގޯސްގެ ގޯލުތައް ޖެހީ އަލީ ނާސިހާއި މުހައްމަދު ޖިނާހެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
16:15 ކިންގް އެސްސީ - އަމިގޯސް
17:15 ވައްޓަފާޅި އެސްސީ - ސޭންޑްސް އޮފް ލާމު
20:15 ބެސްޓް ބޯއީޒް - އައުޓްރީފް އެސްސީ
21:15 އަފޭން - ޔުނައިޓެޑް އައުޓްރީފް