ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ވައްޓަފާޅި ސްޕޯޓްސް ކްލަބާއި ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ޖީޖީއެސްސީ) އިން ކާމިޔާބުކޮށްފިއެވެ.
ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.
ރޭ ގްރޫޕް އޭގައި ވައްޓަފާޅި އެސްސީން ކިއުއެމް ސްޕޯޓްސް ކްލަބު ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. އެއީ މުބާރާތުގައި ވައްޓަފާޅި އެސްސީން ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމު އޮތީ ފުރަތަމަ ކުޅުނު މެޗުގައި ރަސްހިންނެ އެސްސީ އަތުން ބަލިވެފައެވެ. އެ ގްރޫޕުން ރަސްހިންނެ ކުއާޓާ ފައިނަލް ޔަގީން ކޮށްފައިވާއިރު، ދެން އޮތް ޖާގައިގެ އުންމީދު ވައްޓަފާޅިއަށް ވަނީ ބޮޑުވެފައެވެ.
ރޭގެ މެޗުގައި ވައްޓަފާޅި އެސްސީގެ ގޯލުތައް ޖަހައިދިނީ ޝަހީމް އަބްދުލްއާއި އަލީ އަރުޝަދު އަދި އިބްރާހީމް ނަސްއަތެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނަސްއަތު ވަނީ ދެ ގޯލު ޖަހައިފައެވެ. ކިއުއެމްގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ އަހުމަދު ޝާމިޒެވެ.
ރޭގައި ދެން ކުޅެފައިވަނީ ގްރޫޕް ސީގައި ޖީޖީއެސްސީއާއި ބެސްޓް ބޯއީޒް ވާދަކުރި މެޗެވެ. އެ މެޗު ޖީޖީއެސްސީން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.
ޖީޖީއެސްސީން ފުރަތަމަ މުބާރާތުގައި ކުޅުނު މެޗުގައި ފޮއެމަތި ސްޕޯޓްސް ކްލަބު އަތުން ބަލިވެފައި އޮތުމުން، ކުއާޓާ ފައިނަލްގެ އުންމީދު އާކުރަން ރޭ އޮތީ މޮޅެއް ހޯދަން ޖެހިފައެވެ. ރޭގެ މޮޅާއެކު އެ ޓީމަށް ދެން އޮތް މެޗުން މޮޅުވެ، އަމިއްލަ ބާރުގައި ކުއާޓާއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ރޭގެ ގްރޫޕް ސްޓޭޖު މެޗުގައި ޖީޖީއެސްސީއަށް ތަފާތު ދެއްކީ އަހުމަދު ސޮބާހު (ސޮބާ) އެވެ. ލ. ހިތަދުއަށް ނިސްބަތްވާ ޖީޖީއެސްސީން ރޭގެ މެޗުގައި ޖެހި ހަތަރު ގޯލުވެސް ޖެހީ އޭނާއެވެ. ބެސްޓް ބޯއީޒްގެ ހަމައެކަނި ގޯލު ޖެހީ ހަސަން ފަރީދެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
16:15 ބީޖީއެސްސީ - ރަސްހިންނެ ނިއު ޖެނެރޭޝަން
17:15 ރަސްހިންނެ އެސްސީ - ކިއުއެމް ސްޕޯޓްސް އެކަޑެމީ
20:15 އަފޭން - އަމިގޯސް އެސްސީ
21:15 ފޮއެމަތި އެސްސީ - ޖީޖީއެސްސީ